ސިޔާސީ

ހަނިމާދޫ ދާއިރާގެ މެމްބަރު ޕީޕީއެމް އާއި ގުޅިވަޑައިގެންފި


ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ޙުސައިން ޝަހުދީ  ޕީޕީއެމަށް ސޮއިކުރައްވައިފިއެވެ.ޝަހުދީ ޕީޕީއެމަށް ސޮއިކުރެއްވި މެމްބަރޝިޕް ފޯމް ވަނީ މިރޭ ކުރިއަށްދިޔަ "ޕީޕީއެމް އެމްޑީއޭގެ" ޖަލްސާގައި އެޕާޓީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ހަވާލުކުރައްވާފައެވެ. ޝަހުދީ ޕީޕީއެމާއި ގުޅިވަޑައިގަތުމުން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީޕީއެމްގެ މެމްބަރުންގެ ޢަދަދު ވަނީ 45 އަރާފައެވެ. އަދި މިއާއިއެކު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ޢަދަދު ވަނީ 10 ދަށްވެފައެވެ.މިރޭ ކާނިވާ ސަރަހައްދުގައި ކުރިއަށްދިޔަ ޕީޕީއެމް އެމްޑިއޭ ކޯލިޝަން ޖަލްސާގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުﷲ މުޙައްމަދު ވަނީ ޕީޕީއެމާއި ގުޅިވަޑައިގެންފައެވެ. މީގެ އިތުރުން ގިނަ ޢަދަދެއްގެ ބަޔަކު ޕީޕީއެމާއި ގުޅިވަޑައިގަތް ފޯމު ރައީސް މައުމޫނާ ހަވާލުކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ބައެއް ރަށްރަށުގެ ކައުންސިލަރުންނާއި، ސަރުކާރާ ރައްޔިތުން ޙިއްސާވާ ކުންފުނި އެމްޓީސީސީގެ ބައެއް މުވައްޒަފުންނާއި އާންމުންވެސް ހިމެނެއެވެ.