ކުޅިވަރު

ނިއު ރޭޑިއަންޓް ކޮޅަށް ޖެހުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފި


ދަރަނީގެ މައްސަލަތަކާއެކު ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އިންތިޚާބު އަންނަ ހުކުރު ދުވަހު ބާއްވަން އިއުލާނުކޮށް ، އެ ކުލަބު އަލުން ކޮޅަށް ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.

ފުޓްބޯޅައިގެ ހަރަކާތްތަކުން 2019 ވަނަ އަހަރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިއު ސަސްޕެންޑް ކުރީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަތައް ނުދީ ހުރުމާއެކުގައެވެ. އަދި ބިދޭސީ ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދީ އޮތުމުން ފީފާއިންވެސް ވަނީ ނިއު ސަސްޕެންޑްކޮށްފައެވެ.

މީގެ އިތުރުން ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ އާއި، ޖޫރިމަނާ ފައިސާ ނުދައްކައި ހުރުމުން، ފީފާއިން ވަނީ އެކިފަހަރު މަތިން ނިއުއަށް އިންޒާރުދީފައެވެ. ނިއު އިން އެންމެ ފަހުން އިންތިހާބުކުރި ބޯޑުގެ މުއްދަތު އޮތީ ހަމަވެފަ އެވެ. އެހެންކަމުން، ފީފާގެ މި އެންގުންތަކަށް އެ ކްލަބުން އަމަލުކުރާނެ ރަސްމީ ހައިސިއްޔަތެއް އޮތް ލީޑަޝިޕެއްނެތެވެ.

ސަސްޕެންޝަނުން އަރައިގަނެވެން ނިއުއަށް އޮތީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަަ ދީގެންނެވެ. އަދި ސަސްޕެންޝަނުން އަރައި ގަނެވިއްޖެ ނަމަ އަންނަ ޖުލައި މަހު ބާއްވަން ތާވަލުކޮށްފައިވާ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ނިއު ފެނުމުގެ ފުރުސަތު ބޮޑެވެ.

ނިއުގެ އިންތިޚާބުކަންކަން ކުރިއަށް ގެންދިޔުމަށް ހަތަރު މެންބަރުންގެ ކޮމެޓީއެއް މިހާރު ވަނީ އެކުލަވާލައިފައެވެ. ނިއު އިން ބުނީ އިންތިޚާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެ ކުލަބުގެ ފޭސްބުކް ޕޭޖަށް ކުރިމަތިލާން އެދޭ މީހާގެ މައުލޫމާތާއި ވަނަވަރު މެސެޖު ކުރުމަށް އެދޭ ކަމަށެވެ.

ނިއުގެ ހަރަކާތްތައް އަލުން ފަށަން އިއުލާންކުރިއިރު، ދާދިފަހުން ނިއުގެ ސަޕޯޓަރުންގެ އިސްވެ ވަނީ ރޭޑިއަންޓް ސްޕޯޓްސް ކުލަބެއް އުފައްދާފައެވެ. އެކަމަކު އެ ކުލަބަކީ ނިއުގެ ސްޕޯޓިންގ ސަކްސެސާއެއް ކަމަށް އޭއެފްސީން ވަނީ ނިންމާފައެވެ. އެހެންކަމުން ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއްގައި ރޭޑިއަންޓަށް ބައިވެރިނުވެވޭނެ ކަމަށް އޭއެފްސީން ވަނީ ބުނެފައެވެ.

ނިއުގެ އިންތިޚާބަށް ހުޅުވާލައިފައި މިވަނީ އެ ކުލަބުގެ ވާދަވެރި ވިކްޓްރީ ސްޕޯޓްސް ކްލަބުންވެސް ދަރަނި ދައްކައި، ސަސްޕެންޝަނުން ސަލާމަތްވާން މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ.