ޚަބަރު

ދިފާއީ ގުޅުން ވަރުގަދަކުރުމަށް އިންޑިޔާއިން ވަޢުދުވެއްޖެ


އިންޑިޔާއިން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން ދީފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިފާޢީ ވަޒީރު އާދަމް ޝަރީފު ޢުމަރާއި އިންޑިއާގެ ދިފާޢީ ވަޒީރު މަނޯހަރް ޕައްރީކަރާ ދެމެދު ބޭއްވެވި މަޝްވަރާތަކާބެހޭ ގޮތުން އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ދިފާޢީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އިންޑިއާއިން ވަޢުދުވެފައިވާކަމަށެވެ.މި ގޮތުން، ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވަނީ، ރާއްޖޭގެ ދިފާޢީ ވަޒީރު އާދަމް ޝަރީފު ޢުމަރާއި މަނޯހަރް ޕައްރީކަރާ ދެމެދު ބޭއްވެވި މަޝްވަރާތަކުގައި އިންޑިއާއާއި ރާއްޖެއާ ދެމެދު ދިފާޢި ދާއިރާއިން މީހުން ތަމްރީނުކުރުމާއި، ގުޅިފައިވާ އަސްކަރީ ތަމްރީނުތައް ބޭއްވުމާއި އަދި އަސްކަރީ ސާމާނު ރާއްޖެއަށް ފޯރުކޮށްދިނުމާއި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި އިންޑިއާ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށެވެ.މި މަހުގެ އަށާރައިން ފެށިގެން މިއަދުގެ ނިޔަލަށް އާދަމް ޝަރީފު ޢުމަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އިންޑިއާގެ ދިފާޢީ ވަޒީރުގެ އިތުރުން އެ ޤައުމުގެ ޤައުމީ ސަލާމަތާބެހޭ މުޝީރު އަޖިތް ދޯވާލާއި އަދި ފޮރިން ސެކްރެޓަރީ އެސް. ޖައިޝަންކަރާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ހަރުދަނާކުރުމާބެހޭ މުހިއްމު މަޝްވަރާތަކެއް ކުރައްވާފައިވެއެވެ.މި ދަތުރުފުޅުގައި ބޭއްވެވި މަޝްވަރާތަކަށްފަހު އިންޑިއާގެ އަސްކަރިއްޔާއިން ވަނީ އަސްކަރީ މަތިންދާބޯޓަކާއި ހެލިކޮޕްޓަރެއް ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވާކަންވެސް އިޢުލާނުކޮށްފައެވެ.