ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް އިންތިޤާލީ ބަޖެޓެއް ފާސްކުރަން ހުށަހެޅުމަށް އެ ޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ނިންމަވައިފިއެވެ.
މީގެ ދެ ހަފުތާ ކުރިން ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގަތް ރަނިލް ވިދާޅުވީ އިންތިޤާލީ ބަޖެޓުގައި އިސްކަންދޭނީ ތަރައްޤީއަށް ކުރަމުންދާ ޚަރަދުތައް ކުޑަކޮށް އެ ފައިސާ އެ ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިޘާއިން އަރައިގަތުމަށް ހޭދަކުރުމަށެވެ. އަދި ދަޢުލަތުގެ ޚަރަދުތައް ކުޑަކޮށް ޢާއްމު ރައްޔިތުންގެ ޙާލަތު ރަނގަޅުކުރުމަށް ބޮޑު ހޭދައެއް ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި ކުރުމަށް ނިންމަވާފައިވާކަމަށްވެސް ރަނިލް ވިދާޅުވިއެވެ. ނަމަވެސް ޞިއްޙީ ދާއިރާފަދަ ސީދާ ރައްޔިތުންނާ ގުޅުންހުރި ދާއިރާތަކުން ޚަރަދު ކުޑަކުރުމަކީ ކުރެވޭނެކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
ސުރީ ލަންކާގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ ދިގުލައިގެން ގޮސްފައިވާ މުޒާހަރާތަކާ ގުޅޭގޮތުން ރަނިލް ވިދާޅުވީ ޢާއްމުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުމުން މުޒާހަރާކުރާނެކަމަށެވެ. ނަމަވެސް މުޒާހަރާތަކުގެ ސަބަބުން ޤައުމުގެ ހިންގުން ހުއްޓި ބޮޑު ސިޔާސީ ހަމަނުޖެހުމަކަށް ދިޔުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޯވިޑް-19އާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ދަށުން ގިނަ ދުވަސްތަކަކަށް ސުރީ ލަންކާގެ ސަރަޙައްދީ ރޮނގު ބަންދުކުރުމުގެ ސަބަބުން އެ ޤައުމުގެ ފަތުރުވެރިކަމުގެ ނިޒާމު ހުއްޓުމަކަށް އައިސް ބޭރު ފައިސާ ލިބޭނެ މަގުތައް ބަންދުވުމުގެ ސަބަބުން އުފެދުނު އިޤްތިޞާދީ މައްސަލަތައް ޙައްލުކުރުމަށް ފައިސާ ޗާޕުކުރަން މަޖުބޫރުވެފައިވާކަމަށް ރަނިލް ވިދާޅުވިއެވެ. އެ ގޮތުން ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އެއް ޓުރިލިޔަން ސުރީ ލަންކާ ރުޕީސް ޗާޕުކުރަން ނިންމާފައިވާކަމަށް ވިދާޅުވަމުން ރަނިލްވަނީ އޭގެ ސަބަބުން ތަކެތީގެ އަގު %40އަށްވުރެ ބޮޑުވުން އެކަށީގެންވާކަމަށެވެ. މިދިޔަ މާރިޗު މަހުގެ ތެރޭގައި ސުރީ ލަންކާގެ ތަކެތީގެ އަގުވަނީ %21.5އަށް ބޮޑުވެފައެވެ. އަދި ޖެހިގެން އައި އޭޕުރިލް މަހުގެ ތެރޭގައި ތަކެތީގެ އަގުވަނީ %33.8އަށް ބޮޑުވެފައެވެ.
ސުރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކާ މަޝްވަރާކުރަންވަނީ ފަށައިފައެވެ. އަދި އެ ޤައުމުގެ މާލީ ވަޒީރުކަމުގެ މަސްޢޫލިއްޔަތާ އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަވަނީ ޙަވާލުވެވަޑައިގެންފައެވެ.