ޚަބަރު

ލަންކާގެ ވަޒީރުންގެ މަޖިލީހަށް އިތުރު މެންބަރުން، އަދިވެސް މާލީ ވަޒީރެއް ނެތް


ސުރީ ލަންކާގެ ވަޒީރުންގެ މަޖިލީހަށް އިތުރު ނުވަ މެންބަރުން ޢައްޔަނުކޮށްފިއެވެ.

ސުރީ ލަންކާގެ ރިޔާސީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުޙިއްމު ދާޢިރާތަކަށް އައު ވަޒީރުން ޢައްޔަނުކޮށްފައިވާކަމަށެވެ. އެ ގޮތުން ޞިއްޙަތާބެހޭ ވުޒާރާއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ވަޒީރުން ޢައްޔަނުކޮށްފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެ ބޭފުޅުންވަނީ ސުރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ކުރިފުޅުމަތީގައި ވަޒީރުކަމުގެ ހުވައިކުރައްވައިފައެވެ. މީގެ ކުރިން އެ ޤައުމުގެ ވަޒީރުންގެ މަޖިލީހަށްވަނީ ހަތަރު ވަޒީރުން ޢައްޔަނުކޮށްފައެވެ. ދެ ފަހަރެއްގެ މަތިން ވަޒީރުންގެ މަޖިލީހަށް މެންބަރުން ޢައްޔަނުކުރި ނަމަވެސް ސުރީ ލަންކާގެ މާލީ ވުޒާރާއަށް އެއްވެސް ބޭފުޅަކު ޢައްޔަނުކޮށްފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އެ ވުޒާރާ ހިންގަވާނީ އެ ޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައެވެ.

ނާޒުކު އިޤްތިޞާދީ ޙާލަތެއްގައި އޮތް ސުރީ ލަންކާއަށް ބޭނުންވާ ތެލާއި ގޭސް ގަތުމަށް ފައިސާ ހަމަޖެހިފައިވާކަމަށް އެ ޤައުމުގެ ރުކަޒީ ބޭންކުގެ ގަވަރުނަރު ޕީ ނަންދަލާލް ވީރަސިންހަވަނީ ވިދާޅުވެފައެވެ. އެ ގޮތުން އެ ޤައުމުން ތެލާއި ގޭސް އެއްކޮށް ހުސްވެފައިވަނިކޮށް ވޯލްޑު ބޭންކުން 130 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސާދީފައިވާކަމަށާއި އެ ފައިސާގެ އިތުރުން ބޭރު ޤައުމުތަކުގައި ދިރިއުޅޭ ސުރީ ލަންކާގެ ރައްޔިތުން ބޭންކުތަކަށް ޖަމާކުރަމުންދާ ބޭރު ފައިސާ ބޭނުންކޮށްގެން އެ ޤައުމަށް ބޭނުންވާ ތެލާއި ގޭސް ގަނެވޭނެ މަގު ތަނަވެސްވެފައިވާކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ސުރީ ލަންކާއަށް ބޭނުންވާ ތެލާއި ގޭސް ގަތުމަށް ފައިސާ ހަމަޖެހުނު ނަމަވެސް އެ ޤައުމުން ކާބޯތަކެތި ހުސްވެދާނުކަމުގެ އިންޒާރު އެ ޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަވަނީ ދެއްވައިފައެވެ. މީގެ އެއް އަހަރުކުރިން ސުރީ ލަންކާއަށް ކެމިކަލް ހިމެނޭ ގަސްކާނާ އެތެރެކުރިން ގޮތަބަޔާވަނީ މަނާކުރައްވައިފައެވެ. އެ ނިންމެވުމުގެ ސަބަބުން ސުރީ ލަންކާގެ ދަނޑުވެރިންގެ އުފެއްދުންތައް ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. ސުރީ ލަންކާގެ ސަރުކާރުން އެ ނިންމުން ބަދަލުކުރި ނަމަވެސް ދަނޑުވެރިންނަށް ބޭނުންވާ ޢަދަދަށް ގަސްކާނާ އެތެރެކުރެވިފައެއް ނުވެއެވެ. އެހެންކަމުން އަންނަ ދަނޑުވެރިކަމުގެ މޫސުމުގެ ކުރިން ގަސްކާނާ އެތެރެކޮށްދޭނެކަމުގެ ޔަޤީންކަން ރަނިލްވަނީ ދެއްވައިފައެވެ.

ސުރީ ލަންކާގެ ތަކެތީގެ އަގުވަނީ މިދިޔަ އޭޕުރިލް މަހުގެ ތެރޭގައި %29.8އަށް އުފުލިފައެވެ. އަދި އަހަރަކުން އަހަރަކަށް އެ ޤައުމުގެ ކާބޯތަކެތީގެ އަގުވަނީ %46.6އަށް އުފުލިފައެވެ.