ދުނިޔެ

ސިއެރަ ލިއޯނުން އަނެއްކާވެސް އެބޯލާ ފެންނަން ފަށައިފި


ސިއެރަލިއޯންގައި އެބޯލާ ޖެހިންގެ މަރުވި މީހަކަށް
އެހީތެރިވުމުގެ ގޮތުން މަސައްކަތްކުރި އަންހެނެއްގެ ގައިން އެބޯލާ ވައިރަސް ފެނިފައިވާކަމަށް
އެޤައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.  



މިއީ މިދިޔަ ނޮވެމްބަރުމަހު ކަމާއިބެހޭ
ފަރާތްތަކުން ސިއެރާ ލިއޯންއިން އެބޯލާ އެކީގަ ނައްތާލެވިފައިވާކަމަށް އިއުލާން
ކުރި ފަހުން އަލުން މިވައިރަސް އަށް ޕޮޒިޓިވްވި ދެވަނަ މީހާއެވެ.



މިދިޔަ ޖެނުއަރީ މަހު އެބޯލާއަށް ޕޮޒިޓިވްވެގެން
ސިއެރާ ލިއޯންއިން ވަނީ 22 އަހަރުގެ ޒުވާން އަންހެނަކު މަރުވެފައެވެ.




ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ،
ޑަބްލިއު.އެޗް.އޯއިން ބުނާގޮތުގައި މިފަހަރު އެބޯލާ ވައިރަސްއަށް
ޕޮޒިޓިވްވެފައިވަނީ ޖެނުއަރީ މަހު މަރުވި ކުއްޖާގެ ބޮޑުދައިތައެވެ. އަދި މިމީހާ އެބޯލާއަށް ޕޮޒިޓިވްވެފައިވަނީ
ކަރަންޓީން ފެސިލިޓީއެއްގައި އޭނާ މޮނިޓަރ ކުރަމުން ދަނިކޮށްކަމަށާއި، މިހާރު
އޭނާއަށް ބޭނުންވާ ފަރުވާ ދޭން ފަށާފައިވާކަމަށް އޮފިޝަލުން ބުނެއެވެ. 



މިކަމުގެ ސަބަބުން އަނެއްކާވެސް ސިއެރާ ލިއޯންގައި
އެބޯލާ ވައިރަސް ހަލުވިކަމާއި ފެތުރެން ފަށާފާނެ ކަމުގެ ބިރު ވަނީ އިތުރުވެފައެވެ.