ދީން

މިއަހަރު 52 މިސްކިތް ޤާއިމްކުރަނީ


ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އިސްލާމީ
ކަންތައްތައް ކުރިއަރުވައި، ތަރައްޤީކޮށް، ދީނީގޮތުން ރައްޔިތުން ހޭލުންތެރިކުރެއްވުމަކީ ސަރުކާރުން
އެންމެ އިސްކަމެއްދެއްވައިގެން ކުރައްވާ އެއް މަސައްކަތެވެ. މިގޮތުން ކުރައްވާ
މަސައްކަތުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތަކާއި އިސްލާމިކް
ސެންޓަރުތައް ޤާއިމުކުރުމަކީ މީގެތެރޭގައި ހިމެނޭ އެންމެ ބޮޑު، އަދި އެންމެ
މުހިއްމު މަސައްކަތެވެ.  



ސަރުކާރުން ރާއްޖޭގެ އެކި
ކަންކަންކޮޅުތަކުގައި މިސްކިތްތައް ޤާއިމްކުރައްވަމުންދާއިރު، މިކަމަށް
ފަންޑުކުރަނީ މައިގަނޑު 4 ދިމާލަކުންނެވެ. އެއީ ސަރުކާރުގެ ބަޖެޓުންނާއި، ސަޢޫދީ
ސަރުކާރު، ސަޢޫދީ ރަސްގެފާނު އަދި ރާއްޖޭގެ ދީލަތި ވިޔަފާރިވެރިންނެވެ.



މިގޮތުން މިއަހަރު އަލަށް
ޤާއިމްކުރުމަށް ހަމަޖެހިފައިވާ 52 މިސްކިތަކީވެސް މި ދެންނެވި ފަރާތްތަކުގެ އެހީގެ
ދަށުން އެޅިގެންދާ މިސްކިތްތަކެކެވެ. 



މީގެ ތެރެއިން ސަޢޫދީ ސަރުކާރުގެ
އެހީގެ ދަށުންނާއި، ސަޢޫދީ ރަސްގެފާނުގެ އަމިއްލަފުޅު ޙަރަދުގައި އަދި ރާއްޖޭގެ ދީލަތި ވިޔަފާރީވެރިއެއްގެ ޙަރަދުގައި
އަޅުއްވާ ބައެއް މިސްކިތްތަކުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އިސްލާމިކް
މިނިސްޓްރީން ވިދާޅުވެއެވެ.   



މިގޮތުން ރ.މީދޫ، ފ.ދަރަނބޫދޫ،
ހދ.ނައިވައިދޫ، ގއ.ވިލިގިނލި، އދ.އޮމަދޫ، ބ.ދޮންފަނު، ލ.މައިބައިދޫ، ގދ.ވާދޫ،
ދ.މީދޫ އަދި ޅ.ނައިފަރުގައި ސަޢޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒްގެ
ހިލޭ އެހީގެ ދަށުން އިމާރާތްކުރާ މިސްކިތްތަކުގެ މަސައްކަތް މިހާރު ދަނީ
ކުރިއަށެވެ. 



އަދި ސަޢޫދީ ސަރުކާރުގެ އެހީގެ
ދަށުން ހދ. ނޭކުރެންދޫ، ށ،ފީވަށް، ރ.އަނގޮޅިތީމް، ނ.ޅޮހި، ނ.މާޅެންދޫ އަދި
ރ.އިންނަމާދޫގައި ދަނީ މިސްކިތް ޢިމާރާތްކުރުމުގެ މަސައްކަތްކުރަމުންނެވެ. 



ދިވެހި ވިޔަފާރީވެރިއެއްގެ ދީލަތި
އެހީގެ ދަށުން 6 މިސްކިތެއް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ނ.ކަނޑިތީމް،
ނ.ނަރުދޫ، ހއ.ތަކަންދޫ، ރ.ހުޅުދުއްފާރު، މ.މުލަކު އަދި ލ.މާމެންދޫގައެވެ.
މިމިސްކިތްތަކުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ އިސްލާމިކް މިނިސްޓްރީން
މަޢުލޫމާތުދެއްވައެވެ.



މީގެ އިތުރުން ދާދީ ފަހުން ލ.
އަތޮޅު ފޮނަދޫއަށް ބަދަލުކުރެއްވި އެއަތޮޅު ގާދޫ މީހުންނަށް ނަމާދު ކުރެވޭނެ
އިންތިޒާމް ހަމަޖައްސަވާ ދެއްވުމަށްޓަކައި އެރަށުގައިވެސް މިސްކިތެއް އެޅުއްވުމުގެ
މަސައްކަތް ކުރިއަށްދާކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. 



އިސްލާމިކް މިނިސްޓްރީން
ފާހަގަކުރައްވާ ގޮތުގައި ނިމިދިޔަ 2015 ވަނަ އަހަރަކީވެސް ކާމިޔާބު އަހަރެކެވެ. އެގޮތުން
9 މިސްކިތެއް އިމާރާތްކޮށް އަލަށް ހުޅުވުނުއިރު، ގިނަ މިސްކިތްތަކެއްގެ ބިންގާ
އެޅުނުކަންވެސް މިނިސްޓްރީން ފާހަގަކުރައްވައެވެ.



މީގެ އިތުރުން މިސްކިތްތަކުގެ
އާބާތުރަ ފިލުވުމަށްޓަކައި ކުރިއަށް ގެންދަވާ ޕްރޮޖެކްޓަށް ރައީސުލްޖުމްހޫރިއްޔާ
އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ހަމަޖައްސަވާދެއްވި 30 މިލިއަން ރުފިޔާއާއި އެކު،
ޖުމްލަ އެއްތިރީސް މިލިއަން ރުފިޔާ މިސްކިތްތަކުގެ އާބާތުރަ ފިލުވައި،
މާރާމާތުކުރުމަށް ޚަރަދުކުރައްވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީ ވިދާޅުވެއެވެ.