ޚަބަރު

މަންކީޕޮކްސް ޖެހޭ މީހުން އެކަހެރިކުރަން ނިންމި ފުރަތަމަ ޤައުމަކަށް ބެލްޖިޔަމް


އެމެރިކާއާއި ވިލާތުގެ ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ މަންކީޕޮކްސް ޖެހޭ މީހުން އެކަހެރިކުރަން ނިންމި ފުރަތަމަ ޤައުމަކަށް ބެލްޖިޔަމުވެއްޖެއެވެ.

ބެލްޖިޔަމުގެ ޞިއްޙަތަބެހޭ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމުގައި މަންކީޕޮކްސް ޖެހޭ އެންމެން 21 ދުވަހަށް އެކަހެރިވާން މަޖުބޫރުކުރަން ނިންމާފައިވާކަމަށެވެ. އެ ޤައުމުން އެ ގޮތަށް ޢަމަލުކުރަން ނިންމާފައިވަނީ މަންކީޕޮކްސް ޖެހިފައިވާ ތިން މީހުން ފެނިފައިވަނިކޮށެވެ.

އެމެރިކާއާއި ވިލާތުގެ ޤައުމުތަކުގައި 100އަށްވުރެ ގިނަ މީހުންނަށްވަނީ މަންކީޕޮކްސް ޖެހިފައެވެ. އެ ގޮތުން ސުޕެއިންގައި 50 މީހުންނަށް އަދި ޕޯޗުގަލްގައި 34 މީހުންނަށްވަނީ ބަލިޖެހިފައެވެ. އޭގެ އިތުރުން އިނގިރޭސިވިލާތުގައި 20 މީހުންނަށް އަދި އެމެރިކާގައި 22 މީހުންނަށްވަނީ ބަލިޖެހިފައެވެ. އަދި މެކްސިކޯއާއި އޮސްޓުރޭލިޔާއިންވެސްވަނީ ބަލިޖެހިފައިވާ މީހުން ފެނިފައެވެ.

މަންކީޕޮކްސް އެންމެ ފުރަތަމަ ޖެހިފައިވަނީ ރާމާމަކުނަށެވެ. ގައިންގަޔަށްއަރާ މަންކީޕޮކްސަކީ އެފްރިކާއިން ބޭރުގައި މީގެ ކުރިން ފެތުރިފައިވާ ބައްޔެއް ނޫނެވެ. އެހެންކަމުން ހުޅަނގުގެ ޤައުމުތަކުގައި އެ ބަލިފެތުރެން ފެށުމަކީ ޞިއްޙީ މާހިރުން ކަންބޮޑުވާކަމެކެވެ. ނަމަވެސް ކޯވިޑް-19 ފެތުރޭ ގޮތަށް މަންކީޕޮކްސް ފެތުރި ބޮޑު ބަލިމަޑުކަމަކަށް ބަދަލުވެދާނެކަމަށް ޞިއްޙީ މާހިރުން ޤަބޫލެއްނުކުރެއެވެ. މަންކީޕޮކްސް ޖެހުމުން ފުރާނައަށް ނުރައްކާވާކަމަކަށް ނުވެއެވެ. އެ ބަލީގެ މައިގަނޑު އަލާމާތަކީ ހުންއައުމާއި ގައި ވަރަށް ބޮޑަށް ފާރުވުމެވެ. އެ ބަލިން ފަސޭހަވާން ދެ ހަފުތާއާއި ހަތަރު ހަފުތާއާ ދެމެދުގެ މުއްދަތެއް ނަގައެވެ. އެ ބަލީގެ އަސަރު އެންމެ ބޮޑަށް ކުރަނީ ކުޑަކުދިންނާއި މާބަނޑު އަންހެންނަށްކަމަށް ޞިއްޙީ ތަޖުރިބާކާރުން ބުނެއެވެ.

މަންކީޕޮކްސަށް ވެކްސިންނެއް އުފައްދާފައެއް ނުވެއެވެ. ނަމަވެސް އެ ބައްޔާ އެއްގޮތް އެހެން ބައްޔެއްކަމަށްވާ ސުމޯލްޕޮކްސަށް ބޭނުންކުރާ ވެކްސިންނަކީ މަންކީޕޮކްސާ ދެކޮޅަށް %85އަށް މަސައްކަތްކުރާ ވެކްސިންނެއްކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުއިއްޔާއިން ބުނެފައިވެއެވެ.