ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ތަޖުރިބާކުރުމުގެ ފުރުޞަތު އަންހެނުންނަށް


ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް އަންހެނުން ޝައުގުވެރިކުރުމަށް ޔޫއެންޑީޕީން ފަށާފައިވާ "ޕްރެކްޓިސް ޕަރލަމަންޓް ފޯރ ވިމެން"ގެ ދެވަނަ ބުރު ފަށައިފިއެވެ. ޔޫއެންޑީޕީއާއި ރައްޔިތުންގެ މަޖިލީހާއި، އޮސްޓްރޭލިއާ ސަރުކާރުގެ އެހީއާއެކު ޕްރެކްޓިސް ޕަރލަމެންޓް ސީރީޒް ފެށީ މިދިޔަ އަހަރުއެވެ.

ޕްރެކްޓިސް ޕަރލަމެންޓް ފޮރ ވިމެން"ގެ ދެވަނަ ބުރުގައި 40 އަންހެނަކަށް ބައިވެރިވުމުގެ ފުރުޞަތުވަނީ ދީފައެވެ.

މިބުރު ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ނިއުޝާއެވެ. ޝެޝަންގެ ބައިވެރިންނާ ވާހަކަދައްކަވަމުން ނިއުޝާ ވިދާޅުވީ މިފަދަ ޕްރޮގްރާމެއްގެ ސަބަބު ޤާނޫނު ހެދުމުގެ ދާއިރާއަށް އަންހެނުން ޝައުގުވެރިކުރުވާ، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް ޤާބިލު މީހުން އުފެއްދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. ނިއުޝާ ވިދާޅުވީ މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން މަދުވުމަކީ، ގިނަ ޤައުމުތަކަކަށް ކުރިމަތިވެފައިވާ ގޮންޖެހުމެއްކަމަށެވެ. މީގެ ސަބަބުން ކަންކަން ނިންމުމުގައި އާބާދީގެ އެންމެންގެ ބައިވެރިވުން އޮތުމަށް ހުރަސް އެޅޭކަމަށް ނިއުޝާ ވިދާޅުވިއެވެ.

"މި ޕްރޮގްރާމްގައި މަޖިލީހުގެ އެކި މަސައްކަތްތައް ތަޖުރިބާކުރަން ލިބޭނެ. މުވައްޒަފުންނާ މެންބަރުން ބައިވެރިވާނެ. އަދި މަޖިލިސް މެންބަރުންގެ ގޮތުގައި މަސައްކަތްކުރި އަންހެން މެންބަރުންގެ ތަޖުރިބާ ޙިއްސާކުރާނަން." ނިއުޝާ ވިދާޅުވިއެވެ.

ޔޫއެންޑީޕީގެ އެސިސްޓަންޓް ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ޔާސްމީން ރަޝީދު ވިދާޅުވީ ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލި ފުރުޞަތުގައި 100އަށްވުރެ ގިނަ ހުށައެޅުން ލިބުނުކަމަށެވެ. މީގެތެރެއިން މިފަހަރުގެ ޕްރޮގްރާމްގައި 40މީހުން ބައިވެރިވާކަމަށެވެ. މި ޕްރޮގްރާމް ސިލްސިލާއެއްގެ ގޮތުގައި ދެމިގެންދާގޮތަށް ކުރިއަށްގެންދިއުމަށްވަނީ ނިންމާފައެވެ.

"ފިޔަވަޅެއް ކުރިއަށް އަޅައިފިއްޔާ ދެ ފިޔަވަޅު ފަހަތަށް ޖެހެންޖެހޭ ޙާލަތްތައް އެބަ ދިމާވޭ. ސިޔާސީ މައިދާނަން އަންހެނުން ނުކުތުމަކީ ހުތުރު ކަމެކޭ އެބަ ބުނޭ. އެފަދަ ވިސްނުމުގެ ސަބަބުން މި ދާއިރާއަށް މީހުން ނިކުންނަން ޖެހިލުންވަނީ." ޔާސްމީން ވިދާޅުވިއެވެ.

ޔާސްމީން ވިދާޅުވީ މި ޕްރޮގްރާމްގެ ސަބަބުން މި ދާއިރާއަށް އިތުރަށް ލޯހުޅުވި، ހޭލުންތެރިވެ، ސިޔާސީ ދާއިރާއަށް މީހުން ނިކުތުމަށް އެހީއަކަށް ވާނެކަމަށެވެ.

މިފަހަރުގެ ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 28ގެ ނިޔަލަށެވެ. ޕްރޮގްރާމްގައި އެލްޖީއޭއާއި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސެޝަންތައްވެސް ކުރިއަށްދާނެއެވެ.

ޕްރެކްޓިސް ޕަރލަމެންޓްގެ އެންމެ ފުރަތަމަ ބުރު ކުރިއަށްގެންދިޔައި ޒުވާނުންނަށް ޚާއްސަކޮށްގެންނެވެ.