ޚަބަރު

ދަރަވަންދޫ ޅެންވެރިންގެ މަދަހަ އަލްބަމެއް ޕީއެސްއެމްއަށް ހަދިޔާކޮށްފި


ބ.ދަރަވަންދޫގެ ޅެންވެރިން ތައްޔާރުކޮށްފައިވާ ޅެންތަކެއްގެ މައްޗަށް ކިޔާފައިވާ މަދަހަ އަލްބަމެއް ޕީއެސްއެމްއަށް ހަދިޔާކޮށްފިއެވެ.

ދަރަވަންދޫގެ 6 ޅެންވެރިއެއްގެ ޅެންތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ މި މަދަހަ އަލްބަމް ޕީއެސްއެމްއާ ހަވާލުކޮށްދެއްވީ ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ޝަމީޙްއެވެ. އަދި އެ އަލްބަމާ ޕީއެސްއެމްއިން ހަވާލުވީ މެނޭޖިން ޑިރެކްޓަރ އަލީ ޚާލިދްއެވެ.

ދަރަވަންދޫ ޅެންވެރިންގެ ގްލްޒާރުގެ ނަމުގައި ތައްޔާރުކޮށްފައިވާ މި މަދަހަ އަލްބަމުގައި ޖުމުްލަ 12 މަދަހަ ހިމެނެއެވެ. މި މަދަހަތައް ކިޔުއްވާފައިވަނީ އެރަށަށް ނިސްބަތްވާ މުޙައްމަދު މުޞަތަފާއާއި ނާފިޒާ ޢަބްދުﷲ އެވެ. މިއީ ދިނީ ނަޞޭހަތްތަކާއި ސަނާއާއި ދުޢާތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ މަދަހަ އަލްބަމެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން މި އަލްބަމްގައި ހިމެނޭ 10 މަދަހަ ކިޔާދީފައިވާ މުޙައްމަދު މުޞަތަފާ ބުނީ މަދަހަ އަލްބަމެއް ނެރުމުގެ ބޭނުމަކީ ދަރަވަންދޫއަކީ ގިނަ އަދެއްދެ ޅެންވެރިން އުފެދިފައިވާ ރަށެއް ކަމުން އެމީހުން ކޮށްފައިވާ މަސައްކަތްތައް ރައްޔިތުންނަށް އަޑު އިއްވުންކަމަށެވެ. އަދި މި މަދަހަތަކުގެ ރެކޯޑިން ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭގައިކަން ފާހަގަކޮށް އޭނާ ބުނީ މިހާރުވެސް އެ ރަށުގައި ޅެންވެރިން އުފެދެމުން އަންކަމަށެވެ.

މި މަދަހަތަކުގެ ޅެން ތައްޔާރުކޮށްފައިވާ ޢަބްދުﷲ މުޢާޒް ޔޫސުފްގެ ޅެންތަކަށް ތައްޔާރުކޮށްފައި ލަވަތައް މިހާރުވެސް ބާޒާރުގައި އެބަހުއްޓެވެ. ޢަބްދުﷲ މުޢާޒް ޔޫސުފްއަކީ މިހާރުވެސް ޅެން ތައްޔާރުކުރަމުން އަންނަ ފަންނާނެކެވެ. ޚާއްސަކޮށް ސްކޫލް ދަރިވަރުންނަށް މަދަހަ ޅެން ތައްޔާރުކޮށްދެއެވެ.

މަދަހަތައް ރެކޯޑް ކުރުމާއި އަލްބަމްތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ކަމަށް ސާމިރު ހަސަން ބުންޏެވެ. އެހެންނަމަވެސް ކޯވިޑްގެ ސަބަބުން މި މަސައްކަތަށްވެސް ބުރު އެރިކަމަށާއި ނަމަވެސް މި އަލްބަމް ތައްޔާރުކުރުމުގެ ހުރިހާ މަސައްކަތަކީ 100 އިންސައްތަ ދަރަވަންދޫ ރައްޔިތުންގެ މަސައްކަތްކަން އޭނާ ފާހަގަކުރިއެވެ.

ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ޝަމީޙް ވިދާޅުވީ މިފަދަ މަސައްކަތްތަކަކީ ދަރަވަންދޫގެ ރައްޔިތުން ވަރަށްބޮޑަށް ބޭނުންވެފައިވާ މަސައްކަތްތަކެއްކަމަށެވެ. ދަރަވަންދޫއަކީ ހުރިހާ ދާއިރާއަކުންވެސް ފަންނުވެރިން އުފެދިފައިވާ ރަށެއްކަން ފާހަގަކޮށް އެނާ ވިދާޅުވީ މީގެ ކުރިން އެ ފަންނު އައްމުންނަށް ދެއްކޭނެ ގޮތް ނެތްކަމަށެވެ. ނަމަވެސް މި މަދަހަ އަލްބަމުގެ ސަބަބުން މިފަދަ އިތުރު ފުރުޞަތުތައް ފަހިވެގެން ހިނގައްކަން އޭނާ ފާހަގަކުރިއެވެ.

ދަރަވަންދޫގެ ޅެންވެރިން ތައްޔާރުކޮށްފައިވާ ޅެންތަކެއްގެ މައްޗަށް ކިޔާފައިވާ މަދަހަ ހަމައެކަނި ފެންނާނީ ޕީއެސްއެމްގެ ޗެނެލްތަކުންނެވެ. މިމަދަހަތައް ތައްޔާރު ކުރި ފަރާތުން ބުނީ މީގެ އިތުރު އަލްބަމްތަކެއް ނިކުންނާނެކަމަށެވެ.