ޚަބަރު

ލަމްހާއާއި ދެކޮޅަށް 100އަށްވުރެ ގިނަ ހެކި


އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންގެ ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ ޅ.ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނާ ދެކޮޅަށް 100އަށްވުރެ ގިނަ ހެކި ދައުލަތުން ހުށަހަޅައި، އެ މައްސަލަ މަދަނީ މިންގަނޑުން ކުރިޔަށް ގެންދިއުމަށް ޝަރީއަތުން ނިންމައިފިއެވެ.

މޭރީ މަރާލާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހުއެވެ. މި މައްސަލާގައި ލަމްހާގެ މައްޗަށް ދައުވާ ކުރަނީ އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ އޭނާ ފިރިމީހާ މާވިންއާ ގުޅިގެން މޭރީ މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ކުރިޔަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ކުރިޔަށް ގެންގޮސްފައިވަނީ ހެކި ހުށަހެޅުމެވެ. އެގޮތުން ދައުލަތުގެ ފަރާތުން ލަމްހާގެ މައްޗަށް ކުރާ ދައުވާތަކަށް ދެ ފަރާތުން ވަނީ ހެކި ހުށަހަޅާފައެވެ. ލަމްހާގެ މައްޗަށް އުފުލާފައިވާ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުކުރުމަށް 110 ހެކި ދައުލަތުން ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރެއިން 74 ހެކިންނަނީ ޝަފަހީ ހެއްކެވެ. އަނެއް ދެ ދައުވާ ސާބިތުކުރުމަށް 18 ހެކިން ހުށަހަޅާފައިވާއިރު އޭގެތެރޭގައި 11 ޝަފަހީ ހެކިން ހިމެނެއެވެ. ދައުލަތުން ލިޔުމުން ތަފްސީލީ ގޮތެއްގައި އެ ހެކިތައް ހުށަހަޅާ ސަބަބު ބަޔާންކޮށްފައިވާތީ އަޑުއެހުމުގައި ކިޔައިދީފައެއް ނުވެއެވެ.

މި އަޑުއެހުމުގައި ލަމްހާގެ ފަރާތުންވެސް 11 ދިފާއީ ހެއްކެއް ހުށައެޅިއެވެ. އެގޮތުން މޭރީއާ މާވިންގެ ދަރިފުޅު އަބަދުވެސް ގެއަށް ގެނެސްގެން ބަލައިދޭކަން ސާބިތުކުރަން އޭނާގެ ގޭގައި ދިރިއުޅޭ ދެމީހެއްގެ ނަން ހުށަހެޅިއެވެ. އަދި ފުލުސް އޮފިސަރުންނާއި އައިޖީއެމްއެޗްގެ މުވައްޒަފުންގެ އިތުރުން މޭރީގެ އޮޓޮޕްސީ ރިޕޯޓު ހެދި ދެ ޑޮކްޓަރުންވެސް ލަމްހާގެ ދިފާއުގެ ގޮތުގައި ވަނީ ހުށަހަޅާފައެވެ.

ލަމްހާ ސާބިތުކޮށްދޭން ބޭނުންވަނީ ލަމްހާގެ ގެއިން ފެނުނު ބޭސްތަކަކީ ހަމައެކަނި އައިޖީއެމްއެޗްގައި ބޭނުންކުރާ އެއްޗެހި ނޫން ކަމެވެ. އަދި އެއީ ހަމައެކަނި އެސްޓީއޯއިން އެތެރެކުރާ ބޭސްތަކެއް ނޫންކަމާއި، ފުލުހުން މެދުވެރިކޮށް ލަމްހާ ދިރިއުޅޭ ގެ ބަލައި ފާސްކުރި ގޮތާއި ހޯދި ތަކެތި ސީލްކުރި ގޮތް ސާފުކުރަން ބޭނުންވާކަމަށްވެސް ވަނީ ބުނެފައެވެ.

ލަމްހާގެ ދިފާއީ ވަކީލް ވިދާޅުވެފައި ވަނީ ލަމްހާގެ ގެއިން ފެނުނު ބޭސްތަކަކީ ހަމައެކަނި އެސްޓީއޯއިން އެތެރެކުރާ ބޭސްތަކެއް ނޫންކަން ސާބިތުކުރުމަށް ކަސްޓަމްސްގެ ރިކޯޑުތަކެއް ހޯދަން އެދިފައިވާނެ ކަމަށެވެ. އަދި އެއް ބެޗް ނަންބަރުތަކެއްގެ ބޭސްތަކެއް އޭޑީކޭއާއި އަމިއްލަ ކްލިނިކްތަކުގައި ވެސް ހުރިކަން ސާބިތުކުރަން އެމީހުން މެދުވެރިކޮށް ވެސް މައުލޫމާތު ހޯދަން އެދިފައިވާ ކަމަށެވެ.

ލަމްހާ ގޭ ބަންދަށް ބަދަލުކުރަން އޭނާގެ ފަރާތުން އެދިފައިވާތީ ދައުލަތުން ވަނީ ލަމްހާގެ ސިއްހީ މައްސަލަތަކާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލަށް ދެއްކުމުން ދެ ތަނުން ދިން ލަފާގައި މާ ބޮޑު ތަފާތެއް ނެތްކަމަށް ވިދާޅުވެފައެވެ. އެގޮތުން ފިޒިއޮތޮރަޕީއާއި ކަސްރަތު ކުރަން ލަފާ ދީފައިވާތީ ޖަލުގައި އެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށްވެސް ދައުލަތުން ވިދާޅުވިއެވެ.

މިވާހަތަކާއި ގުޅިގެން ލަމްހާ ބުނީ އަދިވެސް އޭނާ ބާލިދީގައި ފެން އުފުލަންޖެހޭ ކަމަށެވެ. އެތަނުގެ ފާހާނާގައި ފްލެޝް ޓޭންކެއް ނުހުންނާތީ ޖެހެނީ ބާލިދީން ފެން އަޅަންކަމަށް ލަމްހާ ބުންޏެވެ. އަދި ހޮޅިން އެކަން ނުވާ ކަމަށް އޭނާ ބުންޏެވެ. ދިފާއުން ފާހަގަކުރީ ލަމްހާއަށް އަދިވެސް ބެޑްރެސްޓް ނުލިބޭ ކަމަށެވެ. ޑޮކްޓަރު ދީފައިވާ ލަފާގައިވަނީ ގޭގައި ބެޑްރެސްޓް ކުރުންކަމަށް ވެސް ފާހަގަކުރިއެވެ. އެކަމަކު ދައުލަތުން ބުނީ އެކަން މާނަކުރާނީ އެމީހަކު އެވަގުތަކު ހުރި ތަނަކަށްކަމަށެވެ.

ދައުލަތުން ވިދާޅުވީ ޑޮކްޓަރުންގެ ލަފައާ ގުޅިގެން ލަމްހާގެ ބޭސްފަރުވާގެ ކަންކަން ޖަލުގައި ހަމަޖައްސައިދީފައިވާ ކަމަށެވެ. އެގޮތުން، ބަރު އެއްޗެހި ނުއުފުލަން ލަފާ ދީފައިވާތީ ފެން ބާލިދީ އުފުލަން ނުޖެހޭ ގޮތަށް އިސްކުރުގައި ހަރުކުރާނެ ހޮޅިއެއް ފޯރުކޮށްދީފައިވާ ކަމަށެވެ.

ލަމްހާގެ ބަންދާ ގުޅޭގޮތުން ދައުލަތުން އިތުރަށް ޖަވާބުދާރީވާން ބޭނުންވާތީ އޭނާގެ ބަންދު މުރާޖަޢާއާ މެދު މި އަޑުއެހުމުގައިވެސް ފަހުގެ ނިންމުމެއް ނުނިންމައެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި އެބައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.