ޚަބަރު

ވޭތުވެދިޔަ 3 އަހަރު ތެރޭގައި އެކިއެކި ރަށްރަށަށް 139 އެމްބިއުލާންސް


ވޭތުވޭދިޔަ 3 އަހަރުތެރޭގައި މުޅިން އައު 139 އެމްބިއުލާންސް އަތޮޅުތެރޭގެ ރަށްރަށަށް ފޮނުވާފައިވާކަމަށް މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ އެމިނިސްޓްރީގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ދެމުން އަންނަ އެމްބިއުލާންސްގެ ޚިދުމަތް މެދުކެނޑުމެއްނެތި ދިނުންކަމަށެވެ.

ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތެއްގައި ކުއްލި ފަރުވާގެ ދާއިރާ ވަރުގަދަކުރުމަށް އެމްބިއުލާންސްއަކީ ކޮންމެހެން ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި ހަމަވާންޖެހޭ ވަޞީލަތެކެވެ. އެހެންނަމަވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި އެއްގޮތަކަށްވެސް ބޭނުންނުކުރެވޭ ޙާލަތުގައި އެމްބިއުލާންސް ހުރުމަކީ ރައްޔިތުންގެ ޝަކުވާއާއި ކަންބޮޑުވުން އިތުރުވިކަމެކެވެ. މިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން ވަނީ ރާއްޖެއަށް މެޑިކަލް ކޮންސިއުމަބްލްސް އެތެރެކުރާ މައި ކުންފުނި އެސްޓީއޯ މެދުވެރިކޮށް އަތޮޅުތެރެއަށް ބޭނުންވާ 96 ޕެރަމެޑިކް އެމްބިއުލާންސް ހޯދާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް ވިދާޅުވީ އަންނަ ޖޫންމަހުގައި ރާއްޖެއަށް އިތުރު 8 އެމްބިއުލާންސް ޖަޕާނު ސަރުކާރުގެ އެހީގައި ގެންނާނެކަމަށެވެ. އާދިލް ވިދާޅުވީ މިވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި އަތޮޅުތެރެއަށް ބޭނުންވާ 139 އެމްބިއުލާންސް ސަރުކާރުން ގެނެސްފައިވާކަމަށެވެ. މިއާއެކު ސިއްޙީ ޚިދުމަތް ދޭ ތަންތަނަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައަކަށް އެދެވޭ ބަދަލެއް ގެނެވިފައިވާކަމަށް އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ ހަލާކުވެފައިވާ ބައެއް އެމްބިއުލާންސްތައް މަރާމާތުކޮށް ޚިދުމަތަށް ނެރެފައިވާއިރު ކުދި ސައިޒުގެ 18 އެމްބިއުލާންސްވެސް ވަގުތީގޮތުން ފޮނުވާފައިވާކަމަށެވެ. އެހެންނަމަވެސް އެއީ ސަރުކާރުން އެންމެ އެދޭ ގޮތް ނޫންކަމަށާއި މީގެތެރޭގައި ހުރި ދުވަސްވީ އެމްބިއުލާންސްތަކާއި ކުދި އެމްބިއުލާންސްތައް އައުކޮށް ރަނގަޅު ފެންވަރުގެ ޚިދުމަތެއް ދިނުމަށް މިނިސްޓްރީން މަސައްކަތްކުރަމުން އަންނަކަމަށް ސްޓޭޓް މިނިސްޓަރ އާދިލް ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްތަކުގައި ހުރި އެމްބިއުލާންސްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވެހިކަލްތައް ސަރވިސް ކުރެވޭނެ ރަނގަޅު ނިޒާމެއް އަދި ޤާއިމުވެފައި ނެތުމެވެ. ހަރުދަނާ ސިއްޙީ ނިޒާމެއްގައި ފެންވަރު ރަނގަޅު ކުއްލި ފަރުވާގެ ޚިދުމަތަކީ ލާޒިމުކަމެކެވެ. މިކަން ކަށަވަރުކުރުމަށް އެމްބިއުލާންސް ރާއްޖޭގެ ސިއްޙީ ޚިދުމަތްދޭ ހުރިހާ ތަނެއްގައި ހަމަކުރަންޖެހެއެވެ. މީގެތެރޭގައި އެމްބިއުލާންސްއާއި ސީއެމްބިއުލާންސްވެސް ހަމަކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.