ޚަބަރު

އިންޑިއާގެ ވިސްތާރާ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި


ވިސްތާރާ އެއަރލައިންގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފެށުން، ފޮޓޯ- އެމްއޭސީއެލް

އިންޑިއާގެ ވިސްތާރާ އެއަރލައިންގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ވިސްތާރާ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ކުރަނީ އިންޑިއާގެ މުމްބާއީން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. އެއަރލައިނުން ރާއްޖެއަށް ދުވާލަކު އެއް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވިސްތާރާ އެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެއަރބަސް A320 މަރުކައިގެ މަތިންދާ ބޯޓެވެ.

ވިސްތާރާ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުން، ފޮޓޯ- އެމްއޭސީއެލް

ވިސްތާރާ އެއަރލައިނުން ވަނީ މީގެކުރިން ރާއްޖެއަށް ޗާޓަރު ދަތުރުތަކެއްވެސް ބާއްވާފައެވެ. އެގޮތުން އޭރު އެއަރލައިނުން ރާއްޖެއަށް ބާއްވަމުން އައީ ހަފްތާއަކު 3 ދަތުރެވެ. އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވަމުން އަންނައިރު އެޤައުމާއި ރާއްޖެއާ ދެމެދު ގިނަ އެއަރލައިންތަކަކުން ދަނީ ދަތުރުތަށް ބާއްވަމުންނެވެ. އެގޮތުން އެއަރ އިންޑިއާ، ގޯ އެއަރލައިން، ގޯ އެއަރ އިން އަންނަނީ ރާއްޖެއަށް ދަތުރުތަށް ބާއްވަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އަންނަނީ އިންޑިއާ ފަތުރުވެރިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 677028 ފަތުރުވެރިން އައިސްފައިވާއިރު، މީގެތެރެއިން 13.6 އިންސައްތަ އަކީ އިންޑިއާ ފަތުރުވެރިންނެވެ.