ވިޔަފާރި

މިއަހަރުގެ އައިއެމްޓީއެމް ފެއަރގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް


އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވެލް މާރކެޓް (އައިއެމްޓީއެމް)ގެ މީޑިއާ ޕާޓްނަރަކަށް ޕަބްލިކް ސަރވިސް މީޑިއާ ހަމަޖައްސައިފިއެވެ. މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއެކޮށްފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދެވެ. އަދި އައިއެމްޓީއެމްގެ ފަރާތުން ސޮއެކޮށްފައިވަނީ އެ ކުންފުނީގެ އެމްޑީ ޝިއުނާ ޚާލިދެވެ.

އައިއެމްޓީއެމްއަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ ވިޔަފާރި ބޭރުގެ ފަރާތްތަކަށް އިސްތިހާރުކުރުމަށް ކުރިއަށްގެންދާ ފެއާއެކެވެ. މިފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ލޯކަލް ގެސްޓް ހައުސްތަކާއި ރިސޯޓްތަކާއި ޑައިވް ސެންޓަރުތަކާއި ލޯކަލް ޓްރެވަލް އެޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުން ބައިވެރިވާނެއެވެ.

އައިއެމްޓީއެމް ފެއަރގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖެއްސުމުން ޕީއެސްއެމްގެ އެކި ޗެނަލްތައް މެދުވެރިކޮށް މި ފެއަރގެ ޚަބަރާއި މައުލޫމާތު ގެނެސްދޭނެއެވެ.

ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި އެދާއިރާއާ ގުޅުންހުރި ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިފެއާ ބާއްވާ މިއީ 5ވަނަ އަހަރެވެ. މިއަހަރުގެ އައިއެމްޓީއެމް ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައިމަހުގެ 20 އިން 21 އަށެވެ. މި ފެއަރގެ ތެރެއިން ފަތުރުވެރިކަމާއި ގުޅުންހުރި އެކިއެކި ފޯރަމްތައް ކުރިއަށްދާނެއެވެ.

މިއަހަރުގެ އައިއެމްޓީއެމް ފެއަރގައި 20 ޤައުމަކުން 100 ފަރާތެއް ބައިވެރިވާނެއެވެ. އަދި ރާއްޖޭގެ ރިސޯޓް، ހޮޓެލް، ސަފާރީ، ހޯމްސްޓޭއިން 800 ފަރާތުން ބައިވެރިވާނެއެވެ. މިއަހަރުގެ ފޯރަމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ކޯވިޑް ޕެންޑަމިކްގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން ހުރި ގޮތައް ގެންދިއުމަށެވެ.