ޚަބަރު

ފައްޔާޟްއާ އެކު 2023 ކާމިޔާބުކުރުމަށް ރަނގަޅު މިސްރާބަކަށް ދަތުރުކުރެވޭނެ- ރައީސް


އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް އިންތިހާބުވެވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލުގެ ތަޖުރިބާއާ އެކު އެމްޑީޕީ ކުރިޔަށް ގޮސް ރަނގަޅު މިސްރާކަށް ދަތުރުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި އިންތިޚާބުން ފައްޔާޟް އިސްމާއިލު ހޯއްދެއްވި ކާމިޔާބީ ފާހަގަކުރައްވާ ފައްޔާޟަށް މަރުހާބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ފައްޔާޟް އިސްމާއިލު ހިންގުމުގެ ތަޖުރިބާއާ އެކު އެމްޑީޕީއާއެކު ކުރިޔަށް ގޮސް 2023 ކާމިޔާބުކުރުމަށް ރަނގަޅު މިސްރާބަކަށް ދަތުރުކުރާނެކަމަުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

ވާދަވެރި އިންތިޚާބުގައި ފައްޔާޟްއާ ވާދަކުރެއްވި އިންތިއަށް ތާއިދުކުރައްވާ ބަހުގެ އެކި ހަމަލާތައްވެސް ދެއްވި އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދުވެސް ވަނީ ފައްޔާޟް އިސްމާއިލާއެކު އެމްޑީޕީއަށް އިތުރު ކާމިޔާބީތައް ލިބޭނެކަމާމެދު ޝައްކު ނުކުރައްވާކަމަށް ވިދާޅުވެފައެވެ.

މިމަހުގެ 14 ވަނަދުވަހު ބޭއްވި އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ފައްޔާޟް އިސްމާއިލު ކާމިޔާބު ކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާ ވާދަކުރައްވާ ބޮޑު ތަފާތަކުންނެވެ. އެމްޑީޕީން ޢާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން މި އިންތިޚާބުގައި ފައްޔާޒަށް ލިބިވަޑައިގަތީ 27،163 ވޯޓެވެ. އިމްތިޔާޒަށް ލިބިވަޑައިގަތީ 19،980 ވޯޓެވެ. ޖުމްލަ 48،107 މީހަކު ވޯޓްލާފައިވެއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމު ކާމިޔާބުކުރައްވާ މިނިސްޓަރ ފައްޔާޟް ވިދާޅުވީ އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނީ ޕާޓީ ހަރުދަނާކޮށް، 2023ގެ އިންތިޚާބު އެޕާޓީއަށް ކާމިޔާބުކޮށްދިނުމަށްކަމަށެވެ.