ޔޫކްރެއިނަށް ކުރިމަތިވެފައިވާ ކާރިޘާއަކީ ސަރަޙައްދީ މައްސަލައަކަށްވުރެ ބޮޑަށް މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލައެއްކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.
ޖަޕާނުގައި ބާއްވައި ކުއަޑުގެ ޤައުމުތަކުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ބައިޑަން ވިދާޅުވީ ޔޫކްރެއިނުގެ ކާރިޘާއަކީ ހަމައެކަނި ވިލާތުގެ ޤައުމުތަކަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫންކަމަށާއި އެ ކަމުގެ އަސަރު މުޅި ދުނިޔެއަށް ކުރާނެކަމަށެވެ. އަދި ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ދެމުންދާ ޙަމަލާތަކުން ބައިނަލްއަޤްވާމީ ހަމަތަކާއި މިނިވަންކަމާއި ސިޔާދަތުގެ މުޙިއްމުކަން ދައްކުވައިދީފިކަމަށެވެ. އެ ގޮތުން އެއް ވިސްނުމެއް ގެންގުޅޭ ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުޙިއްމުކަންވެސް އޭނާވަނީ ފާހަގަކުރައްވައިފައެވެ.
ކުއަޑުގެ ބައްދަލުވުމުގައި ބައިޑަންގެ އިތުރުން ޖަޕާނުގެ ބޮޑުވަޒީރު ފުމިޔޯ ކިޝީޑާއާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އޮސްޓުރޭލިޔާގެ ބޮޑުވަޒީރު އެންތޮނީ އަލްބާނީސްވަނީ ބައިވެރިވެވަޑައިގެންފައެވެ. އެ ބައްދަލުވުމުގައި އެ ބޭފުޅުންވަނީ ޔޫކްރެއިނަށް ކުރިމަތިވެފައިވާ ކާރިޘާއާމެދު ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަފުޅުދައްކަވައިފައެވެ. އެ ގޮތުން ޔޫކްރެއިނުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކަންކުރުމުގެ މުޙިއްމުކަމާމެދު އެ ބޭފުޅުންވަނީ ވާހަކަދައްކަވައިފައެވެ.
ޔޫކްރެއިނަށް ރަޝިޔާއިން ޙަމަލާދޭން ފެށުމުން އެ ޤައުމާ ދެކޮޅަށް އެމެރިކާއިން އިސްވެ އަޅާފައިވާ ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް ނުފޫޒުގަދަ ޤައުމުތަކުން ތަންފީޒުކުރި ނަމަވެސް އިންޑިޔާއިން އެ ގޮތަށް ޢަމަލުކޮށްފައެއް ނުވެއެވެ. އިންޑިޔާގެ ނިންމުމުގެ ސަބަބުން އެމެރިކާއިންވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި އެ ކަމުގެ ސަބަބުން ދެ ޤައުމުގެ ގުޅުމަށްވަނީ އަސަރުކޮށްފައެވެ. އެމެރިކާއިން އިސްވެ އެޅި ފިޔަވަޅުތައް ޖަޕާނާއި އޮސްޓުރޭލިޔާއިންވަނީ ތަންފީޒުކޮށްފައެވެ.