ޚަބަރު

މެދުއިރުމަތީގެ ފަތުރުވެރިން އިތުރުކުރުމަށް ރާއްޖެއިން ރިޔާޟު ފެއަރއަށް


މެދުއިރުމަތީގެ މާކެޓުގައި ރާއްޖެ އިސްތިހާރުކުރުމަށް ސައުދީގައި ކުރިއަށްދާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ހަރަކާތް، ރިޔާޟު ޓްރެވަލް ފެއަރގައި އެމްއެމްޕީއާރުސީން ބައިވެރިވެއްޖެއެވެ. މި ފެއަރ ކުރިއަށްދާނީ މިމަހުގެ 24ވަނަ ދުވަހުގެ ނިޔަލަށެވެ.

ރިޔާޟް ޓްރެވަލް ފެއަރއަކީ ސައުދީގެ ވެރިރަށް ރިޔާޟުގައި ކޮންމެ އަހަރަކު ކުރިއަށް ގެންދާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ޙަރަކާތެވެ. މި ޙަރަކާތުގައި ސައުދީއާއި ޖީސީސީގެ ޤައުމުތަކާއި، މި ޤައުމުތަކުގެ ފަތުރުވެރިކަމާބެހޭ އެންމެ ބޮޑެތި ކުންފުނިތައް ބައިވެރިވެއެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ އަދި ލިބިގަންނަ ފަރާތްތަކުން މިފެއަރގައި އެގްޒިބިޓްކޮށް، ޒިޔާރަތްކުރެއެވެ. މިއީ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ސާވިސްތައް ޝޯ ކޭސްކޮށް، އިންވެސްޓަރުން އެއްތަނަކުން ބައްދަލުކުރާ އެންމެ ބޮޑު އެއް ހަރަކާތެވެ. އަދި، އައު ޚިދުމަތްތަކާއި ޕްރޮޑަކްޓްތައް ތައާރަފްކުރާ ފެއާރއެކެވެ.

އެމްއެމްޕީއާރުސީއާއެކު މި ފެއަރގައި ރާއްޖޭގެ އިންޑަސްޓްރީގެ 11 ފަރާތްތަކުން ބައިވެރިވިއެވެ. މި ފެއަރގައި ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ޕްރޮމޯޯޓްކުރާނެ ކަމަށް އެމްއެމްޕީއާރުސީން މަޢުލޫމާތުދެއެވެ.

ރިޔާޟު ޓްރެވަލް ފެއަރގައި ބައިވެރިވެރިވެފައިވަނީ އެމްއެމްޕީއާރުސީއިން މި މާކެޓަށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުން މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެ އައުމަށް ފަތުރުވެރިން ބުކިން ހަދާ މިންވަރު އިތުރުކޮށް، އެރައިވަލްސް އިތުރުކުރުމިގެ މަޤްޞަދުގައެވެ.

އަދި މި ހަރަކާތަކީ ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ހަލުވިކަމާ އެކު ބަދަލުވަމުންދާ ދުނިޔޭގެ ޖިއޯޕޮލިޓިކަލް ހާލަތަށް ބިނާކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ކޮށްފާނެ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން އެމްއެމްޕީއާރުސީން އެކުލަވާލައިފައިވާ ޝޯޓް- ޓާރމް ސްޓްރެޓަޖީގެ ދަށުން މުހިންމު މާކެޓްތަކުގައި ހިންގާ ހަރަކާތްތަކުގެތެރޭގައި ހިމެނޭ ހަރަކާތެއް ކަމަށްެވެސް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

މިދިޔަ އަހަރު މެދުއިރުމަތީ މާކެޓުން ރާއްޖެއަށްވަނީ 91413 ފަތުރުވެރިން އައިސްފައެވެ. އަދި ސައުދީ އަރަބިއްޔާ އަކީ އެ އަހަރު ރާއްޖެއަށް 7ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ޤައުމެވެ.