ޚަބަރު

ދިވެހިބަސް ހީނަރުވާ މައްސަލައަށް އޮތީ ކޮން ޙައްލެއް؟


ބަވަަނަވަމުންދާ ދުނިޔޭގައި މިއަދު ފެންނަމުންދާ ހަގީގަތަކީ ހުޅަނގުގެ ޤައުމުތަކުގެ ނުފޫޒު އެހެން ޤައުމުތަކުގެ މައްޗަށް އެކިގޮތްގޮތަށް ވެރިވަމުން ދާކަމެވެ. އަޅުގަނޑުމެންގެ ރާއްޖެއަށްވެސް މިވަނީ ކަންބޮޑުވާންޖެހޭ މިންވަރަށް މި ނުފޫޒު ފޯރާފައެވެ. މި ނުފޫޒުގައި ޖެހި އަދުގެ ބައެއް ދިވެހިން އަންނަނީ ދިވެހިވަންތަ ރީތި އާދަކާދަ ދޫކޮށްލައި ފުރެއްދެ އާދަކާދަތަކަށް ލެނބެމުންނެވެ.

ޚާއްސަކޮށް ދިވެހި ޒުވާނުންނާއި ކުޑަކުދިން ފުރެއްދެ ސިފަތަކާއި ކުލަަތަކުން ފެވެމުންދާ މިންވަރު އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރުވަމުންނެވެ. މިއީ އެތައްގޮތަކުން ބަލާއިރު އަޅުގަނޑުމެންނަށް ހިތާމައެކެވެ. އަމިއްލަވަނަ ދިވެހި ސިފަތަކާއި އާދަކާދަ ދަނީ ގެއްލެމުންނެވެ. ދިވެހިންގެ ދިވެހިކަން ދަނީ ކެނޑެމުންނެވެ. މާދަރީބަސްކަމަށްވާ ދިވެހި ބަސްދަނީ މަރުވަމުންނެވެ. މިއީ އަޅާނުލައި ދޫކޮށްލެވޭވަރުގެ ކަމެއްނޫނެވެ.

ދިވެހި ބަހަކީ މުއްސަނދި ބަހެކެވެ. ބަހެއް މުއްސަނދިކަމަށް ކަނޑައަޅާ އެތައް ސިފަތަކަކާއި ވަސީލަތްތަކެއް މިބަހުގައި ވެއެވެ. އަދި ދުނިޔޭގެ ބައެއް އެހެން ބަސްތަކަށް ލިބިފައިނުވާ އެތައްކަމެއް ދިވެހި ބަހަށް ލިބިފައިވެއެވެ. ދިވެހިބަހަކީ ކިތަންމެ މުއްސަނދި ބަހެއްނަމަވެސް ބަހުގެ މުއްސަނދިކަން ހިމާޔަތް ކުރެވި އެބަސް ބޭނުންކުރާ މީހުން ދެމިތިބެގެން ނޫނީ ބަހަކީ ވުޖޫދުގައި ދިރިއޮތް އެއްޗަކަށް ނުވާނެއެވެ.

ބަހާބެހޭ މިފަދަ ބަހެއް ބުނާއިރުވެސް މުޖުތަމަޢުން ފެނިގެންދާ އެންމެ ހިތާމަވެރި އެއް މަންޒަރަކީ އަޅުގަނޑުމެންގެ ޅަދަރިން ދިވެހި ބަހާ ބީރައްޓި މަންޒަރެވެ. ދިވެހިބަހާ ފެޔަށް އެކުދިން ގެންދެވޭ ހިތާމަވެރި މަންޒަރެވެ. ބަހަށްޓަކައި ކުރެވެންހުރި އެތައްކަމެއް ނުކޮށް ދޫކޮށްލެވޭ މަންޒަރެވެ. ތަޢުލީމީ ނިޒާމުގެ ތެރެއިން ދިވެހިބަހަށް ދަރިވަރުން އަހުލުވެރިކުރުވޭ މިންވަރު ކުޑައެވެ. މިހެން މިކަން އޮއްވައި މައިންފައިންގެ ފުށުންވެސް ފެންނަ ޢާއްމު މަންޒަރަކީ ތުއްތުކުދިންނާ ބޭރުބަހަކުން ވާހަކަދައްކައި އުޅޭ މަންޒަރެވެ. މިއީ ތަޢުލީމީ ނިޒާމުގައި ކިޔަވައިދޭ މައިގަނޑު ބަސްކަމަށްވާ އިނގިރޭސިބަހަށް ކުދިން މޮޅުކުރަން ނުވަތަ ކިޔެވުމުގެ މައިދާނުގައި ކުދިން ކުރިއަރުވަން ކުރާ ކަމަކަށް ވެދާނެއެވެ.

އެހެންނަމަވެސް ބަބުގެ ޢިލްމުވެރިން ވިދާޅުވާގޮތުން މިއީ ރަނގަޅުގޮތެއް ނޫނެނެވެ. ތުއްތުއިރު އެކުއްޖެއްގެ މާދަރީބަހުން ކިޔެވުމާއި މުޢާމަލާތުކުރުމުގެ ފުރުސަތު ލިބުމަކީ މުހިންމު ކަމެކެވެ. ކިޔެވުމުގެ މައިދާނުގައި ތޫނުފިލި މޮޅު ބަޔަކަށް ކުދިން ވުމުގައި މިކަން މުހިންމު ދައުރެއް އަދާކުރެއެވެ. މިއީ ޔުނެސްކޯއާއި އެނޫންވެސް ބައިނަލްއަޤުވާމީ ފަރާތްތަކުންވެސް ހާމަކޮށްފައިވާ ކަމެކެވެ.

ހުޅަނގުގެ ސަޤާފަތާއި ނުފޫޒުގެ ސަބަބުން ރާއްޖޭގެ ތަޢުލީމީ ނިޒާމުވެސް އޮތީ ދިވެހިބަހާ ބީރައްޓެރި ގޮތަކަށެވެ. އޭގެ ނޭދެވޭ އަސަރު އެއްދުވަހުން އަނެއްދުވަހަށް އަންނަނީ އިތުރުވަމުންނެވެ. މިއަދު ސްކޫލްތަކުގައި ކިޔަވައިދޭ މާއްދާތަކުގެ ތެރެއިން ދިވެހި، އިސްލާމް މާއްދާ ފިޔަވައި ހުރިހާ މާއްދާއެއް ކިޔަވައިދެމުން އަންނަނީ އިނގެރޭސި ބަހުންނެވެ. އަދި ކިޔަވައިދޭ މަންހަޖްތަކަށްވެސް ބޮޑެތި ބަދަލުތަކެއްވަނީ އައިސްފައެވެ. އަދި ސްކޫލް މާޙައުލައި ދިވެހިބަހުން ވާހަކަދެއްކުންވެސް އެއީ "ކުށަކަށް"ވަނީ ވެފައެވެ.

ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ވާހަކަފުޅުދައްކަވަމުން، ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ.އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. ދިވެހިބަހަށް ޤަދަރުކޮށް ދިވެހިބަހަށް އިޚްލާސްތެރިވުމަކީ ޢަމަލުން އެކަން ސާބިތުކޮށްދިނުމެވެ. ތިމާގެ ހަޔާތުގެ ދުވަސްތަކުގައި ދިވެހިންނާއި މުޢާމަލާތުކުރަން ޖެހޭ ކޮންމެ ދަނޑިވަޅެއްގައިވެސް ދިވެހިބަހުން މުޢާމަލާތުކުރުމަށް އަޒުމުކަނޑައެޅުމަށް ޑރ.އަޝްރަފް އިލްތިމާސްކުރެއްވިއެވެ. މިއީ ވަކި ދާއިރާއަކަށް، ވަކި މުއައްސަސާއަކަށް، ވަކި ފަރުދަކަށް އޮތް ކަމެއްނޫނެވެ. އެންމެހައި ދިވެހިންނަށް އޮތްކަމެކެވެ.

"ބާއްވާ ޖަލްސާތަކާއި ލިޔުއްވާ ލިޔުންތަކުގައި ވެސް އަމަލީ ގޮތުން މިކަން ސާބިތުކޮށްދެމާތޯ. ދަރިންނާ ދަރިވަރުންނާ އާއިލާ މެންބަރުންނާއި ގާތް ރައްޓެހިންނާވެސް ދިވެހިބަހުން ވާހަކަދައްކަމާތޯ. ފިހާރަތަކަށާއި ކުންފުނިތަކަށާއި ތަންތަނަށް ކިޔުއްވާ ނަންތަކަށްވެސް ދިވެހި ނަން ކިޔާ، އެކިއެކި ވިޔަފާރީގައި ކުރާ މުއާމަލާތުތައް ވެސް ދިވެހި ބަހުން ކުރަމާތޯ. ބަހާއި އަމަލާ ދިމާވާނީ އޭރުން. ދިވެހިން ދިވެހިންނަށް ވާނީ އޭރުން." ޑރ.އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ފަށަމުން، ދިވެހި ބަހަކީ މުއްސަނދި ބަހެކޭ ދެންނެވި އެއްސަބަބަކީ ބަހެއް މުއްސަނދިކަމަށް ބުނެވޭ އެތައް ސަބަބެއް ދިވެހިބަހުގައި ހުރީމައެވެ. އޭގެތެރެއިން އެއް ބަޔަކީ އަދަބިއްޔާތުގެ ބައިތަކެވެ. މިއީ މުއްސަނދި އަދަބިއްޔާތެއް އޮތް ބަހެކެވެ. ދިވެހިބަހުން ލިޔެ ޗާޕުކޮށްފައިވާ ފޮތްތައް އެބަހުއްޓެވެ. މިއަދު ދިވެހިބަހަކީ ޒަމާނީ ޓެކްނޮލަޖީއާއި އިންޓަނެޓާވެސް ރަޙުމަތްތެރި އެއްޗެކެވެ. ގޫގުލް ޓްރާންސްލޭޓަރުގައި މުޅިން އަލަށް ހިމެނުނު 25 ބަހުގެ ތެރޭގައި އިހަށްދުވަހު ދިވެހިބަސްވެސް ހިމަނައިފިއެވެ. ބަހަށް ހީނަރުކަން ލިބޭ ކަންކަން ދޫކޮށްލައިފިނަމަ މިއަށްވުރެ މާބޮޑެތި މިފަދަ އެތައް ކުރިއެރުމެއް ލިބޭނެކަން ޔަޤީނެވެ.

އެހެންނަމަވެސް ހިތާމައަކީ ދިވެހިބަހާ ގުޅޭ މައްސަލަތައް އެދެވޭ މިންވަރަކަށް ޙައްލުނުވާކަމެވެ. ދިވެހިބަސް ޙިމާޔަތްކޮށް ދިރުވުމަށް ކުރެވޭ މަސައްކަތްތައް މަދުކަމެވެ.

ދިވެހިބަހަކީ ދިގު ތާރީޚެއްލިބިގެންވީ ދިވެހި ޤައުމީ ތަރިކައެކެވެ. ދިވެހިބަހަކީ ދިވެހީންގެ އަމިއްލަވަންތަކަމުގެ ފަޚުރާއި ޝަރަފެވެ. ދިވެހިން ދިވެހިންނަށްވާ މައިގަނޑު ސަބަބެވެ. އެހެންކަމުން ދިވެހިބަސް ދިރުވައި ދެމެހެއްޓުމަށްވުރެ އިސް އެހެންކަމެއް ދިވެހިންނަށް އޮވެގެން ނުވާނެއެވެ.