ވިޔަފާރި

މެދުއިރުމަތީގެ 3 ސިޓީއެއްގައި އެމްއެމްޕީއާރުސީން ރޯޑްޝޯތަކެއް ފަށައިފި


ދިވެހިރާއްޖެއާ މެދުއިރުމަތީގެ ފަތުވެރިކަމުގެ ދާއިރާގައި އިސްރޯލެއް އަދާކުރާ ފަރާތްތަކާއި ދެމެދު ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މި ސަރަހައްދުގެ 3 ސިޓީއެއްގައި އެމްއެމްޕީއާރުސީން ރޯޑްޝޯއެއް ފަށައިފިއެވެ.

މި ސިލްސިލާގެ ފުރަތަމަ ރޯޑްޝޯ މިމަހުގެ 23ގައި ބާއްވާފައިވަނީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގައެވެ. 25ވަނަ ދުވަހު ރޯޑްޝޯ ބާއްވާނީ ޖިއްދާގައެވެ. އަދި 26ވަނަ ދުވަހު މި ރޯޑްޝޯ ކުރިއަށްދާނީ ކުވެއިތުގައެވެ.

މި ހަރަކާތުގެ އަމާޒަކީ އިންޑަސްޓްރީ ޕާޓްނަރުންނާއެކު މެދުއިރުމަތީ މާކެޓުގައި ދިވެހިރާއްޖޭގެ މަގުބޫލުކަން ދަމަހައްޓާ އިތުރުކޮށް ރާއްޖެއާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް މި މާކެޓުން ދިވެހިރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ. މި ރޯޑްޝޯތަކުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައްކަމަށްވާ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތައް އެމްއެމްޕީއާރުސީއާއި އިންޑަސްޓްރީ ޕާޓްނަރުން އިސްތިހާރުކުރާނެއެވެ.

ރިޔާޟުގައި ކުރިއަށްދިޔަ ރޯޑްޝޯގައި 16 އިންޑަސްޓްރީ ޕާޓްނަރުން ބައިވެރިވަމުންދާއިރު ޖިއްދާގައި ބާއްވާ ރޯޑްޝޯގައި 18 ޕާޓްނަރުން ބައިވެރިވާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މީގެއިތުރުން ކުވައިތު ސިޓީގައި ބާއްވާ މި ސިލްސިލާގެ އެންމެ ފަހު ރޯޑްޝޯގައި 17 ފަރާތުން ބައިވެރިވެއެވެ.

"ކަނެކްޓް ވިތް މޯލްޑިވްސް، ދަ އަލްޓިމޭޓް ޑްރީމް ޑެސްޓިނޭޝަން" ގެ ނަމުގައި ކުރިއަށްދާ މި ރޯޑްޝޯތައް ފަށަނީ އިންޑަސްޓްރީ ޕާޓްނަރުންގެ ހޫނު މަރުހަބާއަކުންނެވެ. އެއަށްފަހު ރާއްޖޭގެ ޙާއްސަ ވީޑިއޯ ޕްރެޒެންޓޭޝަނެއް އެމްއެމްޕީއާރުސީން ދައްކައެވެ.

މި ރޯޑްޝޯތަކުގައި ވިޒިބިލިޓީ އިތުރުކުރުމަށް އެމްއެމްޕީއާރުސީން ވަނީ ރޯޑްޝޯތައް ކުރިއަށްދާ ކޮންމެ ސިޓީއަކުން 80 އަށްވުރެ ގިނަ އެޖެންޓުންނަށް ދައުވަތު އަރުވާފައެވެ. މިއީ މި ރޯޑްޝޯ ސިލްސިލާގައި ބައިވެރިވި އިންޑަސްޓްރީ ޕާޓްނަރުންނަށް އެ ފަރާތްތަކުގެ ޕްރޮޕަޓީ އިޝްތިހާރުކޮށް ބައްދަލުވުންތައް ބާއްވާ އައު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ލިބިގެންދާ އަގުހުރި ފުރުސަތެއްކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.