ޚަބަރު

95 ގަޑިއިރު ހަމަކޮށް "މަޖީދީ ރަން" ކާމިޔާބުކަމާއެކު ނިންމާލައިފި


95 ގަޑިއިރު ހަމަކޮށް "މަޖީދީ ރަން" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ދުވުމަކީ މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަކުރުމާއި އެ ސްކޫލަށް 100 އަހަރު ފުރޭ ކައުންޓްޑައުން ފެށުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. ހުކުރު ދުވަހުގެރޭ ފެށި މަޖީދީ ރަން އިފްތިތާހުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ.

މަޖީދީ ރަން ފަށާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ 21:30 ގައި މަޖީދިއްޔާ ސްކޫލުގެ ދާރުލްޢުލޫމް ހޯލުންނެވެ. މި ދުވުން ފަށްޓަވައިދެއްވީ މަޖީދިއްޔާ ސްކޫލް އެބޭފުޅަކަށް ނިސްބަތްވެވަޑައިގަންނަވާ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީންގެ ކާފަދަރިކަލުންކަމަށްވާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި މުޙައްމަދު ޝިހާބެވެ. އަދި ހަމަ އެރޭ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު މުލިއާގޭގެ ކުރިމަތީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދުވުން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

އެއަށްފަހު މެދުކެނޑުމެއްނެތި 3 ދުވަހާއި 23 ގަޑިއިރު ދުވުން ކުރިއަށްގެންގޮސްފައިވާއިރު، ހުޅަނގު މޫސުމުގެ ވިއްސާރައިގެ ތެރޭގައިވެސް ވަރަށް ގިނަ ޢަދަދެއްގެ މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންނާއި، މަޖީދިއްޔާ ސްކޫލުގެ އިސްދަރިވަރުންގެ އިތުރުން، ކުޅިވަރާއި ދުވުމަށް ލޯބިކުރާ ގިނަ ޢަދަދެއްގެ ބަޔަކު ދުވުމުގައި ބައިވެރިވެފައިވެއެވެ.

މި ދުވުން ނިންމާލުމުގެގޮތުން ދުވުމުގެ އެންމެފަހު ވަގުތުކޮޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، ދަޢުލަތުގެ ބައެއް ވަޒީރުން މިރޭ ވަނީ ސިންތެޓްރިކް ޓްރެކުގައި ދުވެވަޑައިގެންފައެވެ. އަދި ދުވުން ނިންމާލާފައިވަނީ މި ދުވުމަށް ޚާއްސަކޮށްގެން ޓްރެކުގައި ދިއްލާފައިވާ ޓޯޗު ނިންވާލުމަށްފަހުއެވެ. މި ޓޯޗު ނިއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މަޖީދީ ރަން ނިންމާލުމަށް ޓްރެކުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުޙައްމަދު ޞާލިޙު ވިދާޅުވީ މި ދުވުމުގެ މަޤްޞަދަކީ ކުރިއަށްއޮތް 5 އަހަރު މަޖީދިއްޔާގެ ތަޞައްވަރަށް ވާޞިލުވުމަށް 100 އަހަރުވާއިރު، މަޖީދިއްޔާގެ ކަންކަން ޙާޞިލުކުރުމަށް ގިނަ ބަޔަކާގުޅިގެން މަސައްކަތް ފެށުންކަމަށެވެ. އަދި މި ދުވުމާއެކު މިކަން ކާމިޔާބުވާނެކަމުގެ މަލަމަތި ފެންނަން ފަށާފައިވާކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

"މި ދުވުމުގައި މަޖީދިއްޔާގެ ތަރައްޤީއަށާއި ތަޢުލީމަށް ލޯބިކުރާ އެތައް ފަރާތެއްގެ ޚިދުމަތް އަޅުގަނޑުމެންނަށް ވަރަށް ގާތުން ލިބިގެންދިޔަ. އެހެންކަމުން އިސްދަރިވަރުންނާއި ސަރުކާރުގެ ކުންފުނިތަކާއި، 100 އަހަރުގެ ކަންކަން ފާހަގަކުރުމަށް އެކުލަވާލެވުނު ސްޓިއަރިންގ ކޮމެޓީއަށް ޝުކުރު އަދާކުރަން. އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކުންވެސް މިކަމަށް ވަރަށް ބޮޑަށް އެހީތެރިވި" އައިޝަތު މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.

މަޖީދީ ރަންގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލުގެ 1400 އެއްހާ ދަރިވަރުން ބައިވެރިވެގެން ޚާއްސަ އައިޓަމެއް ހުށަހަޅައިދީފައިވެއެވެ. ދަނޑުގައި ދަރިވަރުން މި އައިޓަމް ގެނެސްދިން އިރު އެތުރިގެންތިބީ 95 ރަމްޒުވާގޮތަށެވެ.

މަޖީދިއްޔާ ސްކޫލްއަށް 95 އަހަރު ފުރުނީ މިދިޔަ އެޕްރީލްމަހުގެ 19 ވަނަ ދުވަހުއެވެ. ރާއްޖޭގެ ތަޢުލީމީ ނިޒާމު ފެށިގެންދިޔައީ 1927 ވަނަ އަހަރުގެ އޭޕްރިލް 19 ވަނަ ދުވަހު މަދަރުސަތުއްސަނިއްޔާ މިހާރުގެ ނަމުންނަމަ މަޖީދިއްޔާ ސްކޫލާއި އެކުއެވެ. މަޖީދިއްޔާ ސްކޫލަކީ ތަޢުލީމު ދިނުމުގެ އިތުރަށް، މީހުން ބިނާކުރުމުގެ ބުރަ ބޮޑު މަސައްކަތްވެސް ފެށުނު ހިސާބެވެ. އެގޮތުން އަޚުލާގާއި ތަރުބިއްޔަތާއި، އިޖްތިމާއީ ކުރިއެރުމަށް ޒުވާނުން ތައްޔާރުކުރުމާއި، ކުޅިވަރާއި އަދަބިއްޔާތުފަދަ ދާއިރާތަކުން މީހުން ބިނާކުރި ސްކޫލެވެ.

ހަމައެކަނި ފިރިހެން ކުދިންނަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި އެތައް އަހަރަކު އޮތުމަށްފަހު، 2011ވަނަ އަހަރު މަޖީދިއްޔާގައި ދެ ޖިންސަށް ކިޔަވައިދޭން ފެށިއެވެ. މިހާރު އެ ސްކޫލްގައި ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑަށްވެސް ކިޔަވައިދެއެވެ. މަޖީދިއްޔާގައި މިވަގުތު 1500އާއި ގާތްކުރާ އަދަދަކަށް ކުދިން ކިޔަވަމުންދެއެވެ.