ޚަބަރު

ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ ޒުވާނުންގެ ރިވެތި ސިފަތަކުން: ޢިމްރާން


ޤައުމުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ ޤައުމުގެ ހެދިބޮޑުވަމުން އަންނަ ޒުވާންޖީލުގެ ކިބައިގައި މަތިވެރި ސިފަތައް ހުރެގެންކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

އެމަނިކުފާން މިހެން ވިދާޅުވީ ށ. މިލަންދޫގައި ޔޫތް ލީޑަރސް ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޔޫތް ލީޑާރސް ފޯރަމަކީ ހޯމް މިނިސްޓްރީގެ ތެރޭގައި އޮންނަ ކޮލެޖް ޔުނިވަރސިޓީގެ ދަރިވަރުން ތަމްސީލްކުރާ ނެޓްވޯކެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ހޯމް މިނިސްޓްރީގެ ފަރާތުން ޔޫތް ލީޑާރސް ނެޓްވޯކްގެ ނަމުގައި ނެޓްވޯކެއް އުފައްދާ ޒުވާން ލީޑަރުން ބިނާކުރުމަށް މިފަދަ ފޯރަމްތައް ހިންގަނީ އެމިނިސްޓްރީއާ މަތިކޮށްފައިވާ ޤައުމުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޒުވާނުންގެ ދައުރު ބޮޑުވުމުން ކަމަށެވެ. އަދި ޤައުމުގެ ޒުވާން ޖީލަކީ ހެޔޮލަފާ ބައެއްކަމުގައި ހަދައިގެން މެނުވީ ޤައުމުގެ މުސްތަޤްބަލް ހޯދާނުފެންނާނެތީ ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ޢިމްރާން ވިދާޅުވީ ކޮންމެ ޤައުމެއްގެ މުސްތަޤްބަލް ބިނާވާނީ އެޤައުމެއްގެ ޒުވާނުންގެ މައިބަދާގައި ވަރުހުރި މިންވަރަކަށްކަމަށެވެ. ހެދިބޮޑުވަމުން އަންނަ ޒުވާން ޖީލަކީ ހަށިގަނޑުހެޔޮ ރޫފަހުރި, ޢިލްމީ ޤާބިލްކަމާއި, ފަންނާއި ހުނަރުވެރިކަންހުރި މަސައްކަތްތެރިކަމާއި މުރާލިކަންހުރި ރިވެތި އަޚްލާޤާއި, ސުލޫކުން ޒީނަތްތެރިވެގެންވާ ބައެއްނަމަ އެޤައުމުދާނީ ފަތުއަޑު ކިޔާފައި ބާރަށް ކުރިއަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެން އެއްވެ އައިސްމިތިބީ މިބޭފުޅުންނަށް ލިބިފައިވާ އިލްމަކާއި ހުނަރެއް ރައްދުކޮށްދިނުމަށް. މާދަމާއަށްޓަކައި އަޅުގަނޑުމެންގެ މިރަށަށް ތިޔަކުދިންގެ ރަށްތަކަށް އަތޮޅަށް މުޅި ޤައުމަށް ތިޔަކުދިންގެ ފަރާތުން ކޮށްދެއްވޭނެ ބޮޑަތިވެގެންވާ ޚިދުމަތްތަކެއް ކޮށްދިނުމަށް ތިޔަ ޒުވާނުން ތައްޔާރުކޮށްދިނުމަށް" މިނިސްޓަރ ވިދާޅުވިއެވެ.

ށ.އަތޮޅުގެ 13 ރަށެއްގެ ޒުވާނުންނާ މުހާތަބުކުރައްވާ މިނިސްޓަރ ވަނީ މިޤައުމަކީ ޒުވާން ކާބަފައިންގެ ކިބައިން މިހާތަނަށް ހިމާޔަތްކުރެވި ރައްކާތެރިކުރެވިގެންވާ ޤައުމެއްކަން ފާހަގަކުރައްވާ، ދިވެހިންނަށް ދިމާވި ދަތި ކޮންމެ ބޮޑު އުނދަގޫކަމެއް އަދި ރާއްޖެއަށް ދިމާވި ބޮޑު ކޮންމެ ގޮންޖެހުމަކާ ކުރިމަތިލައިގެން ނިކުމެފައި ވަނީ ޒުވާން ހިތްވަރުގަދަ ބަތަލެއްކަމަށް ވިދާޅުވެފައެވެ. މުޖުތަމައުއަކީ ކުށްމަދު އަމާން ރައްކާތެރި މުޖުތަމައުއަކަށް ހެދުމަކީ ހޯމް މިނިސްޓްރީއާ މަތިކޮށްފައިވާ ބޮޑު މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ޔޫތް ލީޑާރސް ނެޓްވޯކުން އެމަސްއޫލިއްޔަތު ޒުވާނުންނާއެކު ކުރިއަށްގެންދިއުމަށް މަސައްކަތްކުރައްވާނެކަމަށެވެ.

"ބައެއްގެ މެދުގައި އިލްމްވެރިކަން ފެތުރި ޢާއްމުވެއްޖެނަމަ ޖާހިލުކަމާއި ނޭންގުންތެރިކަން ނެތިވެ އިންދިރާސްވެދާނެ. ތަނަވަސްކަމާއި ތިޔާގިކަން ޢާއްމުވެއްޖެނަމަ ފަޤީރުކަމާއި ދަތުމަޑުކަން ފިލައިގެން ހިނގައިދާނެ. ބައެއްގެ މެދުގައި މުރާލިކަމާއި ކެރުންތެރިކަން ފެތުރިއްޖެނަމަ އެބައެއްގެ މެދުން ކަންނެއްކަމާއި, ފިނޑިކަން ނެތިވެ ހިނގައިދާނެ. ބައެއްގެ މެދުގައި ޝަރީއަތާއި ޤާނޫނަށް ތަބާވުން އަށަގެންފިކަމަށްވާނަމަ އެބައެއްގެ މެދުން އަނިޔާވެރިކަމާއި, ކުށްކުރުމާއި, ޖަރީމާތަކުން ނެތިވެ ސަލާމަތްވާނެ. އަޅުގަނޑުމެން ބޭނުންވަނީ ބަލިވުމުގެ ކުރިން ފުރިހަމަ ސިއްހަތާއި އާފިޔަތް ލިބިގަންނަން. ދުޅަހެޔޮ ރަނގަޅު ހެޔޮފަސްގަނޑެއްގައި ގޮވާން ހައްދަން. ކުށާއި ކުށްކުރުމުގެ ބިރުވެރިކަން އުފެދުމުގެ ކުރިން އަމާން ރައްކާތެރި ފާގަތި މުޖުތަމައުއެއް ބިނާކުރަން" މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވީ ށ.އަތޮޅުގައި ޒުވާނުންނަށް ޚާއްޞަކޮށްގެން މިފަދަ ފޯރަމެއް ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މިލަންދޫގައި ޔޫތް ލީޑާރސް ފޯރަމާއި ގުޅިގެން ޒުވާނުންނަށް އަމާޒުކޮށްގެން އިތުރު ހަރަކާތްތަކެއްވެސް ވަނީ ބާއްވާފައެވެ. އަދި މި ހަރަކާތްތަކުގައި ގިނަ ޢަދަދެއްގެ ޒުވާނުން ބައިވެރިވެފައިވެއެވެ.