ކުރެހުމުގެ ދާއިރާއަކީ މިހާރު ދިވެހިރާއްޖޭގައިވެސް ފުޅާވެ ކުރިއަރަމުން އަންނަ ދާއިރާއެކެވެ. އެއްބަޔަކު ހުސްވަގުތުތައް ފުރާލާ، ފޫހިފިލުވާލުމަށް މިކަން ކުރާއިރު، ޕްރޮފެޝަނެއްގެގޮތުގައި އާމްދަނީ ހޯދުމަށް މި މަސައްކަތްކުރާ މީހުންވެސް ރާއްޖޭގައި މަދެއްނޫނެވެ. މިފަދަ ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް އެމީހުންގެ ފަންނުވެރިކަމާއި ހުނަރުވެރިކަން ދައްކާލަމުންނެވެ.
މިފަދަ އެއް ފަރާތަކީ ފ. ބިލެއްދޫ ހަރުމަލުގެ، އުމުރުން 28 އަހަރުގެ ޝަމީން މޫސާއެވެ. ފްރީލާންސް އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ ޝަމީން އަންނަނީ އޭނާގެ ކުރެހުންތައް ފޭސްބުކް، އިންސްޓަގްރާމް، ޔޫޓިއުބް އަދި ޓިކްޓޮކްފަދަ ޕްލެޓްފޯމްތަކުގައި ހިއްސާކުރަމުންނެވެ.
ހަމަ ޤައިމުވެސް ޓިކްޓޮކުގައި އެކްޓިވްކޮށް އުޅޭ ދިވެހިންނަށް، "އައި ގޮޓް ޔޫ މޭން"އޭ ބުނެފިއްޔާ، އެއީ މިހާރު ކާކުކަން އެނގޭނެއެވެ. "ޝަމީންއާޓްސް"ގެ ނަމުގައި އޭނާ ހިންގާ ސޯޝަލް މީޑިއާ އެކައުންޓްތަކުން ދޫކޮށްލާ ވީޑިއޯތަކުން އޭނާގެ ހުނަރުވެރިކަން ކިތަންމެ ފުރިހަމައެއްކޮށްވެސް ފެނިގެންދެއެވެ.
ޝަމީން ބުނިގޮތުގައި ކުރެހުމަކީ އޭނާ ވަރަށް ކުޑައިރުންސުރެއް ވަރަށް ކުރާ ހިތްވާ، ޚާއްސަ ލޯތްބެއް ދެވުނު ދާއިރާއެކެވެ. ރަށުގައި ކިޔެވި ދުވަސްވަރުވެސް އޭނާ އެންމެ ބޭނުންވީ އެ ދާއިރާއިން ކިޔަވާށެވެ. އެހެންނަމަވެސް އޭރު ރަށުގައި އާޓްސް ސްޓްރީމް ކިޔަވައިނުދޭތީ، އެ ދާއިރާއިން ކިޔެވުމަށް އޭނާ ދެކެމުންދިޔަ ހުވަފެނަށް ފަނޑުކަމެއް އައެވެ. ނަމަވެސް އޭރުވެސް އޭނާ އެ ދާއިރާއަށް ކުރިއަށްދާން ކަނޑައެޅި އަޒުމަށް ކުޑަވެސް ބަދަލެއް ނާދައެވެ. ކިރިޔާވެސް ހުސްވަގުތެއް ލިބޭއިރަށް ކުރެހުމުގެ ތެރެއިން އަމިއްލައަށް އެކި ކަންކަން ތަޖުރިބާކުރިއެވެ.
އެހެން ހުއްޓާ ކުރެހުމުގެ ފަންނުން ކުރިއަށްދާން އޭނާއަށް އެންމެ ބޮޑު ހިތްވަރަކަށްވީ، 2009ވަނަ އަހަރު އެޗް.އާރް.ސީ.އެމުން ކުރިއަށްގެންދިޔަ ހިއުމަން ރައިޓްސް އާޓް ކޮމްޕެޓިޝަނެކެވެ. އެފަހަރު އެ މުބާރާތުން 3ވަނަ ލިބުމާއެކު، މިއީ އޭނާއަށް ކުރެވިދާނެކަމެއްކަން އަމިއްލަ ނަފްސަށް ޤަބޫލުކުރެވުނެވެ.
"އޯލެވެލް ހެދި ދުވަސްވަރު ހިއުމަން ރައިޓްސް އާޓް ކޮމްޕެޓިޝަންގައި ބައިވެރިވީ. އޭގެން 3 ވަނަ ލިބުނީމަ ހިތަށް އެރީ އައި ކޭން ޑޫ ދިސް އޭ. މި ފަންނު ގައިގައި އެބަހުއްޓޭ. މާލެއައިސްވެސް ފުރަތަމަ ބެލީ މި ދާއިރާއިން ކިޔެވޭތޯ. އެކަމު އޭރަކު ނުހުރޭ ދަސްކޮށްދޭނެ ތަނެއްވެސް" ޝަމީން ބުންޏެވެ.
ރަށުން ކިޔެވުން ނިންމާ މާލެއައިސް ޝަމީން ބެލީ މި ދާއިރާއިން އިތުރު ކަންކަން ދަސްކޮށް، ތަމްރީންވާނެ ތަނެއް ލިބޭތޯއެވެ. އެކަމުގައި 2 އަހަރު ހޭދަވީއިރުވެސް ނަސީބު އަތަކު ނުހިފިއެވެ. އެހެންކަމުން އާއިލާގެ އެދުމުގެ މަތިން އޭނާ ކްލިކް ކޮލެޖުން ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ކިޔަވަން ފެށިއެވެ.
ޕްރޮފެޝަނަލް ގޮތެއްގައި މިކަމުން ކުރިއަށްދާން ޝަމީން ދެކެމުންދިޔަ ހުވަފެން ހަޤީޤަތަކަށް ހެދުމަށް އޭރުވެސް އޭނާ ދިޔައީ ހިތްވަރާއެކު މަސައްކަތް ކުރަމުންނެވެ. އެކި ތަންތަނުން ފޮތްތައް ހޯދައިގެންނާއި، ޔޫޓިއުބުން އެކި ކަހަލަ ޓިއުޓޯރިއަލްތައް ބަލާ އަމިއްލައަށް މި ފަންނުގެ ކަންކަން އޭނާ ދިޔައީ އުނގެނި ދަސްކުރަމުންނެވެ. ވަޒީފާ އަދާކުރަމުން، ލިބޭ ލާރިން މިކަމަށް ބޭނުންވާ ސާމާނު އޭނާ ހޯދިއެވެ.
"ވަޒީފާއިން ލިބޭ ލާރިން ކުރަހާ އެއްޗެހި ގަނެގެން ލައިބްރެރީއަށްގޮސް ވޯޓަރ ކަލަރ ބޭސް ކޯސް، އެކްރިލިކް ކަލަރ ބޭސް ކޯސް، އިންޓީރިއަރ ޑިޒައިނިންގ އެގޮތަށް ގާތްގަނޑަކަށް 27 ވަރަކަށް ފޮތް އަމިއްލައަށް މާސްޓަރ ކުރީ. ކިޔާ ހިތުން، ކުރަހާ ހިތުން މިކަން ކުރީ" ޝަމީން ބުންޏެވެ.
އުމުރުން އެންމެ 17 އަހަރުން ފެށިގެން ޝަމީން އަންނަނީ ގޭތެރޭގައި އޮއިލް ޕެއިންޓިންގ، އެކްރިލިކް ޕެއިންޓިންގ، ޕެންސިލް ޕެއިންޓިންގގެ ޕޯޓްރެއިޓް ކުރެހުންތައް އޯޑަރއަށް ކުރަހައިދެމުންނެވެ. އަދި އެކަމުން އާމްދަނީ ހޯދަމުންނެވެ.
ޝަމީން ބުނިގޮތުގައި އޭނާ މި ދާއިރާއަށް އެންމެ ބޮޑަށް ލޯ ހުޅުވިގެންދިޔައީ، އެއަރޕޯޓުގައި އޭނާ ކުރަހަން ފެށި ހިސާބުންނެވެ. ގެސްޓުން ކުރިމަތީގައި ލައިވްކޮށް ކުރަހަން ފެށުންވެގެންދިޔައީ އޭނާއަށް ލިބިފައިވާ ކުރެހުމުގެ ހުނަރު އިތުރަށް އެކްސްޕްލޯރކޮށް، ގިނަ ކަންތައްތަކެއް ދަސްވިކަމެއްގެގޮތުގައި އޭނާ ދެކެއެވެ.
"އެ ހިސާބުން އަޅުގަނޑު ގެސްޓުން ކުރިމަތީ ޕަރފޯމްކުރަން ފެށީ. ސްޕީޑް ޕެއިންޓަރއަކަށް ބަދަލުވީ. އެއާއެކު ވަރަށް ބޮޑު ކުރިއެރުމެއް އައި. ގެސްޓުން އައިސް ކުރިމަތީގައި ބުނެލާނެ މިސާލަކަށް މީތި ކުރަހާލަ ދީބަލާށޭ ވަރަށް އަވަހަށް ދާންޖެހެޔޭ. އެއީ ޥަރަށް ބޮޑު ޗެލެންޖެއް" ޝަމީން ބުންޏެވެ.
ކޮންމެ ކަހަލަ މަންޒަރެއްވެސް ކުރަހާލުމަކީ މިހާރު ޝަމީނަށް މާބޮޑުކަމެއް ނޫނެވެ. ކުރިން 8 މިނެޓުން 10 މިނެޓުން ކުރަހާލެވޭ އާދައިގެ އިރުއޮއްސޭ މަންޒަރެއް މިހާރު ދެތިން މިނެޓުން ކުރަހާލެވޭކަމަށް ޝަމީން ބުންޏެވެ. މިއީ އޭނާ ޤަބޫލުކުރާގޮތުގައި އޭނާއަށް ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ. ޝަމީންގެ ކުރެހުންތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކަށް އޮއްސާލާފައިވާއިރު، އޭނާގެ މަސައްކަތަށް ގިނަ ބަޔަކު އަންނަނީ ތަޢުރީފުކުރަމުންނެވެ.
މި ޒަމާނުގައި ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ގިނަ ވަގުތުތަކެއް ހޭދަކުރާއިރު، މިއީ އޭނާގެ މަސައްކަތްތައް މާކެޓްކޮށް، ގިނަ ބަޔަކަށް މަސައްކަތްތައް ދައްކާލުމަށް އެންމެ އެކަށީގެންވާ ވަޞީލަތުގެ ގޮތުގައި ޝަމީން ދެކެއެވެ. މި ދާއިރާއިން ވަރުގަދަ އިމޭޖެއް ބިނާކުރުމަށް އެންމެ ބޮޑު ހިތްވަރަކަށްވީވެސް ސޯޝަލް މީޑިއާއަށް އެކްސްޕޯޒްވެ، މީހުންގެ ފަރާތުން ލިބުނު ޕޮޒިޓިވް ފީޑްބެކްތައްކަމަށް ޝަމީން ބުނެއެވެ.
ޝަމީންގެ ގިނަ މަސައްކަތްތަކެއް ފޮޓޯއާއި ވީޑިއޯގެ ޒަރިއްޔާއިން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ހިއްސާކޮށްފައިވެއެވެ. މި މަސައްކަތްތައް ބަލާލަން ކިތަންމެހާވެސް ހިތްގައިމެވެ.
ކޮންމެ ކުރެހުމެއްވެސް އެހާމެ ތަފާތުވެފައި ރީއްޗެވެ. ރާއްޖޭގެ ގުދުރަތީ ހިތްގައިމުކަމާއި، ކަނޑުފަޅުގެ ރީތިކަމާއި، ކަނޑުއަޑީގެ ޗާލުކަމާއި، ވަށައިގެންވާ އެކި މާހައުލުތަކުން ފެނިގެންދާ ތަފާތު މަންޒަރުތަކާއި، މިހެންގޮސް ކިޔާނެކަމެއްނެތެވެ. އޭނާ ނުކުރަހާ ހަމަވަކި އެއްޗެއް މިހާރު ނެތޭ ބުނުމަކުންވެސް ދޮގަކަށްނުވާނެއެވެ.
ޝަމީން ސޯޝަލް މީޑިއާއަށް ދޫކޮށްލާ ގިނަ ވީޑިއޯތަކުގައި އޭނާ "އައި ގޮޓް ޔޫ މޭން" މިހެން ބުނާތީ މިކަމުގެ ހަޤީޤަތް ހޯދާލީމެވެ. ޝަމީން ފާހަގަކުރެވެނީ އޭނާގެ ފޮލޯވަރުންނާއި، ފޭނުންނާއި ސޯޝަލް މީޑިއާގައި ރަނގަޅު ގުޅުމެއް ބާއްވާ ޒުވާނެއްގެގޮތުގައެވެ. ރިކުއެސްޓް ޝޯވއެއްގައި ބައިވެރިވާ އެހުންތެރިޔާ އެދޭ ލަވައެއް ގެނެސްދޭ އުޞޫލުން، ޝަމީން އޭނާގެ ފޭނުންގެ ރިކުއެސްޓްތަކަށް ކުރެހުންތައް ކުރަހައިދެއެވެ. އަދި އެ މަސައްކަތް އޭނާ ފުރިހަމަކުރާ މަންޒަރު ފެނިގެންދާ ވީޑިއޯ އޭނާ އަޕްލޯޑްކުރެއެވެ.
މިފަދަ ގިނަ ވީޑިއޯތަކަކީ ވަރަށް ބޮޑަށް ވައިރަލްވެގެންދާ ވީޑިއޯތަކެކެވެ. މިކަންވެސް ޝަމީން ބުނާގޮތުގައި އޭނާ ނަގަނީ ހަމަ ޗެލެންޖެއްގެގޮތުގައެވެ. އަދި މިއީ އޭނާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭކަމެއްކަން އޭނާ ފާހަގަކުރެއެވެ. "އައި ގޮޓް ޔޫ މޭން"ގެ ހުރިހާވެސް ބޭނުމަކީ މި ދާއިރާއަށް މީހުންގެ ޝަޢުގު އުފައްދާ، ރާއްޖޭގައި މި ދާއިރާ ފުޅާކުރުމެވެ.
"ވަރަށް ރަނގަޅު ފީޑްބެކް އެއްޗެހި ލިބޭ. ރެސްޕެކްޓްވެސް ލިބޭ. އެކަމު އަދިވެސް އެންމެ ބޭނުންވާވަރަކަށް ޝަމީންގެ ކްރިއޭޓިވިޓީ ދެއްކޭކަަހަލަ އާޓްސް ވޯކްސްތަކެއް ނުލެވޭ. ބިޒީކޮށް އުޅޭތީޔާވެސް އެއްކޮށް" ޝަމީން ބުންޏެވެ.
ބައެއް މީހުންނަށް ހީވެފައި އޮންނަގޮތުން ކުރެހުމަކީ ވަރަށް ގިނަ ވަގުތު އެކަމަކަށް ހިނގާ، އަދި އާމްދަނީއެއް ހޯދުމަށް ކުރަން އެންމެ ރަނގަޅު މަސައްކަތެއް ނޫނެވެ. އެހެންނަމަވެސް ޝަމީން މިކަމުގައި ދެކޭގޮތް ތަފާތެވެ. ޝަމީން ބުނާގޮތުގައި މިއީ ރާއްޖޭގައިވެސް އިންވެސްޓް ކުރަން ރަނގަޅު ދާއިރާއެކެވެ. އަދި ރަނގަޅު އާމްދަނީއެއްވެސް ހޯދިދާނެ ދާއިރާއެކެވެ.
ރާއްޖޭގައި އާޓިސްޓުންގެ ކޮމިއުނިޓީ ވަރުގަދަކޮށް، މި ދާއިރާއިން މީހުން ތަމްރީންކޮށް ކުރިއަށް ނެރުމަކީ ޝަމީން މިހާރު އެންމެ ކުރަން ބޭނުންވާ ކަންތަކެވެ. އޭނާ އަންނަނީ ކުރެހުމަށް ލޯބިކުރާ އެކި އުމުރުފުރާތަކުގެ މީހުންނަށް ކްލާސްތައް ނަގައިދެމުންނެވެ.
"އަޅުގަނޑުގެ ޓާކެޓަކީ މި ދާއިރާއިން ވީހާވެސް ގިނަ ކުދިން އުފައްދާ، އެމީހުންނަށް ކުރިއަށްދެވޭނެ މަގު ކޮށައިދިނުން. މިހާރު މާލޭގައި ޚާއްސަ ކޯސްތަކެއް އެބަ ހިންގަން. ބޭނުމަކީ އެކުދިންނަށް މިއިން ފައިދާއެއް ނެރެދިނުން. ބޭސިކުން ފަށައިގެން ޕްރޮފެޝަނަލް ކުދިންނަށް އެކުދިން ހެދުން. އަދި ކިތަންމެ އޭޖުން ކުޑަޔަސް، ބޮޑަސް، ނޫނީ ފައިން ޓިއުންކޮށްލަން ބޭނުންވާ ކުދިންނަށްވެސް ޗާންސް ދިނުން" ޝަމީން ބުންޏެވެ.
ޝަމީން އޭނާގެ ޕާޓްނަރުންނާއެކު ހިންގާ އާޓް ކްލާސްތަކުގައި ބްރަޝް އަދި ކަލަރ މިކްސިންގ މާސްޓަރކޮށްދިނުމާއި، ދޭލައިޓް އަދި ބީޗް ޕެއިންޓިންގއާއި، އޭރިއަލް ޕެއިންޓިންގއާއި، ކުރެހުމާގުޅުންހުރި ތަފާތު ކަންކަން ދަސްކޮށްދެއެވެ.
މި ދާއިރާއިން ޝަމީން އެންމެ ދެކެން ބޭނުންވަނީ ގާދޫކޮލުން ބޭރުވެ، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ނަން މަޝްޙޫރު އާޓިސްޓަކަށްވުމެވެ. އޭނާގެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ ސްޕެއިންގެ މަޝްހޫރު އާޓިސްޓެއްކަމަށްވާ ޕަބްލޯ ޕިކާސޯއެވެ. ދެވަނަ ޕަބްލޯއަށްވުމަކީ ޝަމީންގެ ހުވަފެނެކެވެ.
ކުރެހުމުގެ ދާއިރާއިން ޝަމީން ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު، "މޯލްޑިވިއަން އާޓް ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް އުފައްދާ 2013 ވަނަ އަހަރުން ފެށިގެން އޭނާ އަންނަނީ މާލެއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގަމުންދާ ރިސޯޓްތަކުގެ ސުވެނިއަރ ޝޮޕްތަކަށް އޭނާގެ ކުރެހުންތައް ސަޕްލައިކޮށްދެމުންނެވެ. 2014 ވަނަ އަހަރުން ފެށިގެން އަމިއްލަ އާޓް ސްޓޫޑިއޯއެއް އޭނާ އަންނަނީ ހިންގަމުންނެވެ.
މޯލްޑިވިއަން އާޓް މެދުވެރިކޮށް އޭނާ ފޯރުކޮށްދޭ ތަފާތު ޚިދުމަތްތަކުގެ ތެރޭގައި ޕެއިންޓިން އަދި ކެންވާސް ޕްރިންޓްކޮށްދިނުމާއި، އާޓް ކްލާސްތައް ނަގައިދިނުމާއި، ކަސްޓަމައިޒް އާޓް ޕްރޮޑަކްޓްސް އުފެއްދުމާއި، ހީނާގެ މަސައްކަތްތައް ހިމެނެއެވެ. އަދި އެންގްރޭވިންގގެ މަސައްކަތާއި، ޕޯޓްރެއިޓް ޕެއިންޓިންގއާއި، ލައިވް ޕެއިންޓިންގެ އިތުރުން ރެސިން އާޓުގެ މަސައްކަތްވެސް ހިމެނެއެވެ. ހަމައެހެންމެ ޓީޝާޓް ޕެއިންޓިންގއާއި، ވޯލް ޕެއިންޓިންގގެ މަސައްކަތްވެސް އޭނާ އަންނަނީ ކުރަމުންނެވެ.
ޝަމީން ބުނިގޮތުގައި އޭނާއަށް އެންމެގިނައިން އޯޑަރުތައް ލިބެމުންދަނީ އެކި ރިސޯޓްތަކުންނެވެ. ރިސޯޓްތަކަށް މި މަސައްކަތުގެ ބޮޑު ޑިމާންޓެއް އޮންނައިރު، މިކަމުގައި އޭނާގެ އަންހެނުންގެ އެހީތެރިކަމާއި ބައިވެރިވުން ލިބޭކަންވެސް ޝަމީން ފާހަގަކުރިއެވެ. ޝަމީންގެ އަންހެނުންނަކީވެސް އާޓިސްޓެކެވެ.
"އަންހެނުންނަކީވެސް ކުރަހާ މީހެއް. އަންހެނުންވެސް އަޅުގަނޑާއެކީގައި ރިސޯޓްތަކަށްގޮސް ލައިވް ޕެއިންޓިންގ މަސައްކަތުގައި އުޅޭނެ. އަބަދުވެސް އަންހެނުން ފަޅިން ފުލް ސަޕޯޓް ލިބޭނެ" ޝަމީން ބުންޏެވެ.
މިހާތަނަށް އައިރު އެތައް ސަތޭކަ ކުރެހުމެއް ޝަމީން ކުރަހާފައިވާއިރު، އޭނާއަށް އަދިވެސް އެންމެ ޚާއްސަ ކުރެހުމަކީ މަޝްޙޫރު ޖެމެއިކަން ލަވަކިޔުންތެރިޔާ ބޮބް މާރލޭގެ ޕޯޓްރެއިޓެވެ. އެއީ އޭނާ މީހެއްގެ މޫނު ކުލަކޮށް ކުރެހި ފުރަތަމަ ފަހަރެވެ.
މިކުރެހުން ވިއްކާލުމަށް ގިނަ ހުށަހެޅުންތަކެއް ލިބުންނަމަވެސް ކުރެހުން ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ޝަމީން ނުގެންގުޅެއެވެ. އަދި ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޭނާ ތްރީޑީކޮށް ކުރަހާފައިވާ ޑޯލްފިންއަކީވެސް ޝަމީން ބުނިގޮތުގައި އޭނާ ވަރަށް ހިތްހަމަޖެހޭ މަސައްކަތެކެވެ.
ކޮމަރޝަލް އާޓްގެ ގޮތުގައި ގެސްޓުންނަށް ވިއްކުމަށް ކުރަހާ ކުރެހުންތަކުގެ އިތުރުން މޮޑާން، އިމޭޖިނަރީ ބޮޑެތި ކުރެހުންތައް ކުރެހުމަކީ ޝަމީން ޝަޢުގުވެރިވާކަމެކެވެ. އަދި މިއީ އޭނާގެ ހުނަރުވެރިކަމާއި ފަންނުވެރިކަން މީހުންނަށް އިތުރަށް ދައްކާލެވިދާނެ ދާއިރާއެއްގެ ގޮތުގައި އޭނާ ޤަބޫލުކުރެއެވެ.
ޝަމީން މިހާރު އަންނަނީ މޯލްޑިވިއަން އާޓް ކުންފުނި މެދުވެރިކޮށް މާލޭގައި އާޓް ޝޮޕެއް ހުޅުވުމަށްވެސް ތައްޔާރުވަމުންނެވެ. އަދި އާޓް ކްލާސްތައްވެސް މިހާރަށްވުރެ ފުޅާކުރުމަކީ އޭނާގެ އަމާޒެކެވެ. އަދި އޭނާގެ ގިނަ މަސައްކަތްތަކެއް އެއްތަނަކުން ފެންނާނެފަދަ އެގްޒިބިޝަނެއް ބޭއްވުމަކީވެސް ޝަމީންގެ އުއްމީދެކެވެ.
މިއީ ރާއްޖޭގައި މުސްތަޤުބަލު އޮތް ދާއިރާއެއްކަމަށް ޝަމީން ދެކެއެވެ. އެހެންނަމަވެސް ދިވެހި އާޓިސްޓުންނަށް އެމީހުންގެ މަސައްކަތްތައް ޝޯވކޭސް ކުރެވޭނެ ފަހިގޮތްތަކެއް އޮތުން މުހިއްމުކަމަށް ޝަމީން ބުންޏެވެ. ކޮންމެ ކުރެހުމަކީވެސް އޭގެ ޒާތުގައި ތަފާތު އެތައް ވާހަކަތަކެއް ބުނެދޭ، މީހުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނުވައިދޭ އެއްޗަކަށްވާއިރު، މި ފަންނު ރާއްޖޭގައި މިހާރަށްވުރެ ފުޅާކުރަންޖެހޭކަމަށް އޭނާ ޤަބޫލުކުރެއެވެ.