ޚަބަރު

ގޮތް ނޭނގޭ މަރުތަކުގައި ޕޯސްޓްމޯޓަމް ހެދޭ ޤަވާއިދަށް ޢަމަލުކުރަން ފަށައިފި


ގޮތްނޭނގޭ މަރުތަކުގެ ޙަޤީޤަތް ދެނެގަތުމަށްޓަކައި، މަރުވެފައިވާ މީހާގެ ޕޯސްޓް-މޯޓަމް ފުލުހުންނަށް ހެދޭގޮތަށް ޤަވާއިދު އެކުލަވާލާ އަމަލުކުރަން ފަށައިފިއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ހަދާ އަމަލުކުރަން ފެށި މި ޤަވާއިދަކީ ޖިނާއީ ކުށަކާ ގުޅިގެން، މަރުވެފައިވާ މީހަކު މަރުވި ސަބަބު ދެނެގަތުމަށްޓަކައި އަމަލުކުރާނެ އުސޫލު ބަޔާންކޮށް އެކުލަވާލުމަށް ފުލުހުންގެ މައްޗަށް އެކުލަވާލުމަށް ލާޒިމްކޮށްފައިވާ ޤަވާއިދެކެވެ.

އަލަށް ޢަމަލުކުރަންފެށި މި ޤަވާއިދު މަގުސަދަކީ، ޖިނާއީ ކުށަކާއި ގުޅިގެން، މަރުވެފައިވާ މީހަކު މަރުވި ސަބަބު ދެނެގަތުމަށްޓަކައި އަދި ގޮތްނޭނގޭ މަރުތަކުގެ ޙަޤީޤަތް ދެނެގަތުމަށްޓަކައި، މަރުވެފައިވާ މީހާގެ ޕޯސްޓް-މޯޓަމް އެގްޒޭމިނޭޝަން ހެދުމުގައި ފުލުހުން ޢަމަލުކުރާ އިޖުރާއަތުތައް ބަޔާންކުރުމެވެ.

މި ޤަވާއިދުގައި ބަޔާންކޮށްފައިވާގޮތުން ޕޯސްޓްމޯޓަމް ހެދޭނީ ދިވެހި ސަރުކާރުން ގަބޫލުކުރާ ރާއްޖެ އާއި ރާއްޖެއިން ބޭރު ގައުމުތަކުގައި އެ ގައުމެއްގެ ސަރުކާރުން ހުއްދަ ދީފައިވާ ތަންތަނުގައި އެކަންޏެވެ. އަދި މަރުގެ މައްސަލަތަކުގައި، މަރުވެފައިވާ މީހާ، މަރުވި ސަބަބު ދެނެގަތުމަށްޓަކައި، މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ޕޯސްޓް-މޯޓަމެއް ހެދުމުގެ އިޚްތިޔާރު، ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބިގެންވާ ހާލަތްތައްވެސް މި ޤަވާއިދުގައި ބަޔާންކުރެއެވެ.

އެގޮތުން މަރުގެ މައްސަލަތަކުގައި ޕޯސްޓް-މޯޓަމް ފުލުހުންނަށް ހެދޭނީ އެކްސިޑެންޓަކާ ގުޅިގެން މީހަކު މަރުވެފައިވާ މައްސަލަތަކުގައާއި، އަމިއްލައަށް މަރުވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައާއި، ގަސްތުގައި މީހަކު މަރާލާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައެވެ. މީގެއިތުރުން އިހުމާލުގެ ޢަމަލަކުން މީހަކު މަރުވެފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައާއި، އޮތް ނޭނގޭ މަރުގެ މައްސަލަތަކާއި، ގުދުރަތީގޮތުން ނޫން އެހެން ކޮންމެވެސް ގޮތަކުން މަރުވެފައިވާކަމަށް ތުހުމަތުކުރެވޭ މަރުގެ މައްސަލަތަކުގައިވެސް ޕޯސްޓްމޯޓަމް ހެދުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވާކަމަށް މި ޤަވާއިދުގައި ބަޔާންކުރެއެވެ.

މި ޤަވާއިދުގައި ޕޯސްޓް-މޯޓަމް ހެދުމަށް ހަށިގަނޑު އެއްތަނުން އަނެއްތަނަށް ގެންދިއުމާއި، ޕޯސްޓް-މޯޓަމް އެގްޒޭމިނޭޝަން ހެދުމާއި ކާކުކަން ނޭގޭ ހާލަތުގައި ޢަމަލުކުރާނެ ގޮތްވެސް ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ. މިގޮތުން ޕޯސްޓް-މޯޓަމް އެގްޒޭމިނޭޝަން ހަދާ ހަށިގަނޑަކީ ކާކުކަން ދެނެނުގަނެވޭ ހާލަތްތަކުގައި، ކާކުކަން ދެނެގަތުމަށް ޓަކައި ހަށިގަނޑުން ނަގަންޖެހޭ އެންމެހައި ސާމްޕަލް ނެގޭނެކަމަށް ބުނެފައިވެއެވެ. އަދި ޕޯސްޓް-މޯޓަމް އެގްޒޭމިނޭޝަން ހެދުމުގެ ކުރިން، ހަށިގަނޑަށް އައިޑެންޓިފިކޭޝަން ނަންބަރެއްދީ، ޕޯސްޓް-މޯޓަމް އެގްޒޭމިނޭޝަނާ ގުޅޭ އެންމެހައި މަޢުލޫމާތެއް އެ އައިޑެންޓިފިކޭޝަން ނަންބަރުގެ ދަށުން ރިކޯޑުކޮށް ބަލަހައްޓާންވާނެކަމަށްވެސް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން އިންސާނެއްގެ ހަށިގަނޑުގެ ބައެއް ޕޯސްޓް-މޯޓަމް އެގްޒޭމިނޭޝަން ހަދާ ހާލަތުގައި، އެ ހަށިގަނޑުގެ ބަޔަކީ ކާކުގެ ހަށިގަނޑުގެ ބައެއްކަން ޔަގީން ނުކުރެވޭނަމަ ޕޯސްޓް-މޯޓަމް ހެދުމަށް ތަޙުޤީޤު ކުރުމުގެ އިޚްތިޞާޞް ލިބިދީފައިވާ ފުލުހުންގެ އިދާރީ އެންމެ އިސް އޮފިސަރުގެ ހުއްދަޔާ އެކު ކުރެވޭނެކަމަށް މި ޤަވާއިދުގައިވެއެވެ.

މި ޤަވާއިދުގައިވާގޮތުން ޕޯސްޓް-މޯޓަމް އެގްޒޭމިނޭޝަން ހަދާ ފެސިލިޓީއަކުން، މަރުގެ މައްސަލައަކާ ގުޅިގެން ޕޯސްޓް-މޯޓަމް އެގްޒޭމިނޭޝަނެއް ހެދުމަށްފަހު، އެ ހަށިގަނޑާ ގުޅޭގޮތުން ތަޙުޤީޤުގެ ބޭނުމަށް އިތުރު އެހެން އެއްވެސް ބެލުންތަކެއް ނުވަތަ ކަންތައްތަކެއް ކުރަން ނެތްނަމަ، ލަސްކުރުމެއްނެތި، އެ ފަދަ ހަށިގަނޑެއް އާއިލާއަށް ހަވާލުކުރުމަށް ނުވަތަ ވަޅުލުމަށް ޕޯސްޓް-މޯޓަމް އެގްޒޭމިނޭޝަން ހަދާ ފެސިލިޓިއަށް، ތަޙުޤީޤުކުރާ ފަރާތުން ލިޔުމުން އަންގަންވާނެކަމަށް ބުނެފައިވެއެވެ.

އަދި މަރުވެފައިވާ ފަރާތަކީ ބިދޭސީއެއް ނަމަ، ދިވެހިރާއްޖޭގައި ޤާއިމްކޮށްފައިވާ އެ ބިދޭސީއަކު ނިސްބަތްވާ ޤައުމުގެ ކޮންސިއުލާ މިޝަނަށް އެންގުމަށްޓަކައި ނުވަތަ އެ ބިދޭސީއަކު ނިސްބަތްވާ ޤައުމަށް އެކަން އެންގުމަށްޓަކައި، ޚާރިޖީ ކަންކަމާބެހޭ ވުޒާރާއަށް އަންގަންވާނެކަމަށްވެސް މި ޤަވާއިދުގައި ބުނެފައިވެއެވެ.