ޚަބަރު

ސަލާމަތީ މަޖިލީހަށް ޖަޕާނު، ތައިވާނު ދިފާޢުކުރަން ބާރުގެ ބޭނުންކުރަން އެމެރިކާއިން ތައްޔާރު


ޗައިނާއިން ތައިވާނަށް ޙަމަލާދީފި ޙާލަތެއްގައި ބާރުގެ ބޭނުންކޮށްގެން އެ ޤައުމު ދިފާޢުކޮށްދެއްވާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަޢުދުވެވަޑައިގެންފިއެވެ.

ޖަޕާނަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ބޮޑުވަޒީރު ފުމިޔޯ ކިޝީޑާއާއެކު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ބައިޑަންވަނީ ތައިވާނާ ގުޅޭގޮތުން ޗައިނާއާ ދެކޮޅަށް ވަރުގަދަ ބަހުގެ ޙަމަލާތަކެއް ދެއްވައިފައެވެ. އެއީ މީގެ ކުރިން އެމެރިކާގެ އެއްވެސް ސަރުކާރަކުން ޢަމަލުކޮށްފައިވާ ޚާރިޖީ ސިޔާސަތެއް ނޫނެވެ.

ޗައިނާއިން ވަކާލާތުކުރައި ގޮތުގައި ތައިވާނަކީ އެ ޤައުމުގެ ބައެކެވެ. އަދި ތައިވާނުގައި ވަކި ސަރުކާރެއް އޮތް ނަމަވެސް އެއީ މިނިވަން ޤައުމެއް ނޫންކަމަށާއި އެ ޤައުމުން ޢަމަލުކުރަން ޖެހޭނީ ޗައިނާގެ ސިޔާސަތުތަކަށްކަމަށް ޗައިނާގެ ސަރުކާރުން އަބަދުވެސް ބުނެއެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގެ ތެރޭގައި ތައިވާނުންވަނީ މިނިވަންކަން އިޢުލާނުކުރަން ބޭނުންވާކަމަށް ބުނެފައެވެ. އެފަދަ ޙާލަތެއްގައި ތައިވާނަށް ޙަމަލާދޭނެކަމުގެ އިންޒާރު ޗައިނާއިންވަނީ ދީފައެވެ.

ތައިވާނާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ބައިޑަން ވިދާޅުވީ ޗައިނާގެ ސިޔާދަތަށް އެމެރިކާއިން އިޙުތިރާމުކުރި ނަމަވެސް ތައިވާނާ ދެކޮޅަށް ބާރުގެ ބޭނުންކުރަން ފުރުޞަތު ނުދެއްވާނެކަމަށެވެ. އަދި އެއީ އެމެރިކާއަށް ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި އެއީ ޗައިނާއިން ޢަމަލުކުރަން ބޭނުންވާނެ ގޮތްކަމަށް ޤަބޫލުނުކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ މޭރުމުން ބައިޑަން ވާހަކަފުޅުދެއްކެވި ނަމަވެސް އެމެރިކާއިން ބުނެފައިވަނީ ތައިވާނާ ގުޅޭގޮތުން އެ ޤައުމުން ގެންގުޅޭ ސިޔާސަތަކަށް ބަދަލެއް ނާންކަމަށެވެ. އެމެރިކާއިންވަނީ ތައިވާނަކީ ޗައިނާގެ ބައެއްކަމަށް އެއްބަސްވެ އެ ސިޔާސަތަށް ޒަމާނުއްސުރެ ޢަމަލުކޮށްފައެވެ. މީގެ ކުރިންވެސް ތައިވާނާ ގުޅޭގޮތުން ބައިޑަންވަނީ އެމެރިކާގެ ސިޔާސަތުތަކާ ޚިލާފަށް ވާހަކަފުޅުދައްކަވައިފައެވެ.

ޓޮކްޔޯގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކިޝީޑާ ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި މުޙިއްމު ދަޢުރެއް ޢަދާކުރަން ޖަޕާނުން ބޭނުންވާކަމަށެވެ. އަދި އދގެ ސަލާމަތީ މަޖިލީހުގެ ދާޢިމީ މެންބަރުކަން ހޯދުމަށް ޖަޕާނުން ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން ތާޢީދުކުރާނެކަމުގެ ޔަޤީންކަން ބައިޑަން ދެއްވާފައިވާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޖަޕާނަށް ވަޑައިގެންނެވުމުގެ ކުރިން ބައިޑަންވަނީ ދެކުނު ކޮރެޔާއަށް ވަޑައިގެންފައެވެ. އޭގެ އިތުރުން އެމެރިކާއާއި ޖަޕާނާއި އޮސްޓުރޭލިޔާއާއި އިންޑިޔާގެ އިސްވެރިންގެ މެދުގައި ބާއްވައި ބައްދަލުވުމެއްގައިވެސް ބައިޑަން ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.