ވިޔަފާރި

އެމްއެސްއެސްއަށް އިތުރު ބޯޓެއް ގެނެސް، ޖުލައިމަހު ސިންގަޕޫރަށް ދަތުރު ފަށަނީ


ޤައުމީ ޝިޕިންގ ލައިން، މޯލްޑިވްސް ސްޓޭޓް ޝިޕިންގއަށް އިތުރު ބޯޓެއް ގެނެސް ސިންގަޕޫރަށް ދަތުރުފަށަން ތައްޔާރުވެފައިވާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. މި ކުންފުނީގެ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭގައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވަނީ ކުންފުނި އިތުރަށް ފުޅާކުރުމަށް ހުރި ވިސްނުންތައް ހިއްސާކުރައްވާފައެވެ. އެގޮތުން މިހާރު އެމްއެސްއެސްއިން ޙިދުމަތްދޭ މަންޒިލްތަކުގެ އިތުރުން އެހެން މަންޒިލްތަކުން ރާއްޖެއަށް މުދާ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުﷲ ސައީދު ވިދާޅުވީ، ޖޫންމަހުގެ ތެރޭގައި އެމްއެސްއެސްއަށް އައު ބޯޓެއް ގެންނާނެކަމަށެވެ. އަދި މި ބޯޓު ލިބުމުން ކުންފުނީގެ ވިސްނުން ހުރީ ޖުލައި މަހުގެ ތެރޭގައި ސިންގަޕޫރުން ރާއްޖެއަށް މުދާ ގެންނަން ފެށުންކަމަށެވެ.

"މިހާރު އަޅުގަނޑުމެން މި ސަރވިސް މިދެނީ ޑައިރެކްޓް ފީޑަރ ސަރވިސްއެއް ކޮލަންބޯއިން މާލެއަށް. ބަލްކް ކެރިއަރގައި ފެށިގެންދާނީ ޔޫއޭއީކޮޅުން ގެންނަ މުދާ. އެއީ ބަލްކް މުދާ. އެހެންނަމަވެސް އަޅުގަނޑުމެން މި 2 ސެކްޓަރ އެކަނި ތިބޭކަށެއް ނޫން އަޅުގަނޑުމެންގެ ޕްލޭންތައް ހުރީކީ. އަޅުގަނޑުމެން ޖޫންމަހު މިލިބެނީ އަދި އިތުރު ބޯޓެއް. ލިބުނީމަ އަޅުގަނޑުމެން އެބަ ވިސްނަން ޖުލައި ހިސާބުން ފެށިގެން ސިންގަޕޯރ ސެކްޓަރއިން ޑައިރެކްޓްލީ އަނެއްކާވެސް ކޮންޓެއިނަރގެ މުދާ ދިނުމުގެ ޙިދުމަތް ފައްޓަން. މިހާރު ސިންގަޕޯރއިން އަންނަ މުދާވެސް އަންނަނީ ކޮލަންބޯއަށް. އައިސް އަޅުގަނޑުމެންގެ ބޯޓަށް މިއަރަނީ. އަދި ޔޫރަޕުން އަންނަ މުދާވެސް ދުބާއީ ކޮޅުން އަންނަ މުދާވެސް ޗައިނާއިން އަންނަ މުދަލެއް ވިއަސް މިއަންނަނީ ކޮލަންބޯއަށް." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މިހާރު ސިންގަޕޫރުން ގެންނަ މުދާވެސް މާލެ ގެންނަނީ ކޮލަންބޯއިންކަމަށެވެ. ނަމަވެސް މި ބޯޓު އޮޕަރޭޝަންއަށް ގެނެވުމުން ސިންގަޕޫރުން ސީދާ މާލެއަށް ދަތުރުތައް ފެށިގެންދާނެކަމަށް ސައީދު ވިދާޅުވިއެވެ. އެހާހިސާބުން ސިންގަޕޫރުވެސް އަދި ކޮލަންބޯވެސް ހަބަކަށް ވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ސަބަބުން ސިންގަޕޫރުން މުދާ ގެނައުން އަވަސްވެ ވިޔަފާރިވެރިންނަށްވެސް މާލީގޮތުންވެސް ބޮޑު ފައިދާއެއް ކުރާނެކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ސިންގަޕޫރަށްފަހު ދެން އެ ކުންފުނިން ޙިދުމަތް ފުޅާކުރަން ބޭނުންވަނީ ދުބާއީއަށްކަމަށެވެ. ދުބާއީއަކީވެސް މިހާރު ރާއްޖެއަށް ގިނަ އަދަދަކަށް މުދާ ބޭރުކުރާ ގައުމެކެވެ.

އެމްއެސްއެސްގެ އަމިއްލަ ބޯޓު ގަލޭނާގެ އިތުރުން ދާދި ފަހުން އެ ކުންފުނިން ވަނީ ބަލްކް ކެރިއާއެއް ގަނެފައެވެ. "އެމްއެސްއެސް ކްރޮމް"ގެ ނަން ދީފައިވާ މި ބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެއަށް ކޮންސްޓްރަކްޝަން ސާމާނު އެތެރެކުރުމަށެވެ. މިބޯޓު ވަރަށް އަވަހަށް މުދަލާއެކު ރާއްޖެ އަންނާނެއެވެ.