ޚަބަރު

ނޭޓޯއާ ގުޅެން ހުށަހަޅާފައިވާ ފިންލޭންޑަށް ގޭސް ވިއްކުން ރަޝިޔާއިން ހުއްޓާލައިފި


ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއާ ގުޅުމަށް ހުށަހަޅާފައިވާ ފިންލޭންޑަށް ގޭސް ވިއްކުން ހުއްޓާލަން ރަޝިޔާއިން ނިންމައިފިއެވެ.

ރަޝިޔާގެ ޤައުމީ ގޭސް ކުންފުނި ގެޒްޕުރޮމުން ބުނެފައިވަނީ ގޭސް ވިއްކުން ހުއްޓާލަން ނިންމަކަން ފިންލޭންޑަށް އަންގާފައިވާނެކަމަށެވެ. އަދި އެ ގޮތަށް ޢަމަލުކުރަން ޖެހުނީ ރަޝިޔާއިން އެދުނު ގޮތަށް ރޫބަލްލުން ފައިސާދެއްކުމަށް ފިންލޭންޑުން ދެކޮޅުހެދުމުންކަމަށް ގެޒްޕުރޮމުން ބުނެފައިވެއެވެ.

ޔޫކްރެއިނަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފެށުމުން ރަޝިޔާއާ ދެކޮޅަށް ދުނިޔޭގެ ބާރުތަކުންވަނީ ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ތެރޭގައި ޑޮލަރާއި ޔޫރޯ ބޭނުންކޮށްގެން އެއްވެސް މުޢާމަލާތެއް ނުކުރުން ހިމެނެއެވެ. އެހެންކަމުން ރަޝިޔާއިން ނިންމާފައިވަނީ އެ ޤައުމުން ވިއްކާ ތެލާއި ގޭސް ގަންނަ ފަރާތްތަކުން ރޫބަލްލުން ފައިސާ ދައްކަން ޖެހޭ ގޮތަށެވެ. ރަޝިޔާއިން ބުނެފައިވާ ގޮތުގައި އެ ނިންމުމާއެކު އެ ޤައުމުން ވިއްކާ ތެލާއި ގޭހަށް ރޫބަލްލުން ފައިސާ ދައްކާ ޤައުމުތައް ގިނަވެއްޖެކަމަށެވެ. އެއާއެކު ރޫބަލްގެ އަގުވަނީ ދުނިޔޭގައި ވަރުގަދަވެފައެވެ.

ދުނިޔޭގެ ބާރުތަކާއެކު ރަޝިޔާއާ ދެކޮޅަށް ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ބައެއް ޤައުމުތަކުންވަނީ ރޫބަލްލުން ފައިސާ ދައްކަން ދެކޮޅުހަދައިފައެެވެ. އޭގެ ތެރޭގައި ޕޯލޭންޑާއި ބަލްގޭރިޔާ ހިމެނެއެވެ. އެއާއެކު އެ ޤައުމުތަކަށް ތެލާއި ގޭސް ފޯރުކޮށްދިނުން ރަޝިޔާއިންވަނީ ހުއްޓާލައިފައެވެ. އަދި ރޫބަލްލުން ފައިސާ ދައްކަން ފިންލޭންޑުންވެސް ދެކޮޅުހެދުމުން އެ ޤައުމަށް ގޭސް ވިއްކުން ހުއްޓާލަން ރަޝިޔާއިންވަނީ ނިންމައިފައެވެ. ނަމަވެސް ފިންލޭންޑުގެ ބައެއް ކުންފުނިތަކަށް އަވަށްޓެރި އެސްތޯނިޔާ މެދުވެރިކޮށް ގޭސް ފޯރުކޮށްދޭނެކަމަށް ގެޒްޕުރޮމުން ބުނެފައިވެއެވެ.

ރަޝިޔާއާ ސަރަޙައްދީ ރޮނގު ޙިއްޞާކުރާ ފިންލޭންޑަށް ބޭނުންވާ ހުރިހާ ގޭހެއްކަހަލަ ގޮތަކަށް އެތެރެކުރަނީ ރަޝިޔާއިންނެވެ. ނަމަވެސް ހަކަތަ އުފެއްދުމަށް އެ ޤައުމުން ގޭސް ބޭނުންކުރާ މިންވަރަކީ އެންމެ %5ގައެވެ. ރަޝިޔާއިން ގޭސް ތެލާއި ގޭސް ގަންނަން ފިންލޭންޑުން އަހަރަކު ހަ ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރެއެވެ.