ދުނިޔޭގެ ވިޔަފާރި

އެއާބީއެންބީގެ ޗައިނާ ވިޔަފާރި ބަންދުކުރަނީ


އޮންލައިންކޮށް ތަންތަން ކުއްޔަށް ނަގައިދޭ ކުންފުނި އެއާބީއެންބީގެ ޗައިނާ ވިޔަފާރި ބަންދުކުރަން ނިންމައިފިއެވެ.

ޗައިނާ ވިޔަފާރި ބަންދުކުރަން ކުންފުނިން ނިންމީ ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ޗައިނާގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއި ހެދި ދަތުރުފަތުރު ކުރުމަށް ދަތިވެ ކުންފުންޏަށް ފައިދާ ނުވާތީއެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޗައިނާއި ވިޔަފާރިއަށް ލިބިފައިވަނީ މުޅި ކުންފުނީގެ އާމްދަނީގެ 1 އިންސައްތައެވެ.

ކުންފުނިން މިހާރު އަމާޒު ހިފާފައިވަނީ ޗައިނާއިން އެހެން ހިސާބުތަކަށް ދަތުރުކުރާ މީހުންނަށެވެ. ބަލިމަޑުކަމުގެ ކުރިން ޗައިނާއިން އެހެން ހިސާބުތަކަށް ދަތުރުކުރި މީހުންވަނީ މިހާރަށްވުރެ އިތުރުވެފައެވެ. 2020 ވަނަ އަހަރުން ފެށިގެން ޗައިނާއިން އަންނަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ފިޔަވަޅުތައް ނާޅާވަރަށް ކޯވިޑާއި ދެކޮޅަށް ފިޔަވަޅުތައް އަޅަމުންނެވެ.

އެއާބީއެންބީން ޗައިނާގައި ވިޔަފާރި ފަށާފައިވަނީ 2016 ވަނަ އަހަރުއެވެ. އޭގެފަހުން 25 މިލިއަނެއްހާ މީހުންވަނީ އޭއާބީއެންބީ މެދުވެރިކޮށް ޚިދުމަތް ހޯދާފައެވެ.