އުތުރު ކޮރެޔާގެ ނުރައްކާތެރިކަމާ ކުރިމަތިލުމަށް އެމެރިކާއާއި ދެކުނު ކޮރެޔާއިން މުޙިއްމު ނިންމުންތަކެއް ނިންމައިފިއެވެ.
ދެކުނު ކޮރެޔާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންވަނީ ދެކުނު ކޮރެޔާގެ ރައީސްގެ މަޤާމާ އަލަށް ޙަވާލުވެވަޑައިގަތް ޔޫން ސުކް ޔޯލާ ބައްދަލުކުރައްވައި އުތުރު ކޮރެޔާއިން ކުރިމަތިކުރުވަމުންދާ ނުރައްކާތެރިކަމާ ދެކޮޅަށް އެޅޭނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ދެ ޤައުމުން ގުޅިގެން ސަރަޙައްދީ ސަލާމަތަށާއި ވިޔަފާރިއާބެހޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ. އެ ގޮތުން ދެ ޤައުމުން ގުޅިގެން ބާއްވައި އަސްކަރީ ތަމުރީނުތައް އިތުރަށް ފުޅާކޮށް ދެކުނު ކޮރެޔާއަށް އިތުރު ހަތިޔާރު ފޯރުކޮށްދިނުމަށް އެމެރިކާއިންވަނީ އެއްބަސްވެފައެވެ. އޭގެ އިތުރުން ދެކުނު ކޮރެޔާގެ ސަލާމަތް ކަށަވަރުކުރުމަށް އެ ސަރަޙައްދަށް ދިގު ރާސްތާ ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި އަސްކަރީ ސަބްމެރީންނާއި މަނަވަރުތައް ފޮނުވާނެކަމުގެ ޔަޤީންކަން އެމެރިކާއިން ދީފައިވެއެވެ.
ދެކުނު ކޮރެޔާގެ ވެރިރަށް ސޯލްގައި ބޭއްވި ބައްދަލުކުރެއްވުމުގައި ބައިޑަންނާއި ޔޫންވަނީ އުތުރު ކޮރެޔާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19އާ ކުރިމަތިލުމަށް އެ ޤައުމަށް އެހީތެރިވުމަށާއި އެ ޤައުމަށް ބޭނުންވާ ވެކްސިން ފޯރުކޮށްދިނުމަށް އެއްބަސްވެވަޑައިގެންފައެވެ. އަދި މުސްތަޤުބަލުގައި އުތުރު ކޮރެޔާގެ ޒަޢީމު ކިމް ޖޮން އުންނާ ބައްދަލުކުރެއްވުމަށް މަސައްކަތްކުރުމަށްވެސް ބައިޑަންނާއި ޔޫންވަނީ އެއްބަސްވެވަޑައިގެންފައެވެ. އެ ބައްދަލުވުމުގައި އުތުރު ކޮރެޔާގެ ޙަމަލާއަކުން ދެކުނު ކޮރެޔާ ދިފާޢުކުރަން އެމެރިކާއިން ނިޔުކްލިޔަރ ހަތިޔާރު ބޭނުންކުރަން ފަސްނުޖެހޭނެކަމުގެ ޔަޤީންކަން ބައިޑަންވަނީ ދެއްވައިފައެވެ.
އެމެރިކާއާއި ދެކުނު ކޮރެެޔާގެ އިސްވެރިންގެ ބައްދަލުވުމަށްފަހު ދެ ޤައުމުން ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ އިއްތިޙާދަކީ ބާރުގެ ބޭނުންކޮށްގެން ސަރަޙައްދީ ރޮނގުތައް ބަދަލުކުރުމާ ދެކޮޅަށް އުފެދުނު އިއްތިޙާދެއްކަމަށެވެ. ބެލެވޭ ގޮތުގައި އެ ބަޔާނުގައި އިޝާރާތްކޮށްފައިވަނީ ޔޫކްރެއިނުގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާއި ތައިވާނުގެ މިނިވަންކަން ޤަބޫލުނުކުރުމަށް ޗައިނާއިން ދެމުންދާ އިންޒާރުތަކަށެވެ. އޭގެ އިތުރުން ދެކުނު ޗައިނާ ކަނޑުގައި އެއްވެސް ހުރަހެއް އަދި ބިރުވެރިކަމެއް ނެތި ވިޔަފާރިކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެކަމަށާއި ވިޔަފާރީގެ މަގުތައް ބަންދުކުރުމާ ދެކޮޅަށް މަސައްކަތްކުރަން ޖެހޭކަމަށްވެސް ގުޅިފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ ދޮޅު އަހަރުކުރިން އެމެރިކާގެ ރައީސްގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ބައިޑަންވަނީ ޗައިނާގެ ނުފޫޒާއި ބާރުވެރިކަން އިތުރުވަމުންދާކަމަށް ވިދާޅުވެ އެ ޤައުމާ ދެކޮޅަށް ޙަރަކާތްތެރިވުމަށް ރަޙުމަތްތެރި ޤައުމުތަކަށް ބާރުއަޅުއްވަމުންނެވެ.