ވިޔަފާރި

މިދިޔަ ކުއާޓާގައި ބީއެމްއެލްއަށް 236 މިލިޔަން ރުފިޔާގެ ފައިދާއެއް


މިދިޔަ ކުއާޓާރގައި 236 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ހާމަކޮށްފިއެވެ.މި ނިމުނު 2015ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ފައިދާ އިތުރުވެފައިވާއިރު ފާއިތުވި އަހަރަކީ އެ ބޭންކުން އެންމެ ބޮޑު އިންވެސްޓްމަންޓެއްވެސް ކުރި އަހަރެވެ. އެގޮތުން 150 މިލިއަން ރުފިޔާގެ އިންވެސްޓެއްކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެއެވެ. މި ފައިސާ އިންވެސްޓްކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗުތަކާއި، އޭޓީއެމް ޓެކްނޮލޮޖީ ތަރައްޤީކޮށް، ރާއްޖޭގެ ހުރިހާ ރަށަކަށް ކޭޝް އެޖެންޓުންގެ ޚިދުމަތް ފޯރުކޮށްދިނުމަށެވެ.ބޭންކް އޮފް މޯލްޑިވްސްގެ 2015 ވަނައަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުތައް ދައްކާގޮތުން ގިނަ ދާއިރާތަކުން ލިބުނު ކުރިއެރުމާއެކު މުޅިއަހަރުގެ ފައިދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 13 އިންސައްތައިގެ ކުރިއެރުމެއްވަނީ ހޯދާފައެވެ. މިއީ ޓެކުހަށް ކެނޑުމަށްފަހު ލިބުނު ޢާމްދަނީގެ މިންވަރެވެ.150 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓަކާއެކު ހޯދި މިކާމިޔާބީއާއެކު ބޭންކުން 2015 ވަނައަހަރު ދޫކުރި ލޯނުގެ ޢަދަދުވެސް 3.4 ބިލިއަނަށް އަރާފައިވެއެވެ. މިއީ އޭގެ ކުރީ އަހަރު ލޯނު ދޫކުރި އަދަދާއި އަޅާބަލާއިރު ދެގުނަ ބޮޑު ޢަދަދެއްކަމަށް ބޭންކުން ބުނެއެވެ. އަދި ބޭންކުން ދޫކުރާ ލޯނު އިތުރުވެ ފައިސާ ނުދައްކާ ލޯނުތަކުގެ ނިސްބަތް 12 އިންސައްތަ ދަށްވެފައިވެއެވެ.ބީއެމްއެލްގެ މިދިޔައަހަރުގެ ރައުސުލްމާލުގެ މިންވަރުވެސް ޤާނޫނު ލާޒިމްކުރާ މިންގަނޑަށް އިތުރުކަމަށް ބޭންކުން ބުނެއެވެ. މުޅި ރާއްޖެއަށް ބޭންކިންގެ ޚިދުމަތް ފޯރުކޯށްދޭ ބޭންކް އޮފް މޯލްޑިވްސްއިން 27 ބްރާންޗާއި، 75 އޭޓީއެމް ޤާއިމްކުރައްވާފައިވެއެވެ. އަދި 3100 ޕީއޯއެސް މަރަޗަންޓުންނާއި، 117 ކޭޝްކާޑު އޭޖެންޓުންނާއި، 9 ސެލްފްސަރވިސް ބޭންކިންގ ސެންޓަރު ހަމަޖައްސާފައިވެއެވެ. މީގެއިތުރުން 5 ދޯނި ބޭންކިން ޔުނިޓް އެކުލެވޭ ބޭންކިންގ ވިއުގައަކާއެކު ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ބޭންކުގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދެމުންނެވެ.ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ބޭންކުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދީ ޤައުމުގެ ކުރިއެރުމަށް އިންވެސްޓުކުރުމަކީ ސަރުކާރާއި ރައްޔިތުން ޙިއްޞާވާ އެންމެ ބޮޑު ބޭންކަށް ލިބޭ އެންމެބޮޑު ހިތްހަމަޖެހުން ކަމުގައެވެ.