ޚަބަރު

ހުޅަނގުގެ ޤައުމުތަކުގައި ހަލުވިކަމާއެކު މަންކީޕޮކްސް ފެތުރެނީ


ހުޅަނގުގެ ޤައުމުތަކުގައި ހަލުވިކަމާއެކު މަންކީޕޮކްސް ފެތުރެން ފަށައިފިއެވެ. ޢާއްމުކޮށް މެދުތެރޭ އަދި ހުޅަނގު އެފްރިކާގެ ޤައުމުތަކުން ފެންނަ މަންކީޕޮކްސް ވިލާތުގެ ޤައުމުތަކުގައި މީގެ ކުރިން ހަލުވިކަމާއެކު ފެތުރިފައެއް ނުވެއެވެ. އެ ގޮތުން ވިލާތުގެ ބޮޑެތި ޤައުމުތައްކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ސުޕެއިންނާއި ޕޯޗުގަލް އަދި ބެލްޖިޔަމުގެ އިތުރުން އެމެރިކާއާއި އޮސްޓުރޭލިޔާއިންވެސް މަންކީޕޮކްސް ޖެހިފައިވާ މީހުންވަނީ ފެނިފައެވެ.

މަންކީޕޮކްސް އެންމެ ފުރަތަމަ ޖެހިފައިވަނީ ރާމާމަކުނަށެވެ. ގައިންގަޔަށްއަރާ މަންކީޕޮކްސަކީ އެފްރިކާއިން ބޭރުގައި މީގެ ކުރިން ފެތުރިފައިވާ ބައްޔެއް ނޫނެވެ. އެހެންކަމުން ހުޅަނގުގެ ޤައުމުތަކުގައި އެ ބަލިފެތުރެން ފެށުމަކީ ޞިއްޙީ މާހިރުން ކަންބޮޑުވާކަމެކެވެ. ނަމަވެސް ކޯވިޑް-19 ފެތުރޭ ގޮތަށް މަންކީޕޮކްސް ފެތުރި ބޮޑު ބަލިމަޑުކަމަކަށް ބަދަލުވެދާނެކަމަށް ޞިއްޙީ މާހިރުން ޤަބޫލެއްނުކުރެއެވެ. މަންކީޕޮކްސް ޖެހުމުން ފުރާނައަށް ނުރައްކާވާކަމަކަށް ނުވެއެވެ. އެ ބަލީގެ މައިގަނޑު އަލާމާތަކީ ހުންއައުމާއި ގައި ވަރަށް ބޮޑަށް ފާރުވުމެވެ. އެ ބަލިން ފަސޭހަވާން ދެ ހަފުތާއާއި ހަތަރު ހަފުތާއާ ދެމެދުގެ މުއްދަތެއް ނަގައެވެ.

މަންކީޕޮކްސަށް ވެކްސިންނެއް އުފައްދާފައެއް ނުވެއެވެ. ނަމަވެސް އެ ބައްޔާ އެއްގޮތް އެހެން ބައްޔެއްކަމަށްވާ ސުމޯލްޕޮކްސްސާ ދެކޮޅަށް ބޭނުންކުރާ ވެކްސިންނަކީ މަންކީޕޮކްސާ ދެކޮޅަށް %85އަށް މަސައްކަތްކުރާ ވެކްސިންނެއްކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުއިއްޔާއިން ބުނެފައިވެއެވެ.

1970ގެ ފަހުން އެފްރިކާގެ 11 ޤައުމަކުން މަންކީޕޮކްސް ފެނިފައިވެއެވެ. އެ ގޮތުން މި އަހަރުގެ ތެރޭގައި ނައިޖީރިޔާގައި ވަރަށް ބޮޑަށް އެ ބަލި ފެތުރުނެވެ. އިނގިރޭސިވިލާތުން އެންމެ ފުރަތަމަ މަންކީޕޮކްސް ޖެހިފައިވާ މީހެއް ފެނިފައިވަނީ މެއި 7ވަނަ ދުވަހުއެވެ. އޭނާވަނީ ނައިޖީރިޔާއަށް ދަތުރުކޮށްފައެވެ. އޭގެ ފަހުން ވިލާތުގެ ޤައުމުތަކުން އެ ބަލިޖެހިފައިވާ 100އަށްވުރެ ގިނަ މީހުން ފެނިފައިވެއެވެ.