ޚަބަރު

ފިންލެންޑްގެ ވަޓްސިލާ ކުންފުނި، ސްޓެލްކޯގެ އެންމެ މުހިންމު ބައިވެރިޔާ


ހަކަތައިގެ ދާއިރާގައި ރާއްޖޭގެ މައި އެއް ކުންފުނި، ސްޓެލްކޯގެ ޚިދުމަތް ފެށީ 1949ގައެވެ. ކުންފުނީގެ ޚިދުމަތް ތަރައްޤީކޮށް ޒަމާނީ ބަދަލުތައް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގައި، ދުނިޔޭގެ ނަން މަޝްހޫރި ބޮޑެތި ކުންފުނިތަކާއެކު ދަނީ މަސައްކަތް ކުރަމުންނެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ޖަނަރޭޓަރުސެޓް އުފައްދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފިންލެންޑްގެ ޓެކްނޮލޮޖީ ގްރޫޕް ވަރޓްސިލާ ކުންފުނީގެ ޖެނެރޭޓަރު ސެޓްތައް ސްޓެލްކޯއަށް ގެންނަން ފެށީ 1990ވަނަ އަހަރުގައެވެ. އެ ކުންފުންޏާއެކު ސްޓެލްކޯއިން މަސައްކަތް ފެށިތާ 30 އަހަރު ފުރިފައިވާއިރު، އެކަން ފާހަގަކޮށް ވަރޓްސެލާ ކުންފުނިންވަނީ ސްޓެލްކޯއަށް މަރުޙަބާކިޔައި، ހަކަތަ ފޯރުކޮށްދިނުމަށް ކުންފުނިން ކުރަމުންދާ ދެމެހެއްޓެނިވި މަސައްކަތްތައް ތައުރީފްކޮށްފައެވެ.

ޢާއްމުކޮށް ޑީސަލް ޖެނެރޭޓަރެއްގެ އުމުރަކީ 25 އަހަރެވެ. ނަމަވެސް ވަރޓްސެލާ ކުންފުނިން ސްޓެލްކޯއަށް އެންމެ ފުރަތަމަ ގެނައި 2 އިންޖީނު އަދިވެސް އަންނަނީ އެގޮތުގައި ބޭނުންކުރަމުންނެވެ. މި ޖަނަރޭޓަރުސެޓްތައް މިއަދާހަމައަށްވެސް ބޭނުންކުރަމުން ދާކަން ފާހަގަކޮށް ވަރޓްސިލާއިން ވަނީ މިޖަނަރޭޓަރުތަކުގެ މެއިންޓަނެންސް ބެލެހެއްޓުމުގައި، ސްޓެލްކޯގެ ގާބިލް އަދި ތަޖުރިބާކާރު އިންޖިނިއަރުންގެ މަސައްކަތް ފާހަގަކޮށް، އެމަސައްކަތަށް ތައުރީފްކޮށްފައެވެ.

މީގެތުރުން ވަރޓްސެލާގެ އިތުރު 6 އިންޖީނު ސްޓެލްކޯއިންވަނީ ގެނެސްފައެވެ. އަދި ހުޅުމާލޭގައި އަޅާފައިވާ 50 މެގަވޮޓް އިންޖީނުގޭގައި ބޭނުން ކުރަމުންދަނީވެސް ވަރޓްސިލާގެ 6 ޖަނަރޭޓަރު ސެޓެވެ. މިއާއެކު ކުންފުނީގައި ވަރޓްސިލާގެ އިންޖީނުތަކުގެ ކެޕޭސިޓީ 100 މެގަވޮޓްއަށްވަނީ އަރާފައެވެ.

ސްޓެލްކޯގެެ މެނޭޖިންގ ޑިރެކްޓަރ ޢަހްމަދު ޝަރީފް ވިދާޅުވީ ރާއްޖޭފަދަ ޖަޒީރާ ޤައުމެއްގައި ކަރަންޓު ފޯރުކޮށްދެންޖެހޭ ނިޒާމު ތަފާތުވިނަމަވެސް ރާއްޖޭގައި އެ މަސައްކަތް ކުރަނީ ވަރަށް ފުރިހަމައަށްކަމަށެވެ. ޚާއްސަކޮށް ސްޓެލްކޯގެ ޚިދުމަތުގައި ވަރޓްސިލާ ކުންފުނީގެ ޓެލްނިކަލް ޤާބިލުމަކާއި، ކަސްޓަމަރ ސަރވިސްގެ ފުރިހަމަކަން ފާހަގަކުރެއްވިއެވެ. އަދި ސްޓެލްކޯގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. މުސްތަގްބަލުގައި އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުވުމަށް ސްޓެލްކޯއިން ކުރާ މަސައްކަތުގައި ވަރޓްސިލާގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ވަރޓްސިލާ އެނާޖީގެ ދެކުނު އޭޝިއާގެ ޑިރެކްޓަރ ހެންރީ ވޭން ބޮކްސްޓެލް ވިދާޅުވީ 30 އަހަރު ވަންދެން ޖަނަރޭޓަރުތަކުން ކަރަންޓު ފޯރުކޮށްދެމުން ދިއުމުން އެނގެނީ ސްޓެލްކޯގެ އިންޖީނިއަރުންގެ ގާބިލްކަމާއި، މެއިންޓެނެންސްގެ މަސައްކަތުގެ ފުރިހަމަކަންކަމަށެވެ. އަދި ވަޓްސިލާ ގުރޫޕްގެ އުއްމީދަކީ އެކުންފުންޏާއި، ދިވެހި ސަރުކާރާއި، ސްޓެލްކޯއާ އޮންނަ ގުޅުން އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރާ މަރުހަލާގައިވެސް މިގޮތުގައި ދެމިގެން ދިއުންކަން ފާހަގަ ކުރެއްވިއެވެ.

ސްޓެލްކޯއަކީ ރާއްޖޭގެ އިންޖީނިއަރިންގ ދާއިރާގައި އެންމެ ތަޖުރިބާކާރު އަދި ގާބިލް އިންޖީ ނިއަރުންގެ ޕޫލް އޮތް އެއް ކުންފުންޏެވެ. އެގޮތުން އިންޖީނިއަރިންގ ފީލްޑްގައި 600އަށްވުރެ ގިނަ މުވައްޒަފުން ސްޓެލްކޯގައި މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.