މުނިފޫހިފިލުވުން

" މޯލްޑިވިއަން އައިޑަލް " ޕްރިމިއާކުރުން މިރޭ


ފްރެންޗައިޒް އުސޫލުން ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް" ގެ ފުރަތަމަ ސީޒަން ޕްރިމިއަރކުރުން މިރޭ އޮންނާނެއެވެ. މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ އެޕިސޯޑު މިރޭ 22:30 ގައި ޓީ.ވީ.އެމުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތަކުގެ އެޕިސޯޑުތައް މިރެއިން ފެށިގެން ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހެއްގެ ރޭ، 22:30 ގައި ޓީ.ވީ.އެމުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ދެއްކުމަށް ހަމަޖެހިފައި ވަނީ މާލޭ ސިޓީގައި ބޭއްވި އޮޑިޝަންގެ އެންމެ ފުރަތަމަ އެޕިސޯޑެވެ. މި ޝޯވއިން ބެލުންތެރިންނަށް ވަރަށް ބޮޑު ތަފާތުކަމެއް ފެނިގެންދާނެކަން އައިޑަލްގެ ޕްރޮޖެކްޓް ޓީމުން ހާމަކުރެއެވެ. އެގޮތުން މިއީ، ޝޯވގައި ބައިވެރިވި ފަރާތްތަކާއި ޖަޖުންގެ އިތުރުން، ޕްރޮޑަކްޝަންގެ ދާއިރާއިންނާއި، ޓެކްނިކަލްގޮތުންވެސް މުޅި ކްރޫއަށް ލިބިގެންދިޔަ ތަޖުރިބާއެއްގެ ގޮތުގައި މޯލްޑިވިއަން އައިޑަލްގެ ޕްރޮޖެކްޓް ހެޑް، ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިމިނަތު ޝާޔަން ޝާހިދު ވިދާޅުވިއެވެ. ޝާޔަން ވިދާޅުވީ، ރާއްޖޭގައި ބާއްވާ ލަވަކިޔުމުގެ އެހެން މުބާރާތްތަކާއި ޚިލާފަށް، މި ޝޯވގެ ތެރެއިން ބައިވެރިންގެ ހުނަރު ކުރިއެރުވުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާފައިވާނެކަމަށެވެ.ޕީ.އެސް.އެމްގެ ފަރާތުން "އައިޑަލް" މި ޝޯވ ރާއްޖެ ގެނައުމުގެ އެންމެ ބޮޑު އެއް މަޤުސަދަކީވެސް މިއުޒިކްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދީ، ހުނަރުވެރި ކުޅަދާނަ ފަންނާނުންތަކެއް ދިވެހި މިއުޒިކްގެ ދާއިރާއަށް ނެރެދިނުމެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުން، 600 ވުރެ ގިނަ ބައިވެރިންގެ ތެރެއިން އެންމެ ރަނގަޅު ބައިވެރިން ހޮވުން ވެގެންދިޔައީ، ކުރިމަތިވި ވަރަށްވެސް ބޮޑު ގޮންޖެހުމަކަށްކަން ޝޯވްގެ ޖަޖުންކަމަށްވާ އައްމަޑޭ، އުނޫޝާ، އަދި ކުޑަ އިއްބެވެސް ވަނީ ފާހަގަކޮށްފައެވެ. މާލޭ ސިޓީގެ އިތުރުން، ރާއްޖޭގެ 4 ސަރަޙައްދެއްގައި މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތައް ވަނީ ބާއްވާފައެވެ. މި ޝޯވގެ ޓްރެއިލާތައް ޓީ.ވީ.އެމުން މިހާރު ދައްކަން ފަށާފައިވާއިރު، މި ޝޯވއަށް ބޭލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ލިބިގެންދާނެކަމަށް ޕީ.އެސް.އެމުން ޤަބޫލުކުރެއެވެ. މިހާރު ކަނޑައެޅިފައިވާ ގޮތުންނަމަ، އޮޑިޝަންތައް ދައްކާ ނިމުމުން، މޯލްޑިވިއަން އައިޑަލްގެ ގާލާ ރައުންޑް އަންނަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އަދި ގްރޭންޑް ފިނާލޭ އަންނަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހު ޓީ.ވީ.އެމުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް ހޯދާ ފަރާތަކަށް ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި ދުއިސައްތަ ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ.މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތައް މިރޭ ޓީވީއެމްއިން ދައްކަން ފަށާއިރު، އޮލިމްޕަހުގައާއި ޝްވެކް ސިނަމާގައި އެޗްޑީކޮށް ޝޯވް ބެެމުމުގެ އިންތިޒާމް ވަނީ ޕީއެސްއެމްއިން ހަމަޖައްސަވާފައެވެ. މީގެ އިތުރުން މީޑިއާ ނެޓްގެ އައިސް ޓީވީ ޗެނަލްއިންވެސް މިޝޯވ އެޗްޑީކޮށް ފެންނާނެއެވެ.