ޚަބަރު

ލަންކާގެ ވަޒީރުންގެ މަޖިލީހަށް އިތުރު 10 މެންބަރުން


ސުރީ ލަންކާގެ ވަޒީރުންގެ މަޖިލީހަށް އިތުރު 10 މެންބަރުން ޢައްޔަނުކޮށްފިއެވެ. އެއާއެކު އެ ޤައުމުގެ ވަޒީރުންގެ މަޖިލީހަށް ޢައްޔަނުކުރި މެންބަރުންގެ ޢަދަދުވަނީ 20އަށް އިތުރުވެފައެވެ.

ސުރީ ލަންކާގެ ރިޔާސީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުޙިއްމު ދާޢިރާތަކަށް އައު ވަޒީރުން ޢައްޔަނުކޮށްފައިވާކަމަށެވެ. އެ ގޮތުން މަސްވެރިކަމާބެހޭ ވުޒާރާއާއި ދަނޑުވެރިކަމާބެހޭ ވުޒާރާއާއި ޢާއްމު ދަތުރުފަތުރާބެހޭ ވުޒާރާއާއި ފެނާބެހޭ ވުޒާރާއަށްވަނީ ވަޒީރުން ޢައްޔަނުކޮށްފައެވެ. އެ ބޭފުޅުންވަނީ ސުރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ކުރިފުޅުމަތީގައި ވަޒީރުކަމުގެ ހުވައިކުރައްވައިފައެވެ. މީގެ ކުރިންވެސް އެ ޤައުމުގެ ވަޒީރުންގެ މަޖިލީހަށްވަނީ 10 ވަޒީރުން ޢައްޔަނުކޮށްފައެވެ. އެ ފަހަރު ޞިއްޙަތާބެހޭ ވުޒާރާއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ވަޒީރުން ޢައްޔަނުކޮށްފައިވެއެވެ. ދެ ފަހަރެއްގެ މަތިން ވަޒީރުންގެ މަޖިލީހަށް މެންބަރުން ޢައްޔަނުކުރި ނަމަވެސް ސުރީ ލަންކާގެ މާލީ ވުޒާރާއަށް އެއްވެސް ބޭފުޅަކު ޢައްޔަނުކޮށްފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އެ ވުޒާރާ ހިންގަވާނީ އެ ޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައެވެ.

އިޤްތިޞާދީ ކާރިޘާއެއް ކުރިމަތިވެފައިވާ ސުރީ ލަންކާގެ ވަޒީރުންގެ މަޖިލީހަށް އައު މެންބަރުން ޢައްޔަނުކޮށްފައިވަނީ އެ ޤައުމުގެ ޞިއްޙީ ނިޒާމު ނާޒުކު ޙާލަތެއްގައި އޮތް ދަނޑިވަޅެއްގައެވެ. އެ ގޮތުން އެ ޤައުމުން ބޭސް ހުސްވެ އިންސާނީ ކާރިޘާއެއް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވެފައިވާކަމަށް އެ ޤައުމުގެ ޞިއްޙީ ތަޖުރިބާކާރުންވަނީ ބުނެފައެވެ. ސުރީ ލަންކާއަށް ބޭނުންވާ ބޭހާއި ޞިއްޙީ ސާމާނުގެ %80އަކީ ބޭރުން އެތެރެކުރާ ތަކެއްޗެވެ. އެ ޤައުމަށް ބޭރު ފައިސާގެ ދަތިކަން ބޮޑުވެ ބޭހާއި ޞިއްޙީ ސާމާނު ގަންނާނެ ފައިސާ ނެތުމުން ރަޙުމަތްތެރި ޤައުމުތަކުގެ އެހީތެރިކަމަށްވަނީ އެދިފައެވެ. ނަމަވެސް އިންޑިޔާއާއި ޖަޕާނުފަދަ ޤައުމުތަކުން ބޭހާއި ޞިއްޙީ ސާމާނު ލިބެން ހަތަރު މަސްދުވަސް ނަގާނެކަމަށް ބެލެވެއެވެ. އެހެންކަމުން ސުރީ ލަންކާގެ ޞިއްޙީ ނިޒާމު ބޮޑު އަނދަވަޅަކަށް ނުވެއްޓި ސަލާމަތްކުރުމަށް އަމިއްލަ ފަރާތްތަކުން އެހީތެރިވުމަށް އެ ޤައުމުގެ ސަރުކާރުންވަނީ ގޮވާލައިފައެވެ.