މުނިފޫހިފިލުވުން

"ކަބީ އީދު ކަބީ ދިވާލީ" އިން އަޔޫޝް ވަކިވެއްޖެ


2020 ވަނަ އަހަރު އިއުލާނުކޮށްފައިވާ ސަލްމާން ޚާންގެ "ކަބީ އީދު ކަބީ ދިވާލީ" އިން ސަލްމާނުގެ ޅިޔަނު އަޔޫޝް ޝަރުމާ ވަކިވެއްޖެއެވެ.

ސަލްމާނާއި ޕޫޖާ ހެގްޅޭ، އަޔޫޝް އަދި ސަލްމާން ޕްރޮޑިއުސްކޮށް 2019 ގައި ނެރުނު "ނޯޓްބުކް" އިން ތައާރަފުކުރި އެކްޓަރު ޒަހީރު އިގްބާލް ކާސްޓުގައި ހިމެނޭ މި ފިލްމު އަޔޫޝް ވަކިވީ ޕްރޮޑަކްޝަން ހައުސް އާއި ޖެހުނު މައްސަލައެއްގައެވެ. މައްސަލަތައް މީގެކުރިންވެސް ޖެހި ހައްލު ނުކުރެވުމުން އަޔޫޝް އެންމެ ފަހުން ނިންމީ ފިލްމުން ވަކިވާށެވެ. ފިލްމުން އަޔޫޝަ ވަކިވިއިރު އޭނާ ވަނީ ފިލްމުގެ ބައެއް ޝޫޓްވެސް ކޮށް ނިންމާފައެވެ.

އަޔޫޝްގެ ވަކިވުމާއިއެކު އަންނަ ޑިސެމްބަރު މަހު ރިލީޒްކުރަން ނިންމާފައިވާ މި ފިލްމު އެ ތާރީޚަށް ރިލީޒްކުރެވޭނެ ކަމާއިމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. "ކަބީ އީދު ކަބީ ދިވާލީ" އަކީ ސާޖިދު ނަދިއާދްވާލާގެ ވާހަކައަކަށް ފަރުހާދު ސަމްޖީ ސްކްރީންޕްލޭ ލިޔެ ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނާ އަކީ ސާޖިދު ޕްރޮޑިއުސްކޮށް 2020 ވަނަ އަހަރު ގެނެސްދިން "ހައުސްފުލް 4" ގެ ވެސް ޑައިރެކްޓަރެވެ.

މީގެ މިޔުޒިކް އުފެއްދުމަށް ހަވާލުކޮށްފައިވަނީ މިޔުޒިކް ކޮމްޕޯސާ ދޭވީ ސްރީ ޕްރަސާދް އާއެވެ. ދެކުނު ސިނަމާގައި ހިޓަކަށްފަހު ހިޓެއް ދޫކުރަމުންދާ މަޝްހޫރު ކޮމްޕޯސާ ޕްރަސާދް ވަނީ މީގެކުރިންވެސް ސަލްމާންގެ ފިލްމުތަކަށް މިޔުޒިކް ހަދާދީފައެވެ.

"ކަބީ އީދު ކަބީ ދިވާލީ" އަކީ ތަމަޅަ ޑައިރެކްޓާ އަޖިތް ކުމާރު ޑައިރެކްޓްކޮށްފައިވާ ފިލްމު "ވީރަމް" ގެ ހިންދީ ރީމޭކެވެ. ހިންދީ ރީމޭކްގެ ނަން "ކަބީ އީދު ކަބީ ދިވާލީ" އެހެން ނަމަކަށް ބަދަލުކުރާ ވާހަކަވެސް މީގެކުރިން ވަނީ ދެކެވިފައެވެ.