ކުޅިވަރު

އޮއްފު އެފްސީ ބަލިކޮށް ވެމްކޯ ފައިނަލް ބުރަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ވީއޭއެމް އެސޯސިއޭޝަން ކަޕުގެ ޕްރިލިމިނަރީ ބުރުގައި އޮއްފު އެފްސީ ބަލިކޮށް ފައިނަލް ބުރުން ކުލަބު ވެމްކޯ ޖާގަ ހޯދައިފިއެވެ.

ވެމްކޯއިން ވަނީ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައިވެސް ފަސޭހަކަމާއެކު އައްޑޫ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދާފައެވެ. އަދި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު ވެމްކޯއިން ކާމިޔާބުކުރީ އޮއްފު އެފްސީ އަތުން 3-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ވެމްކޯއިން ވަނީ 25-19 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު ތަފާތު ރޫހެއްގައި ކުޅެ އޮއްފު އެފްސީން ވަނީ ދެވަނަ ސެޓު 25-22 އިން ގެންގޮސްފައެވެ. ނަމަވެސް ޖެހިގެން އައި ދެ ސެޓު 25-20 އަދި 25-18 އިން ކާމިޔާބުކުރީ ވެމްކޯއިންނެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުގެރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އައްޑޫ ސްޕޯޓްސް ކުލަބާއި އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކުލެބެވެ. މި މެޗު އައްޑޫ ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އައްޑޫ ސްޕޯޓްސް ކްލަބުން ގެންދިޔައީ 25-20، 25-23 އަދި 25-23 އިންނެވެ.

އެސޯސިއޭޝަން ކަޕުގެ ޕްރިލިމިނަރީ ބުރުގެ ކުރިއަށްދާނީ ލީގު އުސޫލުންނެވެ. ލީގު ބުރުގެ މެޗުތައް ނިމޭއިރު ކުރި ހޯދާ ދެ ޓީމު އެސޯސިއޭޝަން ކަޕުގެ ފައިނަލް ބުރަށް ކޮލިފައިވާނެއެވެ. އަދި މި އަހަރުގެ ގައުމީ ލީގުންވެސް އެ ދެ ޓީމަށް ޖާގަ ލިބޭނެއެވެ.

މި އަހަރުގެ އެސޯސިއޭޝަން ކަޕް އަންނަ މަހު ފެށުމަށް ތާވަލުކުރެވިފައިވާއިރު، އެސޯސިއޭޝަން ކަޕުގެ ގަވާއިދަށް ވަނީ ބޮޑު ބަދަލެއް ގެނެވިފައެވެ. އެގޮތުން ކުރިން ކޮންމެ ޓީމަކު ބިދޭސީ ދެ ކުޅުންތެރިން ހިމެނުނު ނަމަވެސް، މި އަހަރު ބިދޭސީ ތިން ކުޅުންތެރިން ޖެހުމުގެ ފުރުސަތު ވަނީ ދީފައެވެ. އެކަމަކު އެއީ ވީއޭއެމުން އެކުލަވާލައިފައިވާ ޕޫލުގައި ހިމެނޭ ކުޅުންތެރިންނަށް ވާންޖެހެއެވެ. ވީއޭއެމުން ވަނީ އިންޑިއާގެ 18 ކުޅުންތެރިން ހިމެނޭ ޕޫލެއް އެސޯސިއޭޝަން ކަޕަށް އެކުލަވާލައިފައެވެ.