ޚަބަރު

އާއިލާގެ އުފާވެރި ހަފްލާ ބަދަލުކޮށްލީ 2 މަރު


ރޭ މުޅި ރާއްޖެ ސިއްސުވާލީ ގއ.ވިލިނގިލީގައި ލޯންޗެއް ނެރުމައްޗަށް އަރާ، އެ ޙާދިސާގައި 2 މީހުން މަރުވި ކުއްލި ޚަބަރުންނެވެ. މި ޙާދިސާގައި ދެ މީހަކު މޫދަށް ވެއްޓުނުކަން ރޭކާލީ، ހާދިސާގެ ވަގުތު ޒަޙަމްތަކާއެކު ލޯންޗު ތެރޭގައި ތިބި މީހުން ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. މިއާއެކު މި ދެމީހުން މޫދުން ނަގައި ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުންވަނީ ވިދާޅުވެފައެވެ.

ހާދިސާގައި މަރުވީ ގއ.ވިލިނގިލި، ދޫރެސް އުމުރުން 37 އަހަރުގެ މިސްބާޙް އަބްދުލް މުހުސިނާއި ނ.ލަންދޫ އުރަހަ، އުމުރުން 27 އަހަރުގެ މުހައްމަދު ޝާފިއުއެވެ.

ޙާދިސާ ހިނގީ ގއ.އަތޮޅުގައި އޮންނަ ރިސޯޓެއްކަމަށްވާ ޕުލްމަން މޯލްޑިވްސް ރިސޯޓްގައި މަސައްކަތްކުރާ މީހަކު ގޮވައިގެން އައިސް، ރަށު ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން ޙާދިސާ ހިނގީ ލޯންޗުގެ ސްޕީޑް ބާރުކޮށް އައިސް ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި، ނެރުގެ ފައިކައްޓަށް އަރައިގެންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުންވެސް ފެންނަ ގޮތުގައި، ލޯންޗު އުރިފައި އޮތީ ބަނދަރު ފައިކަށީގެ ހިލަތަށް މައްޗަށެވެ. މި ލޯންޗަކީ ހާދިސާގައި މަރުވި މިސްބާޙް އަބްދުލް މުހުސިންގެ އަމިއްލަ ލޯންޗެއްކަމަށް ރަށުގެ ކައުންސިލުން މައުލޫމާތުދިނެވެ.

ކޮންމެއަކަސް މި ޙާދިސާ ސިއްސުވާލީ ހަމައެކަނި ގއ.ވިލިނގިއްޔެއް ނޫނެވެ. މިއީ މުޅި ރާއްޖެވެސް ސިއްސުވާލި ޙާދިސާއެކެވެ.

ހާދިސާ ހިނގީ އާއިލާގެ ބޮޑު ޙަފްލާއަކަށް ތައްޔާރުވެފައި އޮތްވައެވެ. ހާދިސާގައި މަރުވި މިސްބާހުގެ ދައްތަގެ ކައިވެންޏަށް ތައްޔާރުވެފައިވަނިކޮށްކަމަށް، ރަށުގެ ކައުންސިލުން ވަނީ މަޢުލޫމާތުދީފައެވެ.

ހާދިސާގައި ދެން މަރުވި ނ.ލަންދޫ މުޙައްމަދު ޝާފިއުވެސް ވިލިނގިއްޔަށް ދަތުރުކުރީ މި ކައިވެނީގެ ޙަފްލާއަށެވެ. ކައިވެނިކުރާ ފިރިހެން މީހާއަކީ ޝާފިއުގެ ބޭބެކަމަށްވެސް މަޢުލޫމާތު ލިބެއެވެ. މި ކައިވެންޏަށް، އެ އާއިލާގެ ގިނަ ބަޔަކު ލަންދޫއިން ވިލިގިއްޔަށް ދަތުރުކޮށްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

މިއީ ވިލިނގިއްޔަށް އަދި ލަންދޫ އަށްވެސް ކުރިމަތިވި ބޮޑު ހިތާމައެކެވެ.

މަރުވި ދެމީހުންގެ ޖަނާޒާ އަސްރު ނަމާދަށްފަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ކަށު ނަމާދު އޮންނާނީ ގއ.ވިލިނގިލީ މަސްޖިދުލް ތައުބާގައެވެ.

މި ހާދިސާ ހިނގިއިރު ލޯންޗުގައި ތިބީ 5 މީހުންނެވެ. މަރުވި ދެމީހުގެ އިތުރުން، ދެން މި ހާދިސާގައި ހިމެނޭ 3 މީހުންނަށްވެސް ބޮޑެތި އަނިޔާތައް ވަނީ ލިބިފައެވެ. މީގެތެރެއިން އެކަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނައިރު، އެއީ ހާދިސާގައި މަރުވި މިސްބާހުގެ ކޮއްކޮކަމަށް މަޢުލޫމާތު ލިބެއެވެ.

މި 3 މީހުން މިހާރު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ. އެގޮތުން 2 މީހުން މާލެ ގެނައީ ރޭ 1:00 ފްލައިޓެއްގައެވެ. އަދި ވެންޓިލޭޓަރުގައި އޮތް މިސްބާހުގެ ކޮއްކޮ އިސްހާގް މާލެ ގެނައީ ރޭ ފަތިހު، އެމްއެންޑީއެފްގެ ޑޯނިއާ ފްލައިޓްގައެވެ.