ޚަބަރު

ފަރަށްއެރި ދެ އުޅަނދަކަށް އެހީވާން ފަށައިފި


ފަރަށް އެރުމުގެ 2 ޙާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. މީގެތެރޭގައި ހިމެނެނީ މަސްވެރިކަމަށް ނިކުމެ އުޅުނު އުޅަނދަކާއި، މުދާ އުފުލާ ދޯންޏެކެވެ.

ފުރަތަަމަ ޙާދިސާއަކީ ކ.މާލެއިން ފުރައިގެން ލ.އަތޮޅަށް ދަތުރުކުރަމުންދިޔަ "މާވަހަރު ސްޓަރ" ނަމަކަށް ކިޔާ ބޯޓެއް މ.މުއްޔާއި މ.ކޮޅުފުށްޓާ ދެމެދުން ފަރަކަށް އަރައިގެން ހިނގި ޙާދިސާއެވެ. ޙާދިސާ ހިނގި އިރު، މުދާ އުފުލާ މި ދޯނީގައި 8 މީހުން ތިބިކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ. ޙާދިސާއާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއިންވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

ދެން ހިމެނެނީ މަސްވެރިކަމަށް ނިކުމެއުޅުނު "މަންފާ" ނަމަކަށް ކިޔާ މަސް ދޯންޏެއް، ތ.ގާދިއްފުށި ކައިރިން ފަރަކަށް އަރައިގެން ހިނގި ޙާދިސާއެވެ. މި ދޯނީގައި 16 މީހުން ތިބިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. ދޯނި ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއާއި ދޯނީގެ ފަޅުވެރިން ގުޅިގެންވަނީ ފަށާފައެވެ. އެގޮތުން މަސް ދޯނީގައި ހުރި ބައެއް މުދާ ހުސްކުރުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ.

މި ދެ ހާދިސާގައިވެސް ދޯނިތައް ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފާއި ކަމާގުޅުންހުރި ފަރާތްތައް ގުޅިގެން ދަނީ ކުރަމުންނެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވެރެކެވެ. ޚާއްސަކޮށް ވައިގަދަވެ ކަނޑު ގަދަ ދުވަސްވަރެވެ. އެހެންކަމުން ދަތުރަށް ނިކުންނަ އުޅަނދުތަކުން މޫސުމާބެހޭ ފުރިހަމަ މަޢުލޫމާތު ހޯދާ، މޫސުމަށް ސަމާލްވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވަނީ މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.