ޚަބަރު

އެހެން މީހަކަށް އެސައިންމަންޓް ހަދައިދިނުމަކީ އޮޅުވާލުމެއް، އެއީ ޤާނޫނީ ކުށެއް!


ރާއްޖެއަށް މިހާރު ބަލާލާނަމަ މަތީ ތަޢުލީމްގެ އެކި ފުރުޞަތުތައް ދަރިވަރުންނަށް މިވަނީ ފަހިވެފައެވެ. ރާއްޖޭގައި ތިބެގެންނާއި ރާއްޖެއިން ބޭރުންވެސް އެ ފުރުޞަތުތައް ދިވެހި ދަރިވަރުންނަށް ފަހިވާލެއް އިހަށްވުރެ އިތުރެވެ. އެކި ދާއިރާތަކުން ތަޢުލީމު ހާސިލްކޮށް ވަޒީފާއަށް ނުކުންނަ އެތަކެއް މޮޅެތި ކުދިންގެ ޢަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

ނަމަވެސް އެފަރާތްތަކުގެ ފެންވަރު ނެތް ވާހަކައަކީ އަބަދުހެން އިވޭ ވާހަކަތަކެވެ. އެހެންނަމަވެސް ހަގީގަތަކީ ތައުލީމީ ޤާބިލް ޒުވާނުން މިގައުމުގައި ގިނަކަމެވެ. ނަމަވެސް މަތީ ތައުލީމަށް ކުރާ ދަތުރުގައި ބޮޑު މަކަރެއް ހަދާކަމެވެ. ދައްކަން މިއުޅޭނީ ރާއްޖޭގެ މޮޅެތި ކުދިން އުފެދޭ ނުވަތަ މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުވާ ވާހަކައެއްނޫނެވެ. މޮޅު ސެޓްފިކެޓެއް ހޯދުމާއި އެސެއިންމަންޓްގެ ވާހަކައެވެ.

"އެސައިންމަންޓް" މިލަފްޒް އަޑު އިވުނަސް ބޮލުގައި ރިއްސާލައެވެ. އެންމެ ބޭނުންވާ ފެންވަރަށް އެސައިންމަންޓް ނުހެދިދާނެކަމުގެ ބިރާއި ވަގުތަށް ސަބްމިޓް ނުކުރެވިދާނެކަމުގެ ބިރެވެ. ކޮލްޖެ ޔުނިވަރސިޓީގެ ސެމިސްޓަރ ފަށާ ފުރަތަމަ ދުވަހުވެސް އެ ސެމިސްޓަރގެ މާއްދާތަކުގެ އެސައިންމަންޓްގެ މަޢޫލޫމާތުތައް ދަރިވަރުންނާ ހިއްސާކުރާނެއެވެ. އެ ދުވަހުން ފެށިގެން އެއްބައި ކުދިން އެސައިންމަންޓްގެ މަސައްކަތް އަވަހަށް ފަށަން ހިތުއަޅާނެއެވެ. އަނެއްބައި ކުދިން އެކަމުގެ އަމަލީ މަސައްކަތްތައް ފަށާނެއެވެ. ނަމަވެސް ކިޔަވާ ގިނަ ކުދިންނަކީ ވަޒީފާއަކަށް ދަމުން ކިޔެވުމަށް ވަގުތުދޭ ކުދިންނެވެ. އެހެންކަމުން ބައެއް ފަހަރު ކިޔެވުމަށް ދޭން ޖެހޭ ވަގުތު ނުދެވޭތަން ފެނެއެވެ. ނަތީޖާއެއްގެ ގޮތުން ދަރިވަރު އަމިއްލައަށް ތައްޔާރުކުރަން ޖެހޭ އެސައިންމަންޓް ހަދަނީ އެންމެ ފަހުވަގުތުގައެވެ. ސަބްމިޓް ކުރަންޖެހޭ ދުވަހުގެ އެއް ދުވަސް ކުރިން ނުވަތަ ރޭގަނޑު ދަމަށް އިނދެގެންނެވެ. މިހެން ވުމުގެ ސަބަބުން އެކި މީހުން ތައްޔާރުކޮށްފައި ހުންނަ އެސައިންމަންޓްތައް ނުވަތަ އެކި ވެބްސައިޓްތަކުން ކޮޕީ ޕޭސްޓްކޮށް އެސައިންމަންޓްތައް ތައްޔާރުކޮށް ސަބްމިޓްކޮށްލައެވެ.

.ޔުނިވަރސިޓީގައި ކުރިއަށް ގެންދާ ބައެއް މާއްދާތަކަކީ އެސައިންމަންޓްއާއި ފެންވަރު ބެލުމަށް ދޭ އިމްތިޙާނުން ފާސްވެގެން ނޫނީ އެ މައްދާއަކުން ފާސް ނުވާ މާއްދާތަކެވެ. އެހެންކަމުން ކޮންމެ ކަމެއްވިނަމަވެސް އެސައިންމަންޓްއިން ފާސްވޭތޯ ދަރިވަރުން ބަލައެވެ. އިސްވެ ދެންނެވި ގޮތަށް އެސައިންމަންޓްތައް ހަދާ ކުދިންގެ އިތުރަށް ދެން ދަރިވަރުން އެސައިންމަންޓްތައް މި ދޫކޮށްލަނީ ކޮންމެވެސް އެހެން މީހެއްގެ އަތްމައްޗަށެވެ.

ބޮޑު އަގުދީގެން އެސައިންމަންޓްތައް ހަދައިދޭ މީހުންގެ އަތްމައްޗަށެވެ. މިހެން ކަންތައްކުރުމުގެ ސަބަބުން އެ އެސައިންމަންޓަކަށް ރަނގަޅު މާކުހެއް ލިބުނުނަމަވެސް އިމްތިހާނުން ފާސްނުވާ ހާލަތްތައް މެދުވެރިވެއެވެ. އެއާއެކު މޮޅު ސެޓްފިކެޓެއް އޮތްނަމަވެސް އެ ކުއްޖަކުގައި ކިބަިއގައި ޤާބިލުކަން ނުވަތަ ފެންވަރެއް ނުހުރެއެވެ.

ބޮޑު އަގުގައި އެސައިންމަންޓް ހަދައިދިނުން

ރާއްޖޭގައި މަތީ ތައުލީމް ދިނުމަށް ގިނަ ކޮލެޖުތަކަކާއި ޔުނިވާސިޓީ ހިންގާއިރު ކުދިންގެ ފެންވަރު ކަނޑައަޅަނީ ކުދިން ލައްވައި ހަދާ ޓެސްޓްތަކާއި އެސައިމަންޓްތަކުންނެވެ. މަތީ ތަޢުލީމް ފޯރުކޮށްދޭ ބައެއް މަރުކަޒުތަކުން ގޭގައި ހަދަން ޖެހޭ ބައެއް އެސައިމަންޓަށް %40އިން ފެށިގެން %70އާ ހަމަޔަށް މާކްސް ދެއެވެ. އަދި އެއްވެސް އިމްތިހާނަކާ ނުލައި %100 އެސައިންމަންޓުން ކުއްޖާ ފާސްވާ މާއްދާތައްވެސް ބައެއް މަރުކަޒުތަކުގައި ކުރިއަށް ގެންދެއެވެ. މީގެ ނަތީޖާއަކީ ކުއްޖާ އެހެން މީހެއްލައްވައި އެސައިންމަންޓް ހަދައިގެން މަތީތައުލީމްގެ ސެޓް ފިކެޓު ހޯދުމެވެ.

މި ދެންނެވި ގޮތަށް އާއިލާގެ މީހަކު ލައްވައި ނުވަތަ އެނޫން މީހަކު ލައްވާ އެސައިންމަންޓްތައް ހެދުމުގެ އިތުރަށް އަގަށް އެސައިންމަންޓްތައް ހަދަ މީހުންލައްވާ އެސއިންމަންޓްތަކީ ކުއްޖާގެ ފެންވަރަށްވުރެ މަތީ އެސައިންމަންޓްތަކަށްވެސް ވެފައި އެބަހުއްޓެވެ. ރާއްޖޭގައި މިހާރުވެސް އަގަށް އެސައިންމަންޓްތައް ހަދައިދޭ މީހުން އުޅެއެވެ. ގާތްގަޑަކަށް 500 އާއި 3000 ރުފިޔާގެ ދެމެދުގެ އަގުތަކަށް އެކި މީސްމީހުން އެސައިންމަންތްތައް ތައްޔާރުކޮށްދެއެވެ. މީގެ އިތުރަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައިވެސް މިކަން އިސްތިހާރުކޮށް އެ މަސައްކަތް ކުރާ މީހުން އެބަތިއްބެވެ.

އެސައިންމަންޓަށް މަކަރު ހެދުން އިންތިހާއަށް އާންމުވެފައިވާ އިރު، އެއީ ކިޔަވައިދެއްވާ ލެކްޗަރާއިންނަށް ވެސް ފާހަގަވާ ބޮޑު މައްސަލައެކެވެ. ނަމަވެސް ހިތާމައަކީ އެކަމަށް އެޅޭނެ ހަރުދަނާ ފިޔަވަޅެއް ނެތުމެވެ.

އެހެން މީހަކު އެސައިންމަންޓް ހަދައިދޭނަމަ އެއީ ޤާނޫނީ ކުށެއް

ކުދިންގެ ނަތީޖާގެ ބޮޑުބައެއް އެސައިންމަންޓްތަކުން ވަޒަންކުރާއިރު އެސައިންމަންޓްތަކަށް މަކަރު ހަދާކަން ކިޔަވައިދޭ މަރުކަޒުތަކަށްވެސް ފާގަކުރެއެވެ. އަދި އެކަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއްވެސް ބައެއް މަރުކަޒުތަކުން އަޅާފައި އެބަހުއްޓެވެ .އެސައިންމަންޓަށް މަކަރު ހެދުން އިންތިހާއަށް އާންމުވެފައިވާ އިރު، އެއީ ކިޔަވައިދެއްވާ ލެކްޗަރާއިންނަށް ވެސް ފާހަގަވާ ބޮޑު މައްސަލައެކެވެ. މީގެ ކުރިން މިކަން ހުއްޓުވުމަށް ޤާނޫނީ ފިޔަވަޅެއް ނޭޅިނަމަވެސް މިހާރު މިވަނީ އެކަންވެސް ކުރަން ނިންމާފައެވެ. މަތީ ތަޢޫލީމާއި ތަމްރީންގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤަވައިދުން މިކަން ކުށްވެރި ކުރެއެވެ.

މިގޮތުން "މަތީ ތަޢުލީމާއި ތަމްރީންދޭ މަރުކަޒުތަކާ ބެހޭގޮތުން ހުށަހަޅާ ޝަކުވާތައް ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ" ޤަވާއިދުގައިވަނީ މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒެއްގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަކުރަންޖެހޭ އެކަޑަމިކް މަސައްކަތެއް އަގަށް ނުވަތަ އެނޫންވެސް ގޮތަކަށް އެހެން ފަރާތަކުން ކޮށްދިނުމާއި ކޮށްދިނުމަށް ހުށައެޅުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި އެ ކަމުގެ ޢަދަބެއްގެ ގޮތުން 5000 ރުފިޔާއިން ޖޫރިމަނާކޮށް އެ ދަރިވަރަކު ކިޔަވަމުން ދާ މަރުކަޒަކުން އެކަމާމެދު އަޅަން ބޭނުންވާ ފިޔަވަޅެއް އެޅޭނެއެވެ. އަދި އެފަދަ އެއްވެސް ފިޔަވަޅެއް އަޅައިފިނަމަ ކަން ހިނގާދިޔަ ގޮތުގެ ތަފްސީލް ރިޕޯޓެއް ރަސްމީ 3 ދުވަހުގެ ތެރޭގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް ހުށައަޅަންޖެހެއެވެ.

ސަރުކާރުގެ ޚަރަދުގަ އާއި ލޯނުގެ އެހީގައި ދަރިވަރުންނަށް ކިޔަވައިދޭން ކުރާ މަސައްކަތުގައި މަކަރު ހަދާނަމަ އެއީ ދަރިވަރުންގެ އިތުރަށް ޤައުމަށްވެސް ލިބޭނެ ގެއްލުމެކެވެ. ޤައުމަށް ޚިދުމަތް ކުރަން ނުކުންނަ ދަރިންނަނީ މަކަރާއި ޙީލަތުން ހޯދާފައިވާ ސެޓްފިކެޓެއްގެ ވެރިއަކަށްވެއްޖެނަމަ އެއީ ރާއްޖޭގެ ތަރައްޤީ އާއި އުފެއްދުންތެރިކަމަށް ވެސް އޮތް ބޮޑު ހުރަހެކެވެ. މިހާރު މިވަނީ މިކަން ހުއްޓުވުމަސްވެސް ޤާނޫނަކުން ބާރު ލިބިފައެވެ. ފިޔަވަޅު އެޅެނެ ގޮތްވެސް ހަމަޖެހިފައެވެ. އެހެންނަމަވެސް މިއީ އެއްވެސް ދަރިވަރަކަށް ޖެއްސުމަށް ނުވަތަ ގެއްލުން ދިނުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއްނޫނެވެ. މިއީ ތިމާއާއި މުޅި މުޖުތަމަޢުގެ ލާބައަށް އަޅަން ނިންމާފައިވާ ފިޔަވަޅެކެވެ.