ޚަބަރު

އޮސްޓުރޭލިޔާގެ ބޮޑުވަޒީރަކަށް އަލްބާނީސް، އިސްކަންދެއްވާނީ އެއްބައިވަންތަކަމަށް


އޮސްޓުރޭލިޔާގެ ޢާއްމު އިންތިޚާބު ކާމިޔާބުކުރައްވައި ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަންނަވާނީ އެންތޮނީ އަލްބާނީސްކަން ކަށަވަރުވެއްޖެއެވެ.

ނުވަ އަހަރަށްފަހު އިދިކޮޅު ލޭބަރ ޕާޓީއަށް ޢާއްމު އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށްފަހު ޢުމުރުފުޅުން 59 އަހަރުގެ އަލްބާނީސް ވިދާޅުވެފައިވަނީ އޭނާގެ ވެރިކަމެއްގައި އެންމެ ބޮޑަށް އިސްކަންދެއްވާނީ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ޤާއިމުކުރެއްވުމަށްކަމަށެވެ. އަދި ބައިބައިވުމާ ދެކޮޅަށް ރައްޔިތުން ތިބިކަން އިންތިޚާބުގެ ނަތީޖާއިން ދައްކުވައިދީފިކަމަށާއި އެ މީހުންގެ އުއްމީދުތައް ހަޤީޤަތަކަށް ހައްދަވައިދެއްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޮސްޓުރޭލިޔާގެ ބޮޑުވަޒީރު ސުކޮޓު މޮރިސަންވަނީ އަލްބާނީސަށް ގުޅުއްވައި ބަލިޤަބޫލުކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ. އިންތިޚާބުގައި މޮރިސަންގެ އިއްތިޙާދަށް ކާމިޔާބުކުރެވުނީ 55 ގޮނޑިއެވެ. އަލްބާނީސްގެ ލޭބަރ ޕާޓީންވަނީ 72 ގޮނޑި ޔަޤީންކޮށްފައެވެ. 151 ގޮނޑި ހިމެނޭ އޮސްޓުރޭލިޔާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ އަޣުލަބިއްޔަތު ހޯދުމަށް 76 ގޮނޑި ބޭނުންވެއެވެ. އެހެންކަމުން އަލްބާނީސް ސަރުކާރެއް ޤާއިމުކުރެއްވުމަށް އަމިއްލަ ކެނޑިޑޭޓުންގެ ތާޢީދު ހޯއްދެވުން އެކަށީގެންވެއެވެ. އޮސްޓުރޭލިޔާގެ ގުރީން ޕާޓީއާއި އަމިއްލަ ކެނޑިޑޭންޓުންވަނީ 11 ގޮނޑި ކާމިޔާބުކޮށްފައެވެ. ނަމަވެސް 13 ގޮނޑިއެއްގެ ފުރިހަމަ ނަތީޖާ އަދި ކަށަވަރެއް ނުވެއެވެ. އެހެންކަމުން އެހެން ޕާޓީއަކާ އިއްތިޙާދުނުވެ ސަރުކާރެއް ޤާއިމުކުރެއްވުމުގެ ފުރުޞަތުވެސް އަލްބާނީސަށް އެބައޮތެވެ.

މެދުފަންތީގެ ޢާއިލާއަކުން ސިޔާސީ މައިދާނަށް އަލްބާނީސް ނުކުމެވަޑައިގެންފައިވަނީ 1996ވަނަ އަހަރުގެ ތެރޭގައެވެ. އެ ދުވަސްވަރަކީ ލިބެރަލް ޕާޓީގެ ޒަމާންވީ ވެރިކަން އޮތް ދުވަސްވަރެވެ. ނަމަވެސް 2007ވަނަ އަހަރުގެ ތެރޭގައި ލޭބަރ ޕާޓީންވަނީ ވެރިކަން ހޯދައިފައެވެ. ނަމަވެސް ސިޔާސީ ދެބަސްވުންތައް އުފެދި ލޭބަރ ޕާޓީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުނެވެ. އެ ދުވަސްވަރު އަލްބާނީސްވަނީ އޭނާގެ ސިޔާސީ ޤާބިލްކަން ދައްކަވާލައްވާ އިދިކޮޅު މެންބަރުންގެ ވޯޓާއެކު ސަރުކާރުން ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. 2013ވަނަ އަހަރުގެ ތެރޭގައި ލޭބަރ ޕާޓީއަށް ވެރިކަން ގެއްލުނީ ބޮޑުވަޒީރުގެ ނައިބުގެ މަޤާމުގައި އަލްބާނީސް ހުންނަވަނިކޮށެވެ.