ޚަބަރު

ކުމުންދޫ ބަނދަރުގެ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިއްޖެ


ހދ. ކުމުންދޫ ނެރު ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން، ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް އެކޮށް ނިމިފައިވާއިރު މިހާރު ކުރިޔަށްދަނީ ނެރު ފުންކުރުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތުގެވެސް 75 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

ކުމުންދޫ ކައުންސިލްގެ ރައީސް އާމީން މުހައްމަދު ވިދާޅުވީ ދެ ފަހަރެއްގެ މަތިން ކުމުންދޫ ބަނދަރު މަރާމާތުކުރެވިފައިވާކަމަށް ނަމަވެސް ބަނދަރުގެ ބޭނުން އޭގެ އެންމެ ފުރިހަމައަށް ރައްޔިތުނަށް ލިބިގެން ނުދާކަމަށް އަމީން ވިދާޅުވިއެވެ. ސަބަބަކީ ކުމުންދޫ ބަނދަރަށް ވަދެނިކުތުމަށް ބޭނުން ކުރާ ނެރަކީ އޮއެބާރުވާ ދުވަސްވަރު ބޭނުންކުރުން އެންމެ ރައްކާތެރި ގޮތަކަށް ޑިޒައިންކޮށްފައިވާ ނެރެއް ނޫންކަމަށް އަމީން ވިދާޅުވިއެވެ. ނަމަވެސް މިހާރު ކުމުންދޫގައި ކުރިޔަށްދާ ނެރު ބަދަލުކުރުމުގެ މަޝްރޫގެ މަސައްކަތާއެކު މި މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކުމުންދޫގެ ނެރު ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީ ހަވާލްކޮށްފައިވަނީ މިދިޔަމަހުއެވެ.

ކުމުންދޫ ނެރު ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން، 9346.56 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 4954.91 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 142 މީޓަރުގެ ބޭރުތޮށި ލުމާއި، 198 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ 35.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.