ހުޅުމާލެ ފޭސް 2ގައި ބިނާކުރާ އިސްލާމިކް ސެންޓަރު ޑިޒައިން ކުރުމަށް ހުޅުވާލައިފިއެވެ.
ފޭސް 2ގައި ބިނާކުރާ އިސްލާމިކް ސެންޓަރު ޑިޒައިންކުރުމަށް ހުޅުވާލާފައިވާއިރު، މިކަމަށް ވަނީ 1 މިލިއަން ރުފިޔާގެ އިނާމެއް ހުށަހަޅާފައެވެ.
ހުޅުމާލެ ފޭސް 2 ގައި ބިނާކުރާ ޒަމާނީ ފެންވަރުގެ އިސްލާމިކް ސެންޓަރު ޑިޒައިން ކުރުމަށް ރާއްޖޭގެ ކޮންމެ އާކިޓެކްޗަރަކަށްވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ. މި މުބާރާތުން 1 ވަނައަށް ދާ ފަރާތަކަށް 7 ލައްކަ ރުފިޔާ، 2 ވަނަ އަށް ދާ ފަރާތަކަށް 2 ލައްކަ ރުފިޔާ އަދި 3 ވަނަ އަށް ދާ ފަރާތަކަށް 1 ލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިސްލާމިކް ސެންޓަރުގެ މި ޑިޒައިންގައި ނަމާދުކުރެވޭނެ ތަނަކާއި ޕާކިންގ އޭރިއެއް، އޮފީސްބައި، މަލްޓީޕާޕަސް ހޯލް، ސެމިނަރ ރޫމް، ލައިބްރަރީ އަދި ސްޓާފް ކެންޓީނާއި ކްލާސްރޫމްތަކާއި ކޮމާޝަލް އޭރިއާއެއްގެ އިތުރުން ރެކްރިއޭޝަނަލް އޭރިއޭއެއް ހިމެނޭނެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ދެވަނަ ފިޔަވަހީގައި ބިނާކުރާ އިސްލާމިކް ސެންޓަރަކީ ތަފާތު އާ ޑިޒައިނަކަށް ހަދާ ތަނަކަށްވާއިރު، މިކަމަށް ހުށަހަޅާ ޑިޒައިންތަކަކީ މީގެކުރިން އެއްވެސް ތަނަކުން ބޭނުންކޮށްފައިވާ ޑިޒައިނަކަށް ވެގެން ނުވާނެކަމަށެވެ.
1 މިލިއަން ރުފިޔާގެ އިނާމާއެކު ހުޅުމާލެ ފޭސް 2ގެ އިސްލާމިކް ސެންޓަރުގެ ޑިޒައިން ހެދުމަށް ހުޅުވާލައިފިhttps://t.co/JEd1isrDE6 pic.twitter.com/z7noDhCC7j
— Ministry of Islamic Affairs (@MVIaffairs) May 19, 2022
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އޮގަސްޓް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުގައިވާ ގޫގްލް ފޯމު މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި މި މުބާރާތާބެހޭ މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
މި މުބާރާތާ ގުޅޭ އެއްވެސް މަޢުލޫތެއް ބޭނުންވާނަމަ ޖޫންމަހުގެ 7 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީގެ ރަސްމީ މެއިލް [email protected] އަށް ފޮނުވުމަށް އެ މިނިސްޓްރީން އެދެއެވެ. އަދި މެއިލް ކުރައްވާ ސުވާލުތަކަށް ޖޫން މަހުގެ 13 ވަނަ ދުވަހުގެ ކުރިން ޖަވާބު ލިބިގެންދާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.