ޚަބަރު

މާކުރަތު ބަނދަރު ހެދުމުގެ މަސައްކަތް ފަށަން ތައްޔާރު!


ރ.މާކުރަތު ބަނދަރު މަރާމާތުކޮށް ބޮޑުކުރުމުގެ މަސައްތް ފެށުމަށް މަސައްކަތުގެ ކޮންޓެކްޓަރ އެމްޓީސީސީއިން ތައްޔާރު ވެއްޖެއެވެ. އެރަށު ބަނދަރުގެ މަސައްކަތް ފެށުމަށް މިއަދުވަނީ ސައިޓް މޮބަލައިޒް ކޮށްފައެވެ.

2009ވަނަ އަހަރު މާކުރަތުގައި ބަނދަރެއް ހަދާފައިވެއެވެ. ނަމަވެސް ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާފައެއް ނުވެއެވެ. ބަނދަރުގައި އޮންނަ ހުޅަނގު ފަރާތު ހުރަސްތޮށީގެ މަސައްކަތް ނުނިންމައި އޮތުމުން އެތަން ބޭނުންކުރަމުން ނުދާކަމަށް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އެސަރަހައްދުގައި ބޭނުން ނުކުރެވެނީ ސީޓްޕައިލް ޖަހާފައި ނެތުމުންކަމަށް އޭނާ ވިދާޅުވިއެވެ.

އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ރަމީޒް ވިދާޅުވީ ބަނދަރު އޭރު ހެދިއިރު ހަދާފައި އޮތް ޕޭވްމަންޓް ހަނިވުމާ އަރާ ފޭބުމަށް ހަދާއިހުރި ސިޑީގެ ފައިއަޅާތަން ކުޑަވުމަކީ ބަނދަރު ބޭނުން ކުރާފަރާތްތަކަށް އޮތް ބޮޑު ގޮންޖެހުމެއްކަަމަށެވެ. އަދި ބައެއް ހާލަތްތަކުގައި މާލެއިން މުދާ ހިފައިގެން މުދާ ބޭލުމަށް ފަޅުގައި މަޑުކުރާއިރު އަތޮޅު ފެރީ ޓާމިނަލް ހަދާނެ ޖާގަ ނޯންނަކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިރަށު ފަޅަށް ވަދެ ނުކުތުމަށް ހަދާފައި އޮންނަ ނެރު ކަނޑާފައި އޮންނަ ދިމާގެ ސަބަނުން ފަޅަށް ރާޅުވައްދައި ގަދަވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިހެން ރާޅު ވައްދާ ދުވަސްތަކުގައި ނުރަކާވޭ. މީހުންނަށްވެސް އަނިޔާ ލިބިފައި އެބަހުރި. ބޮޑެތި އަނިޔާ ނުލިބުނަސް މިކަމަކީ ކޮންމެހެން ހައްލުކުރަން ޖެހިފައި އޮތް މައްސަލައެއް" މާކުރަތު ކައުންސިލްގެ ރައީސް މުހައްމަދު ރަަމީޒް ވިދާޅުވިއެވެ.

މާކުރަތުގައި މިހާރު ހަދާފައި އޮތް ބަނދަރަކީ 600 ފޫޓް ދިގު 272 ފޫޓް ފުޅާބަނދަރެކެވެ. ބަނދަރު މަރާމާތު ކޮށް ބަނަދަރަށް އިތުރު ކުރުމަށް ނިންމާފައިވަނީ 252 ފޫޓް ނުވަތަ 77 މީޓަރެވެ. މިހާރު ބެޭނުން ކުރަމުންދާ ބަނދަރުގެ މަރާމާތުގެ މަސައްކަތާއެކު ނިންމާ ގޮތައް ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން 45،024 އަކަމީޓަރު ބަނދަރު ފުންކުރާނެއެވެ. އަދި 140 މީޓަރު ބޭރުތޮށި ޖެހުމާއި، 85 މީޓަރު ރިވެޓްމެންޓް ޖެހުމާއި، 28 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެއެވެ. އަދި 129 މީޓަރު އެއްގަމުތޮށި ޖެހުމާއި، 26 މޫރިންގ ރިންގް ހަރުކުމާއި، ބޮޑެތި އުޅަނދުތައް އެޅުމަށް ޚާއްސަކޮށް 5 މޫރިންގ ބޮއި ހަރުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ރޭމްޕް ހެދުމާއި، 641 އަކަމީޓަރުގެ ޕޭވްމަންޓު ހެދުމާއި، ބަނދަރު ހިމެނޭ ސަރަހައްދުގައި މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް މި މަސްރޫއުގެ ދަށުން ކުރެވިގެންދާނެއެވެ. މި މަޝްރޫޢަށް 26.6 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މި މަސްރޫއުގެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. މިބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކުރީ 350 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތައް 26.6 މިލިއަން ރުފިޔާއަށެވެ.