ޚަބަރު

އިންޑިޔާއާއި ބަންގްލަދޭޝްގައި ފެންބޮޑުވެ ގިނަ ބަޔަކު ޙާލުގައި ޖެހިއްޖެ


އިންޑިޔާއާއި ބަންގްލަދޭޝަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 50އަށްވުރެ ގިނަ މީހުން މަރުވެ އެތައް މިލިޔަން މީހުންނެއް ޙާލުގައި ޖެހިއްޖެއެވެ.

ބަންގްލަދޭޝަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފާއިތުވި 20 އަހަރުގެ ތެރޭގައި އެ ޤައުމުގެ އިރުއުތުރު ސަރަޙައްދުތަކުގައި ފެންބޮޑުނުވާވަރަށް ފެންބޮޑުވެ ދެ މިލިޔަން މީހުންނަށް އޭގެ އަސަރުކޮށްފައިވެއެވެ. ފާއިތުވި ހަފުތާގެ ތެރޭގައި ބަންގްލަދޭޝަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 10 މީހުންވަނީ މަރުވެފައެވެ.

ބަންގްލަދޭޝާ އިންވެގެން އޮންނަ އިންޑިޔާގެ ސަރަޙައްދުތަކަށްވެސްވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ޙާދިޘާތަކާ ކުރިމަތިލާން ޖެހިފައެވެ. އެ ގޮތުން ފާއިތުވި ހަފުތާގެ ތެރޭގައި އިންޑިޔާގައި 40އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އޭގެ ތެރެއިން 14 މީހުން މަރުވެފައިވަނީ އައްސާމުގައެވެ. އެ ސުޓޭޓުގެ 3،200 އަވަށަކަށްވަނީ ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ޙާދިޘާތަކާ ކުރިމަތިލާން ޖެހިފައެވެ. އެ ގޮތުން ގިނަ ޢަދަދެއްގެ ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބި ދަނޑުބިންތައް އޮތީ ފެނުއަޑީގައެވެ. އޭގެ އިތުރުން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބިހާރަށްވެސްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ފާއިތުވި ދުވަސްތަކުގައި އިންތިހާއަށް ހޫނުގަދަވުމުގެ ސަބަބުންވެސް އެ ސުޓޭޓުންވަނީ ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައެވެ.

އިންޑިޔާއާއި ބަންގްލަދޭޝަކީ ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ޙާދިޘާތައް ވަރަށް ގިނައިން ހިނގައި ދެ ޤައުމެވެ. އަދި ހޫނުގަދަވުމުގެ ސަބަބުން އެ ޤައުމުތަކަށް ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަތައް އިތުރުވާނެކަމަށްވަނީ ބެލެވިފައެވެ. ފާއިތުވި ދުވަސްތަކުގައި ޕާކިސްތާނަށްވެސްވަނީ އެފަދަ މޫސުމީ ކާރިޘާތަކާ ކުރިމަތިލާން ޖެހިފައެވެ.