ޚަބަރު

ސުވިޑަންނާއި ފިންލޭންޑުގެ މައްސަލާގައި ތުރުކީވިލާތް ރުއްސަން އެމެރިކާ މަސައްކަތްކުރަނީ


ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ މެންބަރުކަން ހޯދުމަށް ސުވިޑަންނާއި ފިންލޭންޑުން ރަސްމީ ލިޔެކިޔުންތައް ހުށަހެޅުމުން ތުރުކީވިލާތުން ނުރުހުންފާޅުކުރުމުން އެ ޤައުމު ރުއްސުމުގެ މަސައްކަތް އެމެރިކާއިން ފަށައިފިއެވެ.

ސުވިޑަންނާއި ފިންލޭންޑަށް ނޭޓޯގެ މެންބަރުކަން ދިނުމަށް ފާއިތުވި ދުވަސްތަކުގެ ތެރޭގައި ތުރުކީވިލާތުންވަނީ ވަރަށް ބޮޑަށް ދެކޮޅުހަދައިފައެވެ. ތުރުކީވިލާތުން ތުޙުމަތުކޮށްފައިވާ ގޮތުގައި ސުވިޑަންނާއި ފިންލޭންޑަކީ ކުރުދީ ހަނގުރާމަވެރި ޖަމާޢަތްތަކަށް އެހީތެރިކަމާއި އެއްބާރުލުމާއި ޙިމާޔަތްދެމުންދާ ދެ ޤައުމެވެ. އަދި އެއީ ނޭޓޯގެ މެންބަރު ޤައުމެއްގެ ކިބައިން ތުރުކީވިލާތުން ބަލައިގަންނާނެކަމެއް ނޫންކަމަށްވެސް އެ ޤައުމުން ބުނެފައިވެއެވެ.

ސުވިޑަންނާއި ފިންލޭންޑަށް ނޭޓޯގެ މެންބަރުކަން ދިނުމަށް ތުރުކީވިލާތުގެ ތާޢީދު ހޯއްދެވުމަށް އެމެރިކާގެ ޚާރިޖީވަޒީރު އެންތޮނީ ބުލިންކެންވަނީ ތުރުކީވިލާތަށް ވަޑައިގެން އެ ޤައުމުގެ ޚާރިޖީ ވަޒީރު މަވުލޫތު ޗޮވުޝޮގުލޫއާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމަށްފަހު ޗޮވުޝޮގުލޫ ވިދާޅުވީ ސުވިޑަންނާއި ފިންލޭންޑުގެ ސަލާމަތީ ކަންބޮޑުވުންތައް ތުރުކީވިލާތުން ބަލައިގަންނަކަމަށާއި ތުރުކީވިލާތުގެ ސަލާމަތީ ކަންބޮޑުވުންތައް އެމެރިކާއިންވެސް ބަލައިގަންނަން ޖެހޭނެކަމަށެވެ. އަދި ތުރުކީވިލާތާއި ގުރީސާމެދު ޢަމަލުކުރުމުގައި އެމެރިކާއިން ތަފާތުކުރުން ގެންގުޅެގެންނުވާނެކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ފިނި ހަނގުރާމައިގެ ދުވަސްވަރުން ފެށިގެން ސުވިޑަންނާއި ފިންލޭންޑަކީ އެއްވެސް ކޮޅަކަށް ނުޖެހި އޮތް ދެ ޤައުމެވެ. ނަމަވެސް އަވަށްޓެރި ޔޫކްރެއިނަށް ރަޝިޔާއިން ވަރުގަދަ ޙަމަލާތަކެއް ދޭން ފެށުމުން ސުވިޑަންނާއި ފިންލޭންޑުގެ ޢާއްމުންގެ ވިސްނުން ބަދަލުވެ ނޭޓޯއާ ގުޅުމަށް ބޭނުންވިއެވެ. އޭގެ މައިގަނޑު ސަބަބަކީ ރަޝިޔާގެ ޙަމަލާއަކުން އެ ދެ ޤައުމު ދިފާޢުކޮށްދިނުމަށް ނޭޓޯއަށް މަޖުބޫރުވާނެތީއެވެ. އެހެންކަމުން ސުވިޑަންނާއި ފިންލޭންޑަށް ރަޝިޔާއިން ޙަމަލާދިނުމުގެ ފުރުޞަތު ކުޑަވާނެކަމަށް އެ ދެ ޤައުމުން ޤަބޫލުކުރެއެވެ. ޚާއްޞަ ގޮތެއްގައި ފިންލޭންޑަކީ ރަޝިޔާއާ ސަރަޙައްދީ ރޮނގު ޙިއްޞާކުރައި ޤައުމެކެވެ. އަދި އެ ޤައުމަކީ ވަރަށް ބޮޑަށް ރަޝިޔާއަށް ބަރޯސާވަމުންދާ ޤައުމެކެވެ. ރަޝިޔާއިން މީގެ ކުރިން ބުނެފައިވަނީ ސުވިޑަންނާއި ފިންލޭންޑުން ނޭޓޯއާ ގުޅިއްޖެނަމަ އެ ދެ ޤައުމާ ދެކޮޅަށްވެސް ފިޔަވަޅުއަޅާނެކަމަށެވެ. ނަމަވެސް ފަހުން ރަޝިޔާއިން ބުނެފައިވަނީ ސުވިޑަންނާއި ފިންލޭންޑުން ނޭޓޯގެ މެންބަރުކަން ހޯދި ނަމަވެސް އެ ދެ ޤައުމުގެ އަސްކަރިއްޔާ ވަރުގަދަކޮށް ޒަމާނީ ހަތިޔާރާއި ނިޔުކްލިޔަރ ހަތިޔާރާއެކު ނޭޓޯގެ ސިފައިން ރަޝިޔާގެ ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާނުކުރާނަމަ މައްސަލައެއް ނެތްކަމަށެވެ.