ޚަބަރު

ރަތަފަންދޫ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް އަންނަމަހު ފަށަނީ


1990ގެ އަހަރުތަކުން ފެށިގެން ގދ. ރަތަފަންދޫއަށް ދިމާވެފައިވާ އެންމެ ހިތާމަވެރި އަދި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން އޮތް ކަމަކީ ރަށް ގިރުމުގެ މައްސަލައެވެ. އެ ރަށު މީހުން ބުނާގޮތޮތުގައި މިހާރު އެންމެ ބޮޑަށް ގިރަމުން އަންނަ ސަރައްހައްދުގައި ގެތައްވެސް ހުއްޓެވެ. ނަމަވެސް މިހާރު ފެންނަން ހުރީ އެ ގެތަކުގެ ވަށާ ފާރުގެވެސް ކުޑަބައެކެވެ. ޒަމާންވީ މި ބޮޑު މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ސަރުކާރުން ވަނީ މިދިޔަ އެޕްރީލްމަހު އެ ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމަށްޓަކައި އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެ ކުންފުނިން މިހާރު އަންނަނީ އަންނަމަހު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ.

ރަތަފަންދޫ ގިރާ ސަރަޙައްދުން ރާޅު އަރައި ގެތަކަށް ގެއްލުންވެ އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ވަނީ ރަށުގެ އެހެން ހިސާބުތަކަށްވެސް ބަދަލުވެފައެވެ. ކުރިން މޫދުން ފެށީގެން 50 ފޫޓާއި ހިސާބަށް ރާޅު އަރާއިރު، މިހާރު އޭގެ 100 ވަރަކަށް ފޫޓް ދުރަށްވެސް ރާޅު އަރައިގެން ގިރާފައިވާކަމަށް އެރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ. ބުނެވޭ ގޮތުގައި އެދުވަސްވަރު ރަށަށް ރާޅު އަރާއިރު ގޭގެ ފާރުމަތިން ރާޅު އަރާ ގެތަކަށް ލޮނުވަދެވެ. އެއާއެކު ގޭގައި ގެންގުޅޭ ތަކެއްޗަށް ދަނީ ގެއްލުން ވަމުންނެވެ. މީގެ އިތުރަށް ވިއްސާރަވެއްޖެނަމަ ގޮނޑުދޮށާ ކައިރީގައި ދިރިއުޅޭ މީހުން ތިބެންޖެހެނީ ނުނިދާ ހޭލައެވެ. ދަނޑު ގޮވާންތަކަށް ގެއްލުން ލިބި އެތަކެއް ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ރަތަފަންދޫ ގޮނދުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ރަށްރަށަށް ދިމާވާ މިފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް ހިންގާ މަޝްރޫއުތަކަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާނެ މަޝްރޫއުތަކެއް ކަމަށެވެ. މި މަސައްކަތް ފަށަން ނިންމާފައިވާ ތާރީޚު ޖޫން އަދި ޖުލައިގެ ކޮޅިގަނޑާ ދިމާވި ނަމަވެސް އިތުރު ހިތްވަރެއް ލައި، އެ ރަށުގެ ރަށް ގިރުމުގެ މަޝްރޫއު މިއަހަރު ތެރޭ ނިންމުމަށް މަސައްކަތްކުރައްވާނެކަމަށް އާޒިމް ވިދާޅުވިއެވެ.

ރަތަފަންދޫ ކައުންސިލްގެ ރައީސް މުހައްމަދު އަބްދުﷲ ވިދާޅުވީ ރަށް ގިރުމުގެ މައްސަލައަކީ އެރަށު ރައްޔިތުންނަށް ދިމާވެފައިވާ ބޮޑު މައްސަލައެއްކަމަށެވެ. ނަމަވެސް ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢުއާއެކު ރަށްޔިތުން ކުރި ދިގު އިންތިޒާރަށް ނިމުން އަންނާނެކަމަށް އޭނާ ވިދާޅުވިއެވެ. ރަށް ގިރުމުގެ ސަބަބުން ރަށު ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފެއް ލިބޭ ކަމަށާއި، އެ ސަރަހައްދުން އެހެން ސަރަހައްދުތަކަށް ހިޖުރަކުރަންވެސް މަޖުބޫރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރަތަފަންދުއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދަދިނުމުގެ ގޮތުން މިހާރު މިވަނީ ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމަށް ނިންމާފައެވެ. މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް މިދިޔަމަހު އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތް ފެށުމަށް މިހާރު އީއައިއޭ މަސައްކަތް ނިންމާ މޮބަލައިޒްކުރަން ވަނީ ތައްޔާރުވެފައެވެ. 210 ދުވަސް ތެރޭ ނިންމުމަށް ހަވާލްކޮށްފައިވާ މި މަސައްކަތުގެ ދަށުން 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 6600 އަކަމީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ކުރާނެއެވެ. ގދ.ރަތަފަންދޫ ގޮނޑުދޮށް ހިމާޔަށް ކުރުމުގެ މަޝްރޫއަކީ 27.84 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.