ޚަބަރު

ޔޫއެންއެފްސީސީސީގެ އެގްޒެކެޓިވް ސެކްރެޓަރީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައިފި


ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) ގެ އެގްޒެކެޓިވް ސެކްރެޓަރީ ޕެޓްރީޝިއާ އެސްޕިނޯސާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި އެސްޕިނޯސާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވޭ މަޝްވަރާތަކުގައި ރާއްޖެއިން މުހިންމު ދައުރެއް އަދާކުރާ ކަމަށާއި، ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ މައިދާނުގައި މިފަދަ މައްސަލަތަކުގައި ވަކާލާތު ކުރުމުގައި އިތުބާރާއި އިޚްތިޔާރު ލިބިގެންވާ ޤައުމެއް ކަމުގައި ވިދާޅުވިއެވެ. އަދި ސްކޮޓްލެންޑްގެ ގްލާސްގޯގައި ނިމިދިޔަ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 26) ސަމިޓުގައި ދިވެހިރާއްޖެއިން އަޑުއުފުލާފައިވާތީ، އެކަމަނާ ވަނީ ދިވެހިރާއްޖެއަށް ތަޢުރީފުކުރައްވާ، މޫސުމީ ބަދަލުތަކާދެކޮޅަށް ކުރާ މަސައްކަތުގެ ކުރީ ސަފުގައި ކުދި ޖަޒީރާ ޤައުމުތަކުން ހަރަކާތްތެރިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ ދާއިރާއިން ރާއްޖެއިން އެންމެ ބޮޑު އިސްކަމެއް ދެނީ މާލީ އެހީތެރިކަން ހޯދުމަށް ކަމަށާއި އެދެވޭ ގޮތެއްގައި ގޮނޑުދޮށްތައް ޙިމާޔަތްކުރުމަށްޓަކައި ދިވެހިރާއްޖޭގެ ދަޢުލަތުގެ ބަޖެޓުގެ ހަތަރު ގުނަ ޚަރަދުކުރަންޖެހޭނެ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އާމިނަތު ޝައުނާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޞަބްރާ އިބްރާހީމް ނޫރައްދީން އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، ޚަދީޖާ ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ޔޫ.އެން.އެފް.ސީ.ސީ.ސީ.ގެ އެގްޒެކެޓިވް ސެކްރެޓަރީ ރާއްޖެއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ ކްރޮސްރޯޑް މޯލްޑިވްސްގައި މިހާރު ކުރިޔަށްދާ "ގްލާސްގޯ-ޝަރްމުއްޝައިޚް ވަރކް ޕްރޮގްރާމް އޮން ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.