ޔޫކްރެއިނުގެ މައްސަލާގައި ދެބަސްވުން އުފެދިފައިވަނިކޮށް ވިޔަފާރިއާއި ޓެކްނޮލޮޖީއާއި ދިފާޢީ ދާއިރާއިން ގުޅުންބަދަހިކުރުމަށް އެމެރިކާއާއި އިންޑިޔާއިން މަޝްވަރާކޮށްފިއެވެ.
ޖަޕާނުގައި ބާއްވައި ކުއަޑުގެ ބައްދަލުވުމުގެ ހަވާސާގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންނާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވައި ހީނަރުވެފައިވާ ދެ ޤައުމުގެ ގުޅުންތައް އަލުން ބަދަހިކުރުމަށްވަނީ މަޝްވަރާކުރައްވައިފައެވެ. އެ ބައްދަލުވުމުގައި އެހީގެ ގޮތުގައި އިތުރު ހަތަރު ބިލިޔަން އެމެރިކާ ޑޮލަރު އިންޑިޔާއަށް ދިނުމަށް ބައިޑަންވަނީ ހުށަހަޅުއްވައިފައެވެ. އެމެރިކާގެ ބައިނަލްއަޤްވާމީ މާލީ ތަރައްޤީއާބެހޭ ވުޒާރާއިން މީގެ ކުރިންވަނީ އިންޑިޔާއަށް 5.8 ބިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް ނިންމައިފައެވެ. އެ ފައިސާ ހަމަޖައްސާފައިވަނީ ކޯވިޑް-19އާ ދެކޮޅަށް ވެކްސިން އުފެއްދުމަށާއި ޞިއްޙީ ދާއިރާއާއި ތިމާވެއްޓާ ރައްޓެހި ހަކަތަ އެފެއްދުމަށް އެހީތެރިވުމަށެވެ. ނަމަވެސް އޭގެ ތެރެއިން އިންޑިޔާއަށް ލިބިފައިވަނީ 2.9 ބިލިޔަން އެމެރިކާ ޑޮލަރެވެ.
ޔޫކްރެއިނަށް ރަޝިޔާއިން ޙަމަލާދޭން ފެށުމުން އެ ޤައުމާ ދެކޮޅަށް އެމެރިކާއިން އިސްވެ އަޅާފައިވާ ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް ނުފޫޒުގަދަ ޤައުމުތަކުން ތަންފީޒުކުރި ނަމަވެސް އިންޑިޔާއިން އެ ގޮތަށް ޢަމަލުކޮށްފައެއް ނުވެއެވެ. ބަދަލުގައި އިންޑިޔާއިންވަނީ ރަޝީޔާއިން ތެޔޮ ގަންނަ މިންވަރު އިތުރުކޮށް ދިފާޢީ ދާއިރާއިން އެ ޤައުމާ ގުޅުންބަދަހިކޮށްފައެވެ. އިންޑިޔާގެ ނިންމުމުގެ ސަބަބުން އެމެރިކާއިންވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި އެ ކަމުގެ ސަބަބުން ދެ ޤައުމުގެ ގުޅުމަށްވަނީ އަސަރުކޮށްފައެވެ. މޯދީއާ ބައްދަލުކުރައްވައި ޔޫކްރެއިނުގެ މައްސަލާގައި ބައިޑަންވަނީ މަޝްވަރާކުރައްވައިފައެވެ. ނަމަވެސް އޭގެ ތަފުޞީލެއް އެއްވެސް ފަރާތަކުން ޢާއްމުކޮށްފައެއް ނުވެއެވެ.