ޚަބަރު

މޭ މަހު ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު 2019އަށް ވުރެ އިތުުރު


މޭ މަހު ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ އަދަދު 2019އަށް ވުރެ އިތުުރު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 71155 ފަތުރުވެރިން އައިސްފައެވެ. ކޯވިޑުގެ ކުރިން 2019ވަނަ އަހަރުގެ މޭމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވަނީ 57601 ފަތުރުވެރިންނެވެ. އެހެންކަމުން މިއަހަރުގެ މެއިމަހު ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ އަދަދަކީ 2019ވަނަ އަހަރާއި އަޅާ ބަލާއިރު 23.5 އިންސައްތަ އިތުރު އަދަދެކެވެ.

މިމަހުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ 1ވަނަ ދުވަހުއެވެ. އެގޮތުން އެދުވަހު ރާއްޖެއަށްވަނީ 7445 ފަތުރުވެރިން އައިސްފައެވެ. ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 4764 ފަތުރުވެރިން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ ޖުމްލަ 647945 ފަތުރުވެރިން އައިސްފައެެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 430656 ފަތުރުވެރިންނާއި އަޅާ ބަލާއިރު 50.5 އިންސައްތަ އިތުރު އަދަދެކެވެ. އަދި 2019ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 703693 ފަތުރުވެރިންނާއި އަޅާ ބަލާއިރު 7.9 އިންސައްތަ ދަށް އަދަދެކެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް އަންނަނީ އިންޑިއާ ފަތުރުވެރިންނެވެ. އެގޮތުން ރާއްޖެއަށް އަންނަ ޖުމްލަ ފަތުރުވެރިންގެ 13 އިންސައްތައަކީ އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންނެވެ. 12.6 އިންސައްތަ ހިއްސާ އާއި އެކު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތުންނެވެ. އަދި ރާއްޖެއަށް ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކަައެވެ.