ކުޅިވަރު

ކުލަބު އޭދަފުށި ކޮލިފައިންގެ ދެވަނަ ބުރަށް

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިން އޯޕަން ރައުންޑުގައި އޭދަފުށި ފުޓްބޯޅަ ކުލަބުގެ މައްޗަށް ކުރިހޯދައި، ކޮލިފައިންގެ ދެވަނަ ބުރުން ކުލަބު އޭދަފުށި ޖާގައެއް ހޯދައިފިއެވެ.

ދިވެހި ޕްރިމިއާ ލީގުގެ އޯޕަން ރައުންޑަކީ އެއް ރަށަކުން އެއް ޓީމަށް ވުރެ އިތުރަށް ބައިވެރިވެފައިވާނަމަ ކުޅޭ ބުރެކެވެ. އޭދަފުށިން އޯޕަން ރައުންޑުގައި ދެ ޓީމެއް ބައިވެރިވެފައި ވުމާއެކު، މި ބުރު ކުރިއަށް ގެންގޮސްފައިވަނީ ދެ ލެގެއް ކުޅޭ ގޮތަށެވެ.

އެގޮތުން މިދިޔަ ހުކުރު ދުވަހުގެ ހަވީރު ކުޅުނު މެޗު އޭދަފުށި ފުޓްބޯޅަ ކުލަބުން ވަނީ 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. އަދި އަންގާރަ ދުވަހުގެ ހަވީރު ކުޅުނު ދެވަނަ ލެގު 2-1 ގެ ނަތީޖާއަކުން ކުލަބު އޭދަފުށިން ކާމިޔާބުކުރުމުން، ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ކުލަބު އޭދަފުށި ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ.

އޭދަފުށީ ޓާފް ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ފަށައިގެން 22 ވަނަ ސިކުންތުގައި އޭދަފުށި ފުޓްބޯޅަ ކުލަބުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިރާގުގެ ފޯވާޑް މުސްތަފާ ހާމިދެވެ. މިއީ މިހާތަނަށް އޭދަފުށީ ފުޓްބޯޅަ ދަނޑުގައި އެންމެ އަވަހަށް ޖެހި ލަނޑެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ކުލަބު އޭދަފުށީގެ ޑިފެންޑަރު މުޙައްމަދު ޝާން ކުރި ނުރައްކާތެރި ފައުލައަކާ ގުޅިގެން އޭނާއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.

އެކަމަކު ކުޅުންތެރިއަކު މަދުކޮށް ކުޅެމުން އައި ކުލަބު އޭދަފުށިން ވަނީ މެޗުގެ 72 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަބްދުލް މަޖީދު (މަޖިއްޓޭ) ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާދަމް ނިޒާމް (ކިތުނާ) އެވެ.

ނަމަވެސް އޭގެ ފަހުން މެޗުގެ 85 ވަނަ މިނެޓުގައި ކުލަބު އޭދަފުށީގެ އިޝާން އިބްރާހީމް (ސައްޓު) އަށްވެސް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ. އެހިސާބުން ދެ ކުޅުންތެރިއަކު މަދުކޮށް ކުލަބު އޭދަފުށިން ކުޅެމުން ދިޔައިރު، އެ ޓީމުން އެގްރިގޭޓް ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ އޭރިއާ ތެރެއިން އޭދަފުށީ ފުޓްބޯޅަ ކުލަބުގެ ޑިފެންޑަރެއްގެ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖެހި އާދަމް ނިޒާމް (ކިތުނާ) އެވެ.

އެއާއެކު މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީ ޝޫޓްއައުޓުގައި ކުލަބު އޭދަފުށިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ. އެކަމަކު އޭދަފުށި ފުޓްބޯޅަ ކްލަބުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ ތިން ޕެނަލްޓީއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅި ރާއްޖެއަށް ހުޅުވާލެވިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ދިވެހި ޕްރިމިއާ ލީގުގައި އޭދަފުށި ހިމެނެނީ ސެންޓްރަލް ލީގުގައެވެ.