ޚަބަރު

"މެރީނާ ވިއު އެޕަރޓްސް" ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަނީ


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ "މެރީނާ ވިއު އެޕަރޓްމަންޓް" މަޝްރޫޢު ހިންގުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ހުޅުވާލައިފިއެވެ. މި ޕްރޮޖެކްޓްގައި ހިމެނެނީ 3 ޢިމާރާތެއްގެ މަސައްކަތެވެ.

މި މަޝްރޫޢުއަކީ ވިޔަފާރި އުސޫލުން ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުއެކެވެ. މެރީނާ ވިއު އެޕަރޓްމަންޓްތައް ހަދަން ބިން ކަނޑައަޅާފައިވަނީ ފިތުރޯނުމަގުން ގޮސް، ފޭސް 2އާ ގުޅޭ ސަރަޙައްދުގައެވެ. މި މަޝްރޫޢަކީ އެކި ފަންތީގެ މީހުންނަށް އަމާޒުކޮށްގެން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ކޮންމެ ހައުސިން އިމާރާތަކާއެކު، ކޮމާޝަލް ޢިމާރާތެއްވެސް ހިމެނެއެވެ.

މި މަޝްރޫޢުގެ 3 ޢިމާރާތްހަދަން ކަނޑައަޅާފައިވާ ބިމުގެ ޖުމްލަ ޖާގަ 13000 އަކަމީޓަރަށް އަރައެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހަދާފައިވާ ގައިޑްލައިންގައި ބުނެފައިވަނީ، މި މަޝްރޫޢުގައި ހަދާ 3 ޢިމާރާތުގައި 549 ހައުސިން ޔުނިޓް ހިމެނޭނެކަމަށެވެ.

އެއީ 231 އެޕަރޓްމަންޓްގެ ޢިމާރާތަކާއި، 110 އެޕަރޓްމަންޓްގެ ޢިމާރާތަކާއި، 208 އެޕަރޓްމަންޓްގެ އިމާރާތެކެވެ.

މި މަޝްރޫޢުގައި ހިމެނެނީ 2 ކޮޓަރިއާއި 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ. 2 ކޮޓަރީގެ އެޕަރޓްމަންޓްތަކުގައި މަދުވެގެސް 750އަކަފޫޓު ހުންނަން ޖެހޭނެކަމަށް ގައިޑްލައިންގައި ކަނޑައަޅާފައިވެއެވެ. އަދި 3 ކޮޓަރީގެ އެޕަރޓްމަންޓްތަކަކީ 1000އަކަފޫޓުގެ އެޕަރޓްމަންޓްތަކެވެ. އަދި ކޮންމެ ކޮޓަރިއެއްގައި ފާހާނާ ހުންނާނެވެ. އަދި ކޮންމެ އެޕަރޓްމަންޓެއްގައި ސިޓިން ރޫމާއި، ބަދިގެއާއި، ލޯންޑްރީއާއި ބެލްކަނީވެސް ހުންނަންޖެހެއެވެ.

މިއިން ކޮންމެ އިމާރާތެއްގެ ބޭސްމަންޓްގައި ޕާކުކުރާނެ ޖާގަ ހިމެނެއެވެ.

މި މަޝްރޫޢާއެކު ދެން ހިމެނެނީ ވިޔާފާރިކުރުމަށް ހަދާ "މެރީނާ ވިއު ކޮމާޝަލް"އެވެ. މި މަޝްރޫޢަކީ ވަކިވަކި 3 އިމާރާތެއް ހިމެނޭ މަސައްކަތެކެވެ. އެއީ 2 ފަންގިފިލާގެ ޢިމާރާތްތަކެވެ.

މިއިން ކޮންމެ އިމާރާތެއްވެސް ހުންނާނީ، މަޝްރުޢުގައި ތަރައްޤީކުރާ ހައުސިން އިމާރާތްތަކުގެ ކުރިމައްޗަށްވާ ގޮތަށެވެ. އަދި ފްލެޓް އިމާރާތާއި ކޮމާޝަލް އިމާރާތް ހުންނާނީ ބްރިޖަކުން ގުޅާލާފައެވެ.

މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ޝައުގުވެރިވާ ފަރާތްތައް ހޯއްދުމަށް އެޗްޑީސީން މިހާރުވަނީ ފުރުޞަތު ހުޅުވާލާފައެވެ. މިކަމަށް އެދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށައެޅުމަށް ހުޅުވާލާފައިވަނީ އަންނަ މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށެވެ.